Advertisement

މަޖިލިސް ހުއްޓުވުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ރައީސް

19 ސެޕްޓެންބަރު 2023 - 17:39 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. މަޖިލީހުގެ ކަންކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


މަޖިލިސް ހުއްޓުވުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ރައީސް

19 ސެޕްޓެންބަރު 2023 - 17:39 1

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި ވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައިވެރިވެވަޑައިގެން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެ ވާހަކަތައް ދޮގުކުރައްވައި އެކަމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ އެންމެ 17 މެމްބަރުންނެވެ. މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއްގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ވަޑައިގެންނެވުމުންނެވެ. އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ކަމަށް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަން ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނަޝީދުގެ ވާހަކަފުޅުތައް ދޮގުކުރައްވާފަ އެވެ.

"އެއީ މުޅީން ދޮގު ވާހަކައެއް. އަޅުގަނޑު 25 އަހަރު އުޅެފައި ހުރި މީހެއް މިއީ މަޖިލީހުގައި. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން," ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތައް އަލުން ފަށާފައިވާއިރު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު މިއަދު ވަނީ އެމްޑީޕީގެ ތާއިދާ އެކު ފާސްކޮށްފަ އެވެ. އެމަނިކުފާނު އަނެއްކާ ވެސް ވިދާޅުވީ ސެޕްޓެމްބަރު 28, ގައި ވޯޓު ނުނެގޭނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑަައަޅައިފިނަމަ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އީސީއަށް އެކަން ކުރުމަށް ރިކުއެސްޓް ކުރެވޭނެ," އެކަމާ ގުޅިގެން ރައީސް ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިދީފައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ކަމަށް ވިދާޅުވެފަ އެވެ.

"މީގައި ކަންކުރަން ޖެހޭނެ ގޮތެއް ކަމަށް ބުނެފައި އޮތް މާނައަކީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިން ފާސްކޮށްފައި ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރަން ފޮނުވަން ޖެހޭނެ. ފޮނުވީމާ އަޅުގަނޑު އޭތި ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ. އެހެންވީމާ އެ ޕްރޮސެސް އެހެން އައިމާ އަޅުގަނޑު އެކަން ކުރާނަން," އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ފާސްކުރަން މަސައްކަތްކުރާ ގަރާރަށް އެމްޑީޕީގެ މެމްބަރުން އެއްބާރުލުން ދީފައި ވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސްގެ ތާއީދު ކުރުމުގެ ޝަރުތަކަށް ދަ ޑިމޮކްރެޓްސް އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅި ޝަރުތަކީ ވެސް އެވޯޓު އިންތިޒާމު ކުރުމެވެ.