Advertisement

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދޭނަން: ރައީސް

19 ސެޕްޓެންބަރު 2023 - 22:45 8

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ބޯހިޔާވަހިކަމުގެ އާ ސްކީމެއް އިއުލާނުކުރައްވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދޭނަން: ރައީސް

19 ސެޕްޓެންބަރު 2023 - 22:45 8

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާތާ 20 އަހަރު ވެފައިވާ މީހުންނަށް ފްލެޓާއި ގޯތި ދޭނެ ކަމަށާއި އެކަމަށް ބޭނުންވާ ހައުސިން ސްކީމްގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ރަށްވެހިންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބައިވެރިނުވެވޭ ގޮތަށް އޮތުމުން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ފުރަތަމަ ބުރުގައި އެމްޑީޕީއަށް ބައެއް މީހުން ވޯޓު ދީފައި ނުވަނީ ވެސް އެ ސިޔާސަތު ހަމަހަމަ ނޫން ކަމަށް ބުނެ އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހުރިހާ ރަށެއްގައި އޮތް ކަމަށާއި އަދި އެ މައްސަލަ މާލޭގައި އިތުރަށް ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އާ ސްކީމެއް ފަށާނެ ކަމަށް މިރޭ އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ.

"މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ދަތިތަކެއް އެބަހުރި. 20 އަހަރު 30 އަހަރު 35 އަހަރު އަޅުގަނޑު ވެސް 50 އަހަރު ވަނީ މާލޭގައި އުޅޭތާ. މިގޮތަށް ތިބި މީހުންނަށް އެ މީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން ދަތި. އެ ރަށުގައި ވަކި މުއްދަތަކު ނޫޅޭތީ ނުލިބޭ," އެމަނިކުފާނު ވިދާޅުވި އެވެ.

ސިޔާސަތުތައް ހުރި ގޮތުން އެފަދަ މީހުންނަށް މާލޭން ވެސް ބޯހިޔާވަހިކަން ހޯދުމަށް ފުރުސަތު ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ނިންމަނީ އާ ހައުސިން ސްކީމެއް ފެށުމަށް. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ ދަފުތަރުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި މާލޭގައި އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިކާން ކަށަވަރުކޮށްދޭ ހުރިހާ އެންމެނަށް އެ ހައުސިން ސްކީމުގެ ތެރެއިން ފްލެޓާއި ގޯތި ދޫކުރާނަން," ރައީސް ވިދާޅުވި އެވެ.

ގާކޮށްޓާއި އަރަބިއްޔާގެ ފްލެޓުތަކުގެ އަގުތައް ހެޔޮ ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ވެސް ރައީސް މިރޭ ފާޑުވިދާޅުވި އެވެ.

"އޭގެ ކުލި ކަނޑައެޅީ ކޮން ބޭފުޅެއްތޯ. ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރެއްވީ މުއިއްޒު. އަޅުގަނޑުމެންގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތް އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް އަގު ކަނޑައެޅީ އެ ބޭފުޅުން," އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން, ކަސްޓަމްސްގައި އުޅޭ މީހުންނާއި ޔުނިވާސިޓީ އަދި ކަރެކްޝަންސްގައި އުޅޭ މީހުންނަށް ފްލެޓު ދިނުމުގެ ކަންކަން ވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓު ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ރަނގަޅު ބަދަލެއް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.