Advertisement

އިންތިހާބަށް އެކުގައި ނުކުތުމުގެ ދައުވަތާއެކު ކޯލިޝަން ޕާޓީތަކަށް ރައީސް ސޯލިހުގެ ސިޓީފުޅެއް

19 ފެބުރުވަރީ 2023 - 21:44 5

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ރައީސް ސޯލިހު 2018 ވަނަ އަހަރު ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ކޯލިޝަންގެ ބައިވެރިންނާއެކު ޖެން ހޮޓެލްގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެސްއެމް


އިންތިހާބަށް އެކުގައި ނުކުތުމުގެ ދައުވަތާއެކު ކޯލިޝަން ޕާޓީތަކަށް ރައީސް ސޯލިހުގެ ސިޓީފުޅެއް

19 ފެބުރުވަރީ 2023 - 21:44 5

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓްނަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު ސޮއި ކުރައްވައި ސިޓީފުޅު ފޮނުއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްއަށެވެ. އެ ސިޓީފުޅާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ބަހެއް ނުބުނެ އެވެ. ނަމަވެސް ސިޓީ ލިބިފައިވާކަން ބައެއް ޕާޓީތަކުން ކަށަވަރުކޮށް ދެ އެވެ.

ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އެހެންވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީތަކާއެކު ނުކުންނަވަން ބޭނުންފުޅުވާ ކަމަށެވެ.

އެހެންވެ ޕާޓީތަކާއެކު މަޝްވަރާ ކުރައްވަން ރައީސް ސޯލިހު އެދިވަޑައިގެންފައިވެ އެވެ.

"އެ ސިޓީފުޅާމެދު އަޅުގަނޑުމެން ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" ކޯލިޝަންގައި ހިމެނޭ ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމުގެ ކުރިން ވެސް، ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހައްދަވާނެ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ސޯލިހަށް ދީފައިވާއިރު، ޕާޓީތަކަށް ސިޓީ ފޮނުއްވުމުގެ އިތުރަށް އިއްޔެ ވަނީ ރައީސްގެ ހާއްސަ ވަފުދެއް ގާސިމްގެ އަރިހަށް ވަޑައިގެން މަޝްވަރާ ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްއާ މަޝްވަރާ ކުރެއްވުމަށް، އެ މަނިކުފާނުގެ ރިސޯޓު، އދ. އަތޮޅު ސަން އައިލެންޑަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ރައީސް ސޯލިހުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އިއްޔެ ވަޑައިގެން ބޭއްވި ބައްދަލުވުންތަކާ ގުޅޭ ގޮތުން އަސްލަމް "އަދަދު"އަށް ވިދާޅުވީ ބޭއްވުނީ ވަރަށް އުއްމީދީ މަޝްވަރާތަކެއް ކަމަށާއި "ހީކުރި މިންވަރަށް ވުރެ ވެސް ކަންކަން ޕޮޒިޓިވް" ކަމަށެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމުގެ ކުރިން ވެސް، ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޯލިޝަނަކާ ނުލައި އެމްޑީޕީއަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރެއްވޭނެ އެމްޑީޕީގެ ހަމައެކަނި ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ ތާރީހުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރާ ކޯލިޝަނެއް ދެމެހެއްޓުނު ރެކޯޑު ރައީސް ސޯލިހު ވަނީ ގާއިމުކުރައްވައިފަ އެވެ.