Advertisement

ބަޔާންގެ ހާލަތު ގޯސްވިޔަ ނުދޭން ނާގަލްސްމަން ގޮވާލައިފި

29 ޖަނަވަރީ 2023 - 14:06 0


ބަޔާންގެ ހާލަތު ގޯސްވިޔަ ނުދޭން ނާގަލްސްމަން ގޮވާލައިފި

29 ޖަނަވަރީ 2023 - 14:06 0

މިއުނިކް (ޖެނުއަރީ 29) - މި އަހަރުގެ މިހާތަނަށް ބަޔާން މިއުނިކް ކުޅުނު ތިން މެޗު ވެސް އެއްވަރުވެގެން ނިމުނުއިރު، ނަތީޖާ ނެރުމުގައި އެ ޓީމަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވިޔަ ނުދޭން ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން އެ ޓީމުގެ ކުޅުންތެރިންނަށް ގޮވާލައިފި އެވެ.

މި އަހަރުގެ މިހާތަނަށް ޖަރުމަނު ލީގުގައި ބަޔާން ކުޅުނު ތިން މެޗުން ވެސް އެއްވަރުވެފައިވާއިރު، އެ ޓީމުން ލީގުގެ އެއް ވަނައިގައި ނަގާފައިވާ ލީޑުވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. އަނެއްކޮޅުން، މިއީ 2007 ވަނަ އަހަރުގެ ފަހުން އާ އަހަރެއް ފަށައިގެން ބަޔާނުން ފުރަތަމަ ތިން މެޗު ނިންމާލަން ޖެހުނު ފުރަތަަމަ ފަހަރެވެ.

ޖަރުމަނު ލީގުގައި ރޭ އައިންޓްރަކްޓް ފްރޭންކްފާޓާ އެއްވަރުވި މެޗަށް ފަހު، ބަޔާންގެ ކޯޗު، ނާގަލްސްމަން ބުނީ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު އެނބުރި އައިސް ކުރިން އޮތް ލެވަލަށް ދާން ނަގާ ވަގުތު ދިގުލައިދިއުމަކީ މައްސަލަ އެއް ކަމަށެެވެ.

"ނަތީޖާ ނުނެރެވި މެޗުތައް ނިންމަން ޖެހި އެކަން ދިގުލައިދަންޏާ، އެ ދަނީ ގޯސް މިސްރާބަކަށް،" ނާގަލްސްމަން، 35، ބުންޏެވެ. "ނަތީޖާ ނުނެރެވުމަށް ވުރެ ގޯސް ހާލަތްތައް ވެސް ޓީމުތަކަށް އަންނާނެ. އެކަމަކު، މި ބުނަނީ މި ވަގުތު އަހަރެމެން މި އޮތީ ރަނގަޅު ހާލަތެއްގައެއް ނޫނޭ. އަހަރެމެން މި ހާލަތު ބަދަލުކުރާކަށް މާ ގިނަ ވަގުތެއް ނުލިބޭނެ. އެއީ، މިއީ ސީޒަންގެ އެންމެ މުހިންމު ހިސާބު،"

ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ބަޔާނުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުުގައި ފްރާންސްގެ ގަދަބާރު، ޕީއެސްޖީއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗާ ހަމައަށް ދާންވާއިރަށް ބަޔާނުން މިހާރު މި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ނާގަލްސްމަން ގަބޫލުކުރެ އެވެ.

"ބޮޑު މެޗުތަކަށް ދާއިރު، ޓީމު ސައިކޮލޮޖިކަލީ އެންމެ ރަނގަޅު ލެވަލެއްގައި ހުންނާނީ މެޗުތަކަކުން މޮޅުވެގެން ކޮންފިޑެންސް ވެސް ރަނގަޅުކޮށްގެން. އެހެންވީމަ، މިއީ ބަޔާނުން ސީޒަންގެ މުހިންމު މެޗުތަކަށް ދާއިރު ހާލަތު ރަނގަޅުކުރަން ޖެހޭ ދަނޑިވަޅެއް،" ނާގަލްސްމަން ބުންޏެވެ.

ބަޔާންގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު، މެނުއަލް ނޯޔާ އާއި ޑިފެންޑަރު، ލޫކަސް ހެނާންޑޭޒަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ.

އަނެއްކޮޅުން، ޕީއެސްޖީއާ އެކު ކުޅޭ ފުރަތަމަ ލެގުގެ މެޗަށް ބަޔާންގެ ސަޑިއޯ މާނޭ ފިޓްވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ނާގަލްސްމަން ބުނީ ހާލަތު ގޯސްވަނީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.