Advertisement

ތިނަދޫ ޑިމޮކްރެޓްސް ރައީސް ސޯލިހުއާ އެކު

27 ސެޕްޓެންބަރު 2023 - 20:44 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ތިނަދޫގެ ޑިމޮކްރޭޓުން ރައީސްއަށް މަރުހަބާކިއުމަށް ނިކުމެ: އެމީހުން ބުނީ ރައީސްއަށް ތާއިދުކުރަން ނިންމީ ނަޝީދާ އެންމެ އެއްގޮތް ސިޔާސަތުތަކެއް ގެންގުޅުއްވާ ދެވަނަ ބޭފުޅަކީ ރައީސް ސޯލިހަށް ވާތީ ކަމަށް -- ފޮޓޯ: ޝާބިން/އަދަދު


ތިނަދޫ ޑިމޮކްރެޓްސް ރައީސް ސޯލިހުއާ އެކު

27 ސެޕްޓެންބަރު 2023 - 20:44 0

ކެމްޕޭނަށް ގދ. ތިނަދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން އެ ސިޓީގައި ތިބި ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު އެމަނިކުފާނަށް ތާއިދުކޮށް މަރުހަބާ ކިއުމަށް ނިކުމެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭނު ކުރެއްވުމަށް ރައީސް ސޯލިހު ތިނަދޫ ސިޓީއަށް ވަޑައިގަތުމުން ޑިމޮކްރޭޓްސްއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ނިކުމެ އެމަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ.

ޑިމޮކްރޭޓްސްއަށް ތާއީދު ކުރާ މީހުން މިރޭ ބައެއް ނޫސްތަކަށް އިންޓަވިއު ދެމުން ބުނީ އެމީހުން ރައީސް ސޯލިހަށް ތާއީދު ކުރައްވަނީ، ޑިމޮކްރޭޓްސް ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާ އެންމެ އެއްގޮތް ސިޔާސަތުތަކެއް ގެންގުޅުއްވާ ދެވަނަ ބޭފުޅަކީ ރައީސް ސޯލިހަށް ވާތީ ކަމަށެވެ.

އަދި, ދެން އިންތިހާބުގައި ވާދަ ކުރާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފެނުނު އަނިޔާވެރިކަން ތަކުރާރުވެދާނެ ކަމުގެ ބިރު އޮތްކަމަށް ވެސް އެމީހުން ބުނެ އެވެ.

މިރޭ ރައީސް ވަޑައިގަތުމުން ތިނަދޫގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމުން، ކުރެއްވި ތުހުމަތުތަކަށް ފަހު، ފިކުރެއްގެ ދިރުމުގެ ނަމުގައި އުފެއްދެވި ފެކްޝަން އެޕާޓީން ވަކިވެގެން އުފެއްދި ޕާޓީ އެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.