24 ސެޕްޓެންބަރު 2023 - 10:50 0
24 ސެޕްޓެންބަރު 2023 - 10:50 0
މިލާން (ސެޕްޓެމްބަރު 24) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނުން 1-0 އިން ހެޔަސް ވެރޯނާ ބަލިކުރިއިރު، ސަސުއޯލޯ އަތުން 4-2 އިން ޔުވެންޓަސް ބަލިވެއްޖެ އެވެ.
ސަސުއޯލޯ އަތުން ބަލިވެ، ލީގު ތާވަލްގެ އެއް ވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލިއިރު، އެ ޓީމް ވަނީ ތާވަލްގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ވެރޯނާ އަތުން ހޯދި މޮޅާ އެކު އޭސީ މިލާން ވަނީ 12 ޕޮއިންޓާ އެކު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 12 ޕޮއިންޓް ހަމަކޮށްފައިވާ އިންޓަ މިލާން އެވެ.
ވެރޯނާ އަތުން މިލާން މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ރަފައެލް ލެއާއޯ އެވެ. މި މެޗުގައި މިލާންގެ ކްރިސްޓިއަން ޕުލިސިކް، ޔޫނުސް މޫސާ އަދި އޮލިވިއޭ ޖިރޫ އަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިވަނީ ބޭކާރުވެފަ އެވެ.
މި މޮޅަކީ އެންމެ ފަހުން ލީގުގައި ބޮޑު ތަފާތަކުން ވާދަވެރި އިންޓަ މިލާން އަތުން ބަލިވުމަށްފަހު އެޓީމަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ކޯޗު ސްޓެފާނޯ ޕިއޯލީ ވަނީ ފާހަގަކޮށްފަ އެވެ.
ލީގުގައި ރޭ ޔުވެންޓަސް ކުޅުނު މެޗުން ސަސުއޯލޯ އަތުން ބަލިވިިއިރު، ޔުވެންޓަސްގެ ޑިފެންސް ލައިނުން ބޮޑެތި ގޯސްތަކެއް ހެދި އެވެ. ސަސުއޯލޯގެ ފުރަތަމަ ގޯލަކީ ކީޕަރު ވޮއިސެކް ޝެޒްނީ އަށް ހެދުނު ގޯހަކުން ވަތް ގޯލެކެވެ. ސަސުއޯލޯގެ ފަހު ގޯލަކީ ޔުވެންޓަސް ޑިފެންޑަރު ފެޑެރިކޯ ގަޓީ ބަލާނުލާ ފަހަތަށް ޖައްސާލި ބޯޅައަކުން ބައިކޮޅަށް ވަތް ގޯލެކެވެ.
ޔުވެންޓަސް އިން މެޗުގައި ޖެހި ދެ ގޯލަކީވެސް ފެޑެރިކޯ ކިއޭސާގެ މަސައްކަތުން ޖެހި ދެ ގޯލެވެ. ފުރަތަމަ ގޯލަކީ އޭނާ ނެގި ހުރަހަކުން ސަސުއޯލޯގެ ޑިފެންޑަރު މަތިއަސް ވީނާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ދެވަނަ ގޯލަކީ އޭރިއާ ތެރޭގައި ހުރެފައި ކިއޭސާ ފޮނުވާލި ހަމަލާއަކުން އޭނާ ޖެހި ގޯލެކެވެ.
ލީގުގައި މިއަދު ކުޅެން ހުރި ފޯރިގަދަ މެޗުތަކަށް ބަލާއިރު، އެއް ވަނައިގައި އޮތް އިންޓަ މިލާނާއި އެމްޕޯލީ ވާދަކުރާނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ނުކުންނާނީ ބޮލޮންޔާއާ ދެކޮޅަށެވެ. ހޯސޭ މޮރީނިއޯގެ ރޯމާ ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮތް ޓޮރީނޯއާ ދެކޮޅަށެވެ.
Comment