1 ސެޕްޓެންބަރު 2023 - 09:46 0
1 ސެޕްޓެންބަރު 2023 - 09:46 0
ހަމަ ޔަގީނުން ވެސް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ހަލުވި ދުވެލީގައި ހަރުފަތްތައް ގިރާކުރަމުން އަންނަ އެންމެ މަގުބޫލު ޕުލެޓުފޯމަކީ ވީޑިއޯ ކުލަބުގެ ހިދުމަތްތަކާމެދު ދެބަސްވެވޭކަށް ނެތެވެ. ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ "މަރިޔަމް" ފަދަ އެތައް ފިލްމަކާއެކު ވުޖޫދަށް އައި މީޑިއާނެޓު އޮރިޖިނަލްސްއިން އަންނަނީ ޝައުގުވެރި، ދިވެހީންގެ ރަހައާ ގުޅޭ މުޅިން އާ ދިވެހި އަމިއްލަ އުފެއްދުންތައް ޓީވީ އިސްކިރީންތަކަށް ގެނެސްދެމުންނެވެ.
އެގޮތުން ވީޑީއޯ ކުލަބުން ދަނީ އަނެއްކާ ވެސް މީޑިއާނެޓު އޮރިޖިނަލްސްގެ އާ ސީރީޒެއް ކަމުގައިވާ "ގަރީނާ" ލޯންޗު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީޑިއާނެޓުން ވަނީ މިދިޔަ ހޯމަ ދުވަހު "ގަރީނާ" ގެ ވިޝުއަލް ޕޯސްޓަރުތައް މީސްމީޑިއާއަށް ދޫކޮށްލި އެވެ. އެ ޕޯސްޓަރުތަކަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
"ގަރީނާ" އިން ދައްކުވައިދެނީ ކާމިޔާބު ނޫސްވެރިޔެއް ކަމުގައިވާ ޝިމްލާގެ ވާހަކަ އެވެ. ރާއްޖޭގެ ރަށެއްގައި ފަސް އަހަރުގެ ކުޑަކުއްޖަކު ގަތުލުކޮށްލި ހަބަރު މީޑިއާތަކާއި ހަމައަށް ގެނެސްދިނުމަށް ތަހުގީގީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ޝިމްލާ އެރަށަށް ކުރާ ދަތުރުގައި ދިމާވާ ތަފާތު ހާދިސާތަކާއި، ނުތަނަވަސްކަމާއި އުފެދޭ ސުވާލުތަކަށް ޖަވާބުތައް ހޯދުމަށް އެ ރަށުގެ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު، ރިލްވާންއާއި އެކީ ކުރާ މަސައްކަތް އެ ސީރީޒްގައި ފެނިގެންދާނެ އެވެ.
އެ ސީރީޒްގައި ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް އެކްޓަރުންތަކެއް ފެނިގެންދާނެ އެވެ. އެގޮތުން މަޝްހޫރު ބަތަލާ މަރިޔަމް މަޖުދާ އާއި ތަޖުރިބާކާރު ތަރިންކަމުގައިވާ މުހައްމަދު ފައިސަލް އަދި އަލީ ފާރޫގް އިސް ރޯލުތަކުން ފެންނާނެ އެވެ. ހަމައެހެންމެ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރިން ކަމުގައިވާ އައިޝާ އަލީ، ޝާރިފް އަދި އަންޝާމް މުހައްމަދު ވެސް މި ސީރީޒްގައި ތަފާތު ކެރެކްޓާރުތަކުން ފެންނާނެ އެވެ.
އެ ސީރީޒްގެ ލިޔުންތެރިއެއް ގޮތުގައި މަސައްކަތްކޮށްފައިވަނީ "މަރިޔަމް" އަދި އޭގެ އިތުރުން ޑާކްރެއިން އެންޓެޓައިންމެންޓްގެ "ބީވީމާ" ފަދަ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ހުނަރުވެރި ލިޔުންތެރިޔާ އަހްމަދު ޒަރީރު އެވެ. އަދި އެ ސީރީޒްއަކީ އާންމުގޮތެއްގައި ކެމެރާގެ ކުރިމަތިން ފެންނަ އެކްޓަރު މުހައްމަދު ފައިސަލްގެ ފުރަތަމަ ޑައިރެކްޝަންކަން ވެސް ފާހަގަކޮށްލެވެ އެވެ. ސީރީޒްގެ ޕްރޮޑަކްޝަން ހައުސްއަކީ މީޑިއާނެޓް އޮރިޖިނަލްސްގެ ކާމިޔާބު ފުރަތަމަ ފިލްމު "މަރިޔަމް" ގެ ވެސް ޕްރޮޑަކްޝަން ހައުސް ކަމުގައިވާ "އެއްކާފް" އެވެ.
ޖުމްލަ 13 އެޕިސޯޑު ހިމެނޭ އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑު ރިލީޒްކުރާ ތާރީހު އަދި ހާމަކޮށްފައިނުވާއިރު، އެ މައުލޫމާތު ވީޑިއޯ ކުލަބުގެ މީސް މިޑިއާގައި ހިއްސާކުރަމުންދާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
ވީޑިއޯކުލަބުގެ ކޮންޓެންޓު ބަލާލުމަށް ހާއްސަ އަހަރީ ޕެކޭޖުތަކެއް ދާދި ފަހުން މީޑިއާނެޓުން ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން އެންމެ 333ރ. އަށް އެއް އަހަރުދުވަހަށް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ވީޑިއޯ ކުލަބަށް ސަބްސްކްރައިބް ކޮށްލެވޭ ޕެކޭޖާއި ވީޑިއޯކުލަބު އަދި މީޑިއާނެޓު ޗެނަލްތައް އެއް އަހަރު ދުވަހަށް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭ 555ރ. ގެ ޕެކޭޖު ހިމެނެ އެވެ. ޓީވީ މެދުވެރިކޮށް ވީޑިއޯ ކުލަބުގައި ހިމެނޭ ދިވެހި އަދި ބޭރު ދުނިޔޭގެ ފިލްމު އަދި ސީރީޒް ހިމެނޭ މުއްސަނދި ވީޑިއޯ ލައިބްރަރީއަށް މަހަކު އެންމެ 100ރ. ދައްކާލައިގެން ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.
Comment