Advertisement

މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ ނަޝީދު އެމްޑީޕީ އާ ވާހަކަދައްކަވަނީ

25 ސެޕްޓެންބަރު 2023 - 09:50 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން ޖަލްސާއެއް ނުފެށިފައި.


މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ ނަޝީދު އެމްޑީޕީ އާ ވާހަކަދައްކަވަނީ

25 ސެޕްޓެންބަރު 2023 - 09:50 1

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވަން ތާވަލުކުރި ޖަލްސާއަށް ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ވަޑައިނުގެންނެވުމުން، ޖަލްސާއެއް ބޭއްވޭތޯ އެމްޑީޕީއާ މަޝްވަރާކުރައްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާ ފަށަން ތާވަލުކުރީ އާންމު އުސޫލުން 9:00 ޖަހާއިރަށެވެ. އެހެން ނަމަވެސް ގަޑިން 9:20 ހިނގި އިރު ވެސް ކޯރަމް ހަމަވާ އަދަދަށް މެމްބަރުން ވަޑައިނުގެންނެވުމުން ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަމަށެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއް ފަށަން ކޯރަމް ހަމަވާނީ 22 މެމްބަރުން ވަޑައިގެންނެވުމުންނެވެ.

"ދެން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މަސައްކަތްކުރަން އަޅުގަނޑު ގަސްދުކުރަނީ އެމްޑީޕީއާ މަޝްވަރާކުރުމަށް ފަހުގައި. އެބޭފުޅުންނަށް ވަޑައިގެންނެވޭނެކަމަށް ވަނީ ނަމަ އަދި ވަޑައިގަންނަވަން ގަސްދުކުރާ ކަމަށް ވަނީ ނަމަ ޖަލްސާ ބޭއްވުމަށް އަަޅުގަނޑު ވެސް މަސައްކަތްކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

މިއަދު ވެސް ޖަލްސާއަށް މެމްބަރުން ވަޑައިގަންނަވާތޯ އިންތިޒާރުކުރައްވަން ރިޔާސަތުގައި ނަޝީދު އިންނެވިއިރު އެ މަންޒަރު މަޖިލީހުގެ މީޑިއާ ވަސީލަތްތަކުން ވަގުތުން ދުރަށް ދެއްކި އެވެ. އެހެން އިންނެވި އިރު އެކި ފަހަރު މަތިން އެމަނިކުފާނު ވާހަކަފުޅު ވެސް ދެއްކެވި އެވެ.

މަޖިލީހުގައި މިއަދު ކުރައްވަން ނިންމަވާފައިވާ ބައެއް މަސައްކަތްތައް އެގޮތުން ވިދާޅުވެ ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ކުރައްވަން ގަސްދުކުރެއްވި އެއް ކަމަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކޮށް، ތަޅުމުން އެކަން ފާސްކުރުމެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލާނެ ގޮތް މިދިޔަ ހަފުތާގެ ފަހު ޖަލްސާއިން ފާސްކޮށް، ޕާޓީތަކުން ކޮމިޓީތަކަށް އަންޔަންކުރަން އެދޭ މެމްބަރުންގެ ނަންތައް ފޮނުވަން އޮތީ އަންގައިފަ އެވެ. އެހެން ނަމަވެސް ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީން ނޫނީ ނަންތައް އަދި ނުފޮނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީން ވަނީ އަދި އެކޮމިޓީތަކުގައި ހިމެނޭ މެމްބަރުން [ގެ ނަންތައް] މަޖިލީހުގެ އިދާރާއަށް ނުފޮނުއްވާ. ދެން އެމްއެންޕީ، ޖޭޕީ، އެމްޑީއޭ އެ ބޭފުޅުން ވެސް އަދި ނުފޮނުއްވާ އެހެން ނަމަވެސް އެ ބޭފުޅުންގެ ބޭފުޅުންނަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުގެ ވޯޓުގަޑީގައި ކޮމިޓީތަކުގެ ކަންތައް ނިންމަވަން ގަސްދުކުރައްވައިގެން ހުންނެވި ކަމަށެވެ.