Advertisement

އާސަހަރާގެ މަސައްކަތް ނިންމަން އަދި އިތުރު ދެ މަސް ބޭނުންވޭ: ސިޓީ ކައުންސިލް

19 ސެޕްޓެންބަރު 2023 - 15:12 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އާސަހަރާގެ މަސައްކަތް ނިންމަން އަދި އިތުރު ދެ މަސް ބޭނުންވޭ: ސިޓީ ކައުންސިލް

19 ސެޕްޓެންބަރު 2023 - 15:12 0

މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ އާސަހަރާގެ މަރާމާތުގެ މަސައްކަތް ނިންމުމަށް އަދި އިތުރު ދެ މަސްދުވަސް ނަގާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އާސަހަރާ ބަލަހައްޓަމުންދާ މާލެ ސިޓީ ކައުންސިލުން މަރާމާތުގެ މަސައްކަތަކަށް އެތަން ބަންދުކުރީ މިދިޔަ މޭ މަހު އެވެ. ސިޓީ ކައުންސިލުން އޭރު ބުނި ގޮތުގައި އެތަން މަރާމާތުކުރަން ނިންމީ ތަނުގެ ޖާގަ ކުޑަވުމުގެ ޝަކުވާ ލިބެމުންދާތީ، މިސްކިތުގެ ޖާގަ އިތުރުކުރުމަށެވެ. އެ މަސައްކަތްތަކަށް ހޭދަވާނީ ދެމަސްދުވަސް ކަމަށް އޭރު ބުންޏެވެ.

އަދި އޭގެ ފަހުން މިދިޔަ ޖުލައި މަހު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތް ނިންމަން އިތުރު އެއްމަސް ހޭދަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ނަމަވެސް މޭޔަރު ވިދާޅުވި މުއްދަތުގައިވެސް ސަހަރާގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ މިއަދު "އަދަދު" އިން ގުޅުމުން ސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ މިހާރު އެ މަސައްކަތުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިސްކިތުގެ މަސައްކަތުގެ އިތުރުން ހިނަވާގޭގެ ޖާގަވެސް އިތުރުކޮށް އެއްފަހަރާ ގިނަ މީހުން ހިނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. މިހާރު އެތަނުގައި ހިނެވެނީ ފަހަރަކު މީހެކެވެ. ނަމަވެސް އިތުރުކުރަނީ ކިތައް ޖާގަ ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.

އޮފިޝަލު ވިދާޅުވިގޮތުގައި ސަހަރާގެ މަސައްކަތް ދިގުލައިގެންދާ ދެވަނަ ސަބަބަކީ މަޝްރޫއަށް އިތުރުކުރި ސްކޯޕުގެ ދަށުން މިސްކިތުގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ދިމާލުގައި ހުރި އެމްޑަބްލިއުއެސްސީގެ "ބޯހޯލް" އެއްގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ނަމަވެސް ކުރަމުންދަނީ ބޯހޯލް އާ ގުޅޭ ކޮން މަސައްކަތެއް ކަން އޮފިޝަލު ސާފުކޮށް ނުދެއްވަ އެވެ.

"އެ ބޯހޯލް އިންނަނީ މިސްކިތް ބައި އިންނަ ދިމާލުގަ. އޭގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އިމާރާތް އަޅާ ނިމުމަށްފަހު ހައްލުނުކުރެވޭ މަސައްކަތަކަށް ވާތީ އެ އިޝޫ ހައްލުކޮށްފަ ކުރިއަށްދާންވެގެން ޑިލޭއެއް އައިސްގެން އުޅެނީ. އެމްޑަބްލިއުއެސްސީއާ ގުޅިގެން އެ މަސައްކަތްވެސް ކުރިއަށް އެބަދޭ. މަސައްކަތް ކުރަަނީ ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރުން" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ސަހަރާގެ މަސައްކަތް ނިންމަން އަދި ދެ މަސްދުވަސް ނަގާނެ އެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހުން ސުވާލުކުރުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވީ އެ ބޯހޯލް އާ ހެދި ސަހަރާގެ މަސައްކަތަށް ބުރޫ ނާރާނެ ކަމަށާއި އެ މަސައްކަތް ލަސްވުމާއި ބޯހޯލްއާ ގުޅުމެއް ނެތް ކަމަށެވެ.

"އެބޭފުޅުން (ސިޓީ ކައުންސިލުން) ވިދާޅުވި އެބޭފުޅުންނަށް ފެންނަ ގޮތަކަށް މަސައްކަތްކޮށް ކުރިއަށްގެންދާނަމޭ.. އަޅުގަނޑުމެން އޮންނާނީ ދަންނަވާފަ އެ ބޯހޯލްގެ މެއިންޓަނަންސް ނޫނީ ރިޕްލޭސްމެންޓެއްގެ މަސައްކަތެއް ކުރަންޖެހޭއިރު އެތަން ދައްކަންޖެހޭނެޔޭ. ކުރިންވެސް އިންނަ ބޯހޯލް އެއް. އެބޭފުޅުން ބުނި ތިމަންނަމެންނަކަށް ނުއެއް ފެނުނޭ އެޔެއް. ޕްރޮބަބްލީ އެ ބޯހޯލް މަތީ ކޮންމެވެސް ކަމެއް ކޮށްފަ ކަންނޭގެ އެހެރީ" ޝާހު ވިދާޅުވި އެވެ.

އާސަހަރާ ބަންދުކޮށްފައިވާއިރު މިދިޔަ މެއި މަހުން ފެށިގެން މާލެ ސަރަހައްދުގައި ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދަނީ ހުޅުމާލެ ސަހަރާގަ އެވެ. އާސަހަރާއަށް ބަދަލުތަކެއް ނައިސް ގިނަ އަހަރުތަކެއް ވެފައިވާއިރު މިފަހަރު ގެންނަ ބަދަލުތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި އަންހެންނުނަށް ހާއްސަކޮށް ވުލޫ ކުރާނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ސަހަރާއަށް އިތުރުކުރުން ހިމެނެ އެވެ.