17 ނޮވެންބަރު 2023 - 11:16 0
މަހްފޫޒް ސައީދު
17 ނޮވެންބަރު 2023 - 11:16 0
ދުޅަހެޔޮ ސިޔާސީ ވާދަވެރިކަމަކީ ޑިމޮކްރެސީގެ ރުކުނެކެވެ. ރައްޔިތުން ތާއީދުކުރާންވީ މީހަކު ދެނެގަންނަނީވެސް އެ ވާދަވެރިކަމުގެ ތެރޭގައި އެކަކު އަނެކަކު ސިފަކުރާ ގޮތާއި، އަމިއްލަ ނަފުސު ރައްޔިތުން ކުރިމައްޗަށް ހުށަހަޅާ ގޮތަށް ބަލައި ވަޒަންކޮށްގެންނެވެ. ސިޔާސީ މީހުންގެ ގާބިލުކަމާއި ނަޒާހަތްތެރިކަން ވަޒަންކުރާ މީޒާނަކީ ވެސް ވާދަވެރިންގެ ބަސްމަގު ހުންނަގޮތް ކަމަށް ވަރަށް ގިނަފަހަރު ވެދެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެންނަ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ޒާތީ ހަސަދަވެރިކަން ވަދެފައި ހުންނާތީ ފެންނަނީ މަދެއްކޮށެއް ނޫނެވެ. ފަހުގެ ސިޔާސީ ތާރީހާއި މާ ކުރީގެ ސިޔާސީ ތާރީހުގައިވެސް އެފަދަ ހާދިސާތައް ފެންނާން އެބަހުއްޓެވެ. އެފަދަ ފިތުނަވެރިކަމާ ގުޅުވައި ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިންނާއި ރައީސުންނާއި ސިޔާސީ ވެރިންގެ ބާރުވެރިކަން ގެއްލި ގޮސްފައި ހުރީ މަދު ފަހަރަކުއެއް ނޫނެވެ. އެއިން ކޮންމެ ހާދިސާއަަކަށް ތަހުގީގީ ނަޒަރަކުން ވިސްނާލުމުން އެއްކަމެއް އަނެއްކަމާ ގުޅި އޮޅުންބޮޅުން ވެފައި އޮތް ހައިޖާނުގެ ތެރޭގައި ފެންނާންއޮތީ ހަސަދައާ ފިތުނަވެރިކަމުގެ ހުޅުކޮޅެވެ. ކޮންމެ ފަހަރަކުވެސް އެ ގިނި އަންދައި ރޯކުރަމުން ގެންދިޔައީ އޭގެ ނުރައްކާތެރިކަން އެނގިތިބެމެ އެވެ.
----
ދިވެހިރާއްޖެ ދުށް އެންމެ ހިދުމަތްތެރި ބޭފުޅުންގެ ތެރޭގައި ހުސައިން ސަލާހުއްދީން ހިމެނިވަޑައިގަންނަވާނޭ ކަމާމެދު ދެބަސްވާނޭ މީހަކު ހުރެދާނެޔޭ ހިތެއް ނުބުނެ އެވެ. އެކި ފިކުރުތަކުގައި ލިޔުއްވާފައިވާ ނާވިލުތަކާއި، ހެއްދެވި ޅެންތަކަކީ ދިރިއުޅުމުގެ ހުރިހައި ފިލާވަޅެއް ލިއްބައިދެނިވި 'މަދަރުސާ' ތަކެކެވެ.
ސަލާހުއްދީންގެ ޅެންތަކުގެ ތެރެއިން އެންމެ މަޝްހޫރު 'އަލް އަދަބު' ޅެމަކީ އަޅުގަނޑުމެންގެ ސުކޫލު ދައުރުގެ ހަނދާންތަކާވެސް ގުޅިފައި އޮތް ޅެމެކެވެ. އެ ޅެން ޝަރަހަކުރުމުގެ މަސައްކަތުގެ ތެރޭގައި ކުރެވުނު ބަހުސްތަކާއި، ޅެމުގައި ފުރޮޅާފައި ހުރި ބަސްބަހުގެ މާނަ ހޯދުމަށް ކުރި މަސައްކަތްތަކުގެ ހަނދާނަކީ މިއަދުވެސް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދޭ ހަނދާންތަކެވެ.
'އަލްއަދަބު' ޅެމުގައި ސަލާހުއްދީން ދެއްވާފައިވަނީ ރަނގަޅު ދިރިއުޅުމަކަށް ބޭނުންވާނޭ ހުރިހައި ނަސޭހަތެކެވެ. ޅެމުގައި ހިމެނޭ ބައިތުތަކުގެ ތެރެއިން އަޅުގަނޑު މި ލިޔުމުގައި ފާހަގަކޮށްލާން މިއުޅެނީ އެންމެ ބައިތެކެވެ. ހަސަދަވެރިކަމާ ބެހޭ ގޮތުން އޮތް ބައިތެކެވެ.
މި ބައިތުގައި ބުނެފައިވާ ވާހަކައަށް އިތުރަށް ބާރު ދިނުމުގެ ގޮތުން އެ ޅެމުގައި ބުނެފައި ވެއެވެ.
ސަލާހުއްދީނަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހުރިހައި ކުޅިއެއް އެންމެ ގާތުން ދެކެވަޑައިގަތް ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ ތާރީހު ދިރާސާކުރެއްވި ދާރިސެކެވެ. އެކަމުގެ ތެރޭގައި އުޅުއްވިލެއް ބޮޑުކަމުން، އެމަނިކުފާނުގެ ލިޔުއްވުންތަކާއި، ޅެންތަކަށް އެ މަންޒަރުތަކުގެ އަސަރުނުކޮށް ހުރެދާނޭކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މަތީގައި މި ނަކަލުކުރެވުނު ދެ ބައިތުގައި ވިދާޅުވެފައިވާ ހަސަދަވެރިކަމުގެ ވާހަކައަކީ ވެސް އެމަނިކުފާނަށް އަޖުމަ ބެލުނު ކަންކަމުގެ އަސަރުކަމަށް ބުރަވެވެ އެވެ. މިކަމަށް ބާރު ލިބެނީ ހަސަދަވެރިކަމުގެ ނުބައިކަމާ ގުޅޭގޮތުން އެހެން ޅެންތަކުގައިވެސް ގެންނަވާފައިވާ ބައިތުތަކުގެ ގިނަކަމުންނެވެ.
ސަލާހުއްދީންގެ 'ހިތާމައިގެ ހިތިކަން' މި ޅެމުގެ ދެވަނަ ބައިތުގައި އޮންނަނީ؛
'ރާޒް ދިލް' ޅެމަށް ބައްލަވާށެވެ.
މަޝްހޫރު މޮޓަރުބޯޓު ގަޑުބަޑާ ގުޅިގެން 'މާލެއިން ކޮޅުނބަށް' ނަމުގައި ހެއްދެވި ޅެމުގެ ތާސީރަކީވެސް އެއީ އެވެ.
މިފަދަ ކިތަންމެ ޅެމަކާއި، ކިތަންމެ ބައިތެކެވެ. މިކަންކަމުން އަޅުގަނޑަށް ނެގުނު މާނައަކީ، ހަސަދައިގެ ފިތުނަވެރިކަމާ ގުޅުވައި ތަޖުރިބާ ކުރައްވަންޖެހިވަޑައިގެންފައި ވެދާނޭ ކަންކަމަކީ ސަލާހުއްދީންގެ މަސައްކަތްޕުޅަށް އަސަރު ފޯރުވި ކަންކަންކަމެވެ.
މި ލިޔުމުގެ މައުޟޫއަށް އެނބުރިލަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ މައުޟޫއަކީ ސިޔާސީ ވާދަވެރިކަމާއި ހަސަދަ އެވެ.
އައްސުލްތާން ހާޖީ ހަސަން (ތިންވަނަ) ސިރީ ރާދަވީރު މަހާރަދުން ނުވަތަ ހަދި ހަސަން ރަސްގެފާނަކީ މީލާދީން 1426 ވަނަ އަހަރުން 1453 ވަނަ އަހަރަށް، އަދި 1454 ވަނަ އަހަރުން 1456 ވަނަ އަހަރަށް ދިވެހި ރަސްކަން ކުރެއްވި ރަސްކަލެކެވެ. އެރަދުންގެ ރަސްކަމާ ގުޅޭ މަޝްހޫރު ފޯކުލޯރެެއް އޮވެ އެވެ.
ހަދި ހަސަން ރަސްގެފާނު އެތައް އަހަރުތަކެއް ވަންދެން ރާއްޖޭގެ ރަސްކަން ކުރެއްވުމަށްފަހު، ރަސްކަމުގެ ޒިންމާތަކުން ދުރުވެވަޑައިގެން ހުންނަވަން ގަސްތުކުރައްވައިފި އެވެ. މި ނިންމެވުމަށްފަހު ވެރިކަން ދެއްވީ އެ ރަސްގެފާނުގެ ދަރިކަލުން މުހައްމަދަށެވެ. އެ ރަދުން ރަސްކަމުގެ ތަހުތުގައި ވެޑުވުނީ އައްސުލްތާން ހަދި މުހައްމަދުލް ހިލާލީ ސިރީ ބޮވަނަ އަބާރުނަ މަހާރަދުންގެ ނަންފުޅުގަ އެވެ. ހަދި މުހައްމަދު ރަސްގެފާނަށް ވެރިކަމުގެ ބާރުތައްް ދެއްވުމަށްފަހު ހަދި ހަސަން ރަސްގެފާނު އުޅުއްވީ ކުރީގެ ރަސްގެފާނުގެ ގޮތުގައި ރަސްމީ އިއްޒަތުގަ އެވެ. އާރާއި ބާރާއި ރައްޔިތުން ކުޅަ އިހުތިރާމާއި ގަދަރު ކުޑަ ތަންކޮޅަކުންވެސް އުންޏެއް ނުވެ އެވެ.
މިގޮތުގައި ހިނގަމުންދިޔަ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހެއްގައި ހަދި ހަސަން ރަސްގެފާނު އިންނެވީ ކުޅި ބަލާ ގޭގަ އެވެ. މިހެން އިންނަވަނިކޮށް އޭނާގެ ދަރިކަލުން، ހަދި މުހައްމަދު ރަސްގެފާނު ރަސްމީ އިއްޒަތުގައި، އަރިހު ބޭކަލުންގެ ބޮޑު ވަފުދާއެކު ބެރުދުންމާރި ތާޅަފިލީގައި ހުކުރަށް ވަޑައިގަންނަވާ މަންޒަރު ދެކި ވިދާޅުވެއްޖެ އެވެ. ދިވެހި ރަސްކަމަކީ އަމިއްލަ ދަރިއަކަށްވިޔަސް ދީފައި ހުރެވޭ ވަރުގެ އެއްޗެއް ނޫނެވެ. އެހެން ވިދާޅުވެފައި ދަރިކަލުން ހުކުރުން ވަޑައިގަތުމުގެ ކުރީ ގަނޑުވަރަށް ވަޑައިގެން ނާބުސްހާނާއަށް ބެރުވެރީން އަރުއްވައި ބެރުޖައްސުވައި، ދަރިކަލުން ރަސްކަމުން އަޒުލުކޮށް ހަދި ހަސަން ރަސްގެފާނު އަލުން ރަސްކަމަށް އިސްވިކަން އިއުލާނުކުރައްވައިފި އެވެ.
ހަދި މުހައްމަދުގެ ރަސްކަމުގައި ހަދި ހަސަން ރަސްގެފާނަށް މަދީ ރަސްކަމުގެ ނަންފުޅު އެކަންޏެވެ. ރަސްކަމުގައި ހުންނެވީ ލޮލުގެ ކޮއި ފަދަ ދަރިކަލުންނެވެ. ހުރިހައި އިއްޒަތެއް އޮތީ ހަދި ހަސަން ރަސްގެފާނަށް މިލްކުވެ އެވެ. އެހެންނަމަވެސް އޭނާ ނޫން މީހަކު ވެރިކަން ކުރާތަން ދެކޭން އެ ހިތް މަސަލަހުން ނުއޮތީ އެވެ.
މާ ކުރީގެ ތާރީހަށް ބެލިކަމުގައިވެސް ހަމަ އެމަންޒަރެވެ. އައްސުލްތާން ޖަލާލުއްދީން އުމަރުވީރުގެ ދޮށީ ދަރިކަނބަލުން އައްސުލްތާނާ ހަދީޖާ ރެހެންދި ކަނބައިދިކިލެނގެ ސިރީ ރާދަ އަބާރަނަ މަހާރެހެންދި ނުވަތަ ރެހެންދި ހަދީޖާގެ ރަނިކަމަކީވެސް ހައިޖާނު ބޮޑު ވެރިކަމެކެވެ. އެކަމަނާގެ އަތްޕުޅުން ޖުމުލަ 3 ފަހަރު ރަނިކަމުގެ ބާރުތައް ނުހައްގުން ފިރުކާލެވުނުއިރު ކޮންމެ ފަހަރަކުވެސް އެކަމުގެ އަޑީގައި ތިއްބެވީ އެންމެ ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅުންނެވެ.
މީލާދީން 1341 ވަނަ އަހަރު އެކަމަނާ ރަނިކަމަށް އިސްކުރެވުނީ އޭރު ރަސްކަމުގައިހުރި އައްސުލްތާން އިބްރާހީމް ޝިހާބުއްދީން އަހަވާރަވުމުން އޭރު ދިވެހިރާއްޖޭގެ ރަސްކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެކަމަނާގެ ހަލާލު ވެރިކަން މީލާދީން 1344 ވަނަ އަހަރު ގަދަ ބާރުން އަތުލެއްވީ ދެވަނަ އިންސާނެއް ނޫނެވެ. އެކަމަނާގެ ފިރިކަލުން މުހައްމަދުލް ޖަމީލު ނުވަތަ ރިވެތި މުހައްމަދު އެވެ. ވެރިކަމުގައި އެ އިންނެވީ އޭނާގެ އަނބިކަނބަލުންނެވެ. ރަނިކަމުގެ ކޮއިލުގައި އަދި މުޅި ރާއްޖޭގައި އެކަމަނާ އަމުރުމައުރޫފު ހިންގަވާތަން ބައްލަވަން ރިވެތި މުހައްމަދުގެ ހިތް މަސަހަލުން ނުއޮތީ އެވެ.
އިތުރަށް ބައްލަވާށެވެ. އައްސުލްތާން އިބްރާހީމް ނޫރައްދީން އާއި ވެޔޮދޮށުގޭ މަނިއްޕުޅުގެ ދޮން ގޮމާގެ ދޮށީ ދަރިކަލުން މުލީގޭ މަނިއްޕުޅު، ދިވެހި ރަސްކަމުގެ ތަހުތުގައި ވެޑުވީ އަތިރީގެ އަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނުގެ ބާރުގަ އެވެ. އަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނު ބޭނުންފުޅުވީނަމަ އެވަގުތުވެސް ރާއްޖޭގެ ތަހުތާ އެމަނިކުފާނަށް ހަވާލުވެވުނީހެވެ. އެހެންނަމަވެސް އިހުތިޔާރުކުރެއްވީ ޝަމްސުއްދީން ރަދުންނަށް އެ ޝަރަފު ދެއްވާށެވެ.
އަތިރީގެ ބޭފުޅުންގެ ބާރުގައި، މުލީގޭ މަނިއްޕުޅު، އައްސުލްތާން މުހައްމަދު ޝަމްސުއްދީން ތިންވަނައިގެ ގޮތުގައި ރާއްޖޭގައި 33 އަހަރު ވެރިކަން ކުރެއްވި އެވެ. އަތިރީގެއާ އޮތް ގާތްކަމުގެ ގުޅުން އާއިލީ ގުޅުމަކަށް ހެއްދެވުމަށްޓަކައި އެންމެ ފަހުން ޝަމްސުއްދީނުގެ ދަރިކަލުން ޕްރިންސް އިއްޒުއްދީނާއި، އަތިރީގެ އާމިނާ ދީދީ ނުވަތަ އާގޭ ދީދީއާ ކައިވެނި ކުރުވުނެވެ. މިއީ ރަސްކަމުގައި އަތިރީގޭ ބާރު ރަމްޒުކޮށްދިނުމަށް ހެދުނު ސިޔާސީ އިންތިޒާމެކެވެ. އެހެން ނަމަވެސް، ޕްރިންސް އިއްޒުއްދީނުގެ އުޅުން ބެހެއްޓެވި ގޮތާއި، އާގޭ ދީދީއާމެދު ކަންވެގެންދިޔަ ގޮތާއި، އެ 'ގެއްލުނު ފުރާވަރު' ގެ އަސަރު ކުރީ އަތިރީގޭ ބޭފުޅުންނާއި ޝަމްސުއްދީން ރަދުންނާ ދެމެދު އޮތް ގާތް ގުޅުމަށެވެ.
އޭގެ ފަހުން ޝަމްސުއްދީން ރަދުންގެ ރަސްކަމަށް ކުރިމަތިކުރުވި ކޮންމެ ގޮންޖެހުމެއްގެ މުގުލުގައި ތިއްބެވީ އަތިރީގޭ ބޭފުޅުންނެވެ. އެންމެ ފަހުން ނަތީޖާއަކީ އެ ބާރުގަދަ ވެރިކަންވެސް ނިމުމަކަށް އައުމެވެ. ވެރިކަމުން އަޒުލުކުރެއްވުމަށްފަހު ޝަމްސުއްދީން ރަދުންގެ ދެބަފައިކަލުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި ފުވައްމުލަކަށް އަރުވައިވެސް ލެވުނީ އެވެ. ޝަމްސުއްދީން ވެރިކަމުގެ ނިމުމަކީ އަސުރެއްގެ ނިމުމެވެ. އޭގެ އަސްލަކަށްވީ ދެ އާއިލާގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަމާއި ހަމަނުޖެހުމެވެ. ބޭރަށް ކިތަންމެ ގިނަ ސިޔާސީ ސަބަބުތައް ދެއްކެވިނަމަވެސް އެންމެންނަށް އެނގިތިބި ހަގީގަތަކީ ޝަމްސުއްދީން ރަދުންނާއި އަތިރީގޭ ބޭފުޅުންގެ ޒާތީ ދެކޮޅުވެރިކަމެވެ. ހިތްތަކަށް ދަތިކުޅަ އެތައް ހާދިސާތަކެއް ހިނގައިދިޔައީ އެވެ. އެކަންކަމަށް އިންސާފު ލިބުނުކަމަށް ގަބޫލުނުކުރެވި، ހިތުގައި އުފެދުނު ނަފުރަތުގެ ހުޅުކޮޅު ނިވާލީ 'ޝަމްސުއްދީން ނޫން ގޮތެއް' ހޯއްދަވައިގެންނެވެ.
ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރެވި، ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކަށް އަމީން ދީދީ ވެވަޑައިގަތުމާއެކު، ނާއިބު ރައީސެއްގެ ގޮތުގައި ވެލާނާގޭ އިބްރާހީމް ދީދީ އައްޔަނުކޮށް މަގާމު ހުށަހެޅުމުން އިބްރާހީމް ދީދީ ފުރަތަމަ ކުރެއްވީ އިއުތިރާޒެވެ. ސަބަބަކީ ވެލާނާގޭ އިބްރާހީމް ދީދީއަކީ އެއްވެސް ގޮތަކުން ވެރިކަމުގެ ކުރީ ސަފުގައި އުޅުއްވަން ބޭނުންފުޅުވާ ބޭފުޅަކަށް ނުވުމާއި، އަމުދުން ވެރިކަން ބޭނުންފުޅުވާ ބޭފުޅަކަށް ނުވުމެވެ. ނާއިބު ރައީސްކަން ގަބޫލުކުރެއްވީ، ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނޭ ކަމުގެ ޔަގީންކަން އަމީންދީދީ ދެއްވުމުންނެވެ.
އެކަމަކު ކަންވެގެން ދިޔަ ގޮތް ދެކޭށެވެ. އަމީންދީދީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ވެރިކަމުން އަޒުލުކުރައްވައި، އަމީން ދީދީއަށް އެކަމުގެ މައުލޫމާތުވެސް ސިއްރުކުރެއްވީ އެވެ. އަމީންދީދީ ވެރިކަމުން އަޒުލުކުރެވުމުގެ ހުއްޖަތަކަށް ކިތަންމެ ސަބަބުތަކެއް ދެއްކެވިނަމަވެސް އެއިން އެންމެ ހެއްކަކީވެސް އެ އަނިޔާވެރިކަމަށް ހުއްޖަތަކަށް ފުދޭނޭ ހެއްކެއް ނުވަތަ ސަބަބެއް ނޫނެވެ. ހަމައެކަނި ސާބިތުގޮތުގައި ފެންނާން އޮތް ސަބަބަކީ ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަ ނޫން އެއްވެސް އެއްޗެއް ނޫނެވެ. މާ އަވަހަށް ފާސްކުޅަ ގާނޫނުތަކާއި، އަތްކެނޑުމާއި، މަރަށްމަރުހިފުމާއި، މިހިރަ މިހިރަ ސަބަބުތަކަކީ އަސްލު މަގުސަދަށް ވާސިލުވުމަށް ދެއްކި ހުއްޖަތުތަކެވެ. އެއީ ފަހަރެއްގައިވެސް އެ އިންގިލާބުގެ ހަގީގީ ސަބަބުތަކެއް ނޫނެވެ.
ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ޒާތީ ތައައްސުބާއި ހަސަދަ ވަދެއްޖެ ކޮންމެ ފަހަރަކު ރާއްޖެ ތަޖުރިބާ ކުރީ އިންތިހާއަށް ބޮޑެތި ގެއްލުންތަކެވެ. ކޯޅެނީ ވެރިންނެވެ. އޭގެ ގެއްލުން ތަހައްމަލު ކުރާން ޖެހެނީ ރައްޔިތުންނަށެވެ. ވެރިކަމުގެ ފަރާތުން ކުރާންޖެހޭ ކަންކަމާއި، ދައުލަތެއްގެ ގޮތުގައި ހިންގާން އެކަށައަޅާފައިވާ ހުރިހައި އިންތިޒާމަކަށް އެއިން ކޮންމެ ފަހަރަކު ލޮޅުން އަރަ އެވެ. އެއިން ކަމެއް ނިމޭއިރު ރާއްޖޭގެ ދުސްތޫރީ ނިޒާމާއި މުޅި ދައުލަތަށް ލިބިގެންދާ ގެއްލުންތަކުން އަރައިގަތުމަށް ހޭދަވާ މުއްދަތަކީ ދެމިގެންދާ ގެއްލުމެކެވެ.
ތާރީހުގައި ހިނގާފައިހުރި މިދަފަ ކަންކަމުން ދިވެހި ސިޔާސީން އިބުރަތް ހޯދަންޖެހެ އެވެ. ވަކި މީހަކަށް މޮޅުގޮތެއް ވިޔަނުދިނުމުގެ އެކަނި ނިޔަތުގައި، ނުވަތަ ގޮމެއް ޖަހައި ވަކި މަގާމެއްގައި ހަމައެކަނި ދެމިހުރުމުގެ އެކަނި ނިޔަތުގައި އުޅެފި ކޮންމެ މީހެއްގެ ސިޔާސީ ހަޔާތުގެ ނިމުން އައީ ހިތިކޮށެވެ. ހަދި ހަސަން ރަސްގެފާނަކަސް، މުހައްމަދުލް ޖަމީލު ނުވަތަ ރިވެތި މުހައްމަދަކަސް އެ ބޭފުޅުންގެ ސިޔާސީ ބާރުވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުނު އަސާސީ ސަބަބަކަށްވީ ހިތްޕުޅުގައި އެނދި ހަސަދައިގެ ދިލަ ހޫނެވެ.
Comment