19 ސެޕްޓެންބަރު 2023 - 15:47 0
މުހައްމަދު އުޝާމް
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު ތޮލާލް ޕްރެސް ކޮންފެރެންސެއްގައި؛ ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދާން ތާއީދުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
19 ސެޕްޓެންބަރު 2023 - 15:47 0
ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގައި މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން އެ ކަމަށް ވަގުތު ނެތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސްއިން ހުށަހަޅަނީ ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު ތޮލާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ހިނގި 15 އަހަރު ދުވަހުގެ ތަޖުރިބާއަށް ފަހު ރައްޔިތުންގެ ވޯޓެއް އޭގައި ނެގުމުގައި މައްސަލައެއް ނެތް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ތޮލާލް ވިދާޅުވީ އެ ކޯލިޝަނުން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އަބަދުުވެސް ގެންގުޅެމުން އައި ސްޓޭންޑަކީ މި ވަގުތު ރާއްޖޭގެ ސިޔާސީ ހާލަތަށް ބަރުލަމާނީ ނިޒާމު ނުފެތޭ ކަމަށެވެ.
އެހެން ނަމަވެސް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި ހަރުދަނާ ގާނޫނުތަކަކާއި އެ ގާނޫނުތައް ތަންފީޒުކުރެވޭ ފަދަ ހަރުދަނާ މުއައްސަސާތަކެއް ގާއިމު ކުރުމަށް ފަހު ބަރުލަމާނީ ނިޒާމެއް ތަންފީޒުކުރުމުގައި ވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އޭރު ވެސް ވިދާޅުވި ވާހަކައާއި އެ ސްޓޭންޑްގެ މަތީގައި އަދިވެސް އަޅުގަނޑުމެން މި ތިބީ،" ތޮލާލް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި ޝަރުތަކީ ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިއަށް 28، ގައި އެ ވޯޓު ބޭއްވުމެވެ. އަދި އެ ޝިޔާރާއެކު އެ ޕާޓީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
އެ ކަމާ ގުޅޭ ގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށް އެކަށޭނަ ވަގުތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެނަށް ނުދެކެން، އޭގެ (ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ) ކުރިއަށް ވަގުތެއް އޮތް ކަމަކަށް،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ ތޮލާލް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައި ވެ އެވެ. އެ ގަރާރު މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.
ޑިމޮކްރެޓްސްގެ ހުށަހެޅުމާ ގުޅޭ ގޮތުން އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހާ ވެސް ފޯނުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ސޯލިހުގެ ޖަވާބަކީ ވެސް ރިޔާސީ އިންތިހާބަށް ފަހު އަދި މި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ވޯޓު ނެގުމެވެ.
Comment