Advertisement

ރައީސް ސޯލިހަށް ތާއިދު ކުރި މެންބަރުންނަށް ޝުކުރު ދަންނަވައިފި

29 ޖަނަވަރީ 2023 - 15:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ތެރޭގައި ބޭއްވި ހަރަކާތެއްގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަބިން : އަދަދު


ރައީސް ސޯލިހަށް ތާއިދު ކުރި މެންބަރުންނަށް ޝުކުރު ދަންނަވައިފި

29 ޖަނަވަރީ 2023 - 15:11 0

ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނަށް ތާއީދުކޮށް ވޯޓު ދިން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޝުކުރު ދަންނަވައިފި އެވެ.

ސޯޝަލް މީޑިއާގައި ރައީސް ސޯލިހު މިއަދު ލިޔުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނަށް ވޯޓު ދެއްވި އެންމެނަށް ޝުކުރު ދަންނަވާ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ މެންބަރުން އަޅުގަނޑަށް ދެއްވި ތާޢީދާއި ކުރެއްވި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއީ ޕާޓގެ ހުރިހާ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު. އެމްޑީޕީ ކުރިއަށް!،" ރައީސް ސޯލިހު ޓުވިޓާގައި ލިޔުއްވާފައިވެ އެވެ.

އިއްޔެ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ މުޅި ތާރީހުގައި ވެސް އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު އިންތިހާބެވެ. އެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހު ވަނީ ބޮޑު ތަފާތަކުން އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރައްވާފަ އެވެ.

ގާތްގަނޑަކަށް 40،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓުދިން އެ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38.9 ޕަސެންޓު ވޯޓެވެ. އެއީ 15،612 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 61.1 ޕަސެންޓު ވޯޓެވެ. އެއީ 24،582 ވޯޓެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އެމްޑީޕީން ރޭ އިއުލާނު ކުރުމާއެކު ރައީސް ސޯލިހުގެ ކެމްޕެއިނު ޓީމުތަކުން ވަނީ އުފާ ފާޅުކޮށްފަ އެވެ. އަދި އެމްޑީޕީގެ މައި ހަރުގެ ސަރަހައްދުގައި ރައީސް ސޯލިހު ވަނީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ވެސް ދައްކަވާފަ އެވެ.

ރައީސް ނަޝީދުގެ ފަރާތުން އިންތިހާބާ ގުޅޭގޮތުން މިހާތަނަށް މާ ބައިވަރު ވާހަކަތަކެއް ދައްކާފައި ނުވި ނަމަވެސް، އެމަނިކުފާނު ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ވޯޓު ގަޑުބަޑު ކުރުމުގެ މަސައްކަތްތަކެއް އެކި ފަރާތްތަކުން ކުރި ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރައްވާފައިވެ އެވެ.

އެހެންނަމަވެސް ވޯޓުގައި އެއްވެސް ގަޑުބަޑެއް ނެތް ކަމުގެ ޔަގީންކަން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން މިއަދު ވަނީ ދީފަ އެވެ. ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ދެން އެމަނިކުފާނު އަމަލު ކުރައްވާނެ ގޮތެއް އަދި ހާމައެއް ނުކުރައްވަ އެވެ.