Advertisement

100 އަށްވުރެ ގިނަ ޗެނެލް ފާސްކުރުމަށް އެސްއެސްނެޓުން ހުށަހަޅައިފި

29 ޖަނަވަރީ 2023 - 17:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


100 އަށްވުރެ ގިނަ ޗެނެލް ފާސްކުރުމަށް އެސްއެސްނެޓުން ހުށަހަޅައިފި

29 ޖަނަވަރީ 2023 - 17:51 0

މުޅިން އަލަށް ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ އެސްއެސްނެޓުގެ ހިދުމަތް މިރޭ 12:00 ގައި ދޭން ފަށަން ނިންމައިފި އެވެ.

އެ ހިދުމަތް ދޭނީ ދިރާގު ޓީވީގެ ހިދުމަތް ދެމުން ދާ ނެޓުވޯކުގެ ތެރެއިންނެވެ. މިރޭ 12:00 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލާނެ އެވެ.

އެސްއެސްނެޓުގެ ހިދުމަތް މިރޭ ދޭން ފަށަން ނިންމާފައިވާއިރު ޖުމްލަ 119 ޗެނެލް ފާސްކުރުމަށް މޯލްޑިވްސް ބްރޯޑުކާސްޓިން ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށް އެސްއެސްނެޓުގެ ޗީފް އޮޕަރޭޓިން އޮފިސަރު، މުހައްމަދު އާސިފު (މޮންދު) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބުރޯޑްކޮމްއަށް ފާސް ކުރުމަށް ހުށަހެޅި ޗެނެލްތަކުގެ ތެރެއިން 48 ޗެނެލެއް މިހާތަނަށް ފާސްކޮދީފައިވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން އެސްއެސްނެޓްގެ ހިދުމަތް މިރޭ ދަންވަރު ފެށެންވާއިރަށް ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެ ކަމަށް،" މޮންދު ވިދާޅުވި އެވެ.

މި ވަގުތާ ހަމައަށް ބްރޯޑުކާސްޓިން ކޮމިޝަނުން ފާސްކޮށްދިނުމުގެ މަރުހަލާގައި އުޅޭ ޗެނެލްތަކުގެ ތެރޭގައި ސީއެންއެން އާއި ބީބީސީ އާއި ސްކައި ނިއުސްގެ އިތުރުން އަލްޖަޒީރާ އާއި ފްރާންސް24 އާއި އާރްޓީ އަދި އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެ އެވެ.

އޭގެ އިތުރުން ވިޔަފާރީގެ ހަބަރާއި މައުލޫމާތު ފަތުރާ ޗެނެލްތަކުގެ ތެރޭގައި ބްލޫމްބާގު އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެ އެވެ. އަދި ކުޑަކުދިންގެ މަގުބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވޯކް އާއި ނިކަލޯޑިއަން އާއި މުނިފޫހިފިލުވުމުގެ ޕުރޮގުރާމުތައް ދައްކާ ސްޓާ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވޯލްޑާއި ކޮމެޑީ ސެންޓްރަލް އަދި ކަލާސްގެ ޗެނަލްތަކާއި އެމްޓީވީ ވެސް ހިމެނެ އެވެ.

މިހާރު ފާސްކުރުމުގެ މަގުމަތީގައި ހުރި ޗެނެލްތަކުގެ ތެރޭގައި އަލް ގުރުއާނާއި ސައޫދީ އަރަބިއް ޔާގެ އެހެން ޗެނަލްތަކެއް ވެސް ހިމެނެއެވެ.

އަލަށް ފަށާ އެ ހިދުމަތް ހޯދާ އާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް އެސްއެސްނެޓުގެ ހުރިހާ ޗެނެލެއް ހިލޭ ބެލޭނެ އެވެ.

"ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން އެތައް ހާސް ކަސްޓަމަރުންނެއް މިހާރު ވަނީ އެސްއެސްނެޓަށް ބަދަލުވެފައި،" މޮންދު ވިދާޅުވި އެވެ.

އެސްއެސްނެޓުން ފާސް ކުރުމަށް އެދި ހުށަހެޅި ޗެނެލްތަކުގެ ތެރެއިން ފާސްކޮށްދީފައިވާ ޗެނެލްތަކުގެ ތެރޭގައި ދިވެހި ޗެނެލްތަކުގެ އިތުރުން ރާއްޖޭގައި އާންމުކޮށް ބަލާ، ސޮނީ އާއި ޒީގެ ޗެނެލްތަކާއި ސިނަމަޗީގެ ޗެނެލްތަކާއި ބީފޯޔޫ އަދި ސްޓިންގުރޭއާއި ލަވް ނެޗާ 4ކޭއާއި އައުޓުޑޯގެ އިތުރުން ޒޫމު ފަދަ ޗެނެލްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މޮންދު އިތުރަށް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް ވެސް މަސައްކަތް ކޮށްދެއްވާފައި ހުރީ ރީބްރޯޑުކާސްޓަރުންނަށް ފަހި އަދި ފަސޭހަވާނެ ގޮތަށް ކަމަށާއި މިހާރު ހުށަހަޅާފައި ހުރި ހުރިހާ ޗެނެލްއެއް މިއަދު ފާސްކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.