Advertisement

ބަރުލަމާނީ ގަރާރު ބަލައިގަންނަން އިއްތިފާގުން ފާސްކޮށް ޕާޓީތަކުން މަޝްވަރާ ފަށަނީ

19 ސެޕްޓެންބަރު 2023 - 14:49 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


ބަރުލަމާނީ ގަރާރު ބަލައިގަންނަން އިއްތިފާގުން ފާސްކޮށް ޕާޓީތަކުން މަޝްވަރާ ފަށަނީ

19 ސެޕްޓެންބަރު 2023 - 14:49 0

ރާއްޖޭގައި ވެރިކަން ހިންގާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމަކުންތޯ ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.

ދަ ޑިމޮކްރެެޓްސްގެ ފަރާތުން އިލްޔާސް ހުށަހެޅުއްވި އެ ގަރާރު ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސް އިން އެދޭ ގޮތަށް އެ ގަރާރުގެ މަސައްކަތް އަވަސްކުރުމަށް ޓަކައި އެމަނިކުފާނު މިއަދު ފުރަތަމަ ނިންމެވީ އެ ގަރާރުގެ ހުރިހާ މަސައްކަތްތަކެއް މިއަދުން މިއަދަށް ނިންމުމަށެވެ.

އެހެންވެ ގަރާރު މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް ދިރާސާކޮށްގެން އަލުން ތަޅުމަށް ގެނެސް ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ ގަރާރުގެ ބަހުސް ފެށްޓެވި އިރު އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމަނިކުފާނު ފަހުން ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީ މިއަދު ނުބާއްވަން ނިންމަވާފައިވާ ކަަމަށެވެ.

"ކޮމިޓީގެ މަސައްކަތް މާދަމާ ގެންދާ ގޮތަށް. އަޅުގަނޑު ހިތުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުން މަޝްވަރާކޮށް ވާހަކަ ދައްކަވަން އެބަ އެދިވަޑައިގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.

ގަރާރު މުޅިމަޖިލީހުގެ ކޮމިޓީއަށް ގެންދަން ވެސް މިއަދުގެ ޖަލްސާއިން ފާސްކުރި އެވެ.

އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ ބަހުސަށް ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިދީފައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ކަމަށެވެ. ކަމަކާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރުމުން އެ ވޯޓު އިލެކްޝަންސް ކޮމިޝަނުން ނަގަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.