Advertisement

ބޮޑު ވާދައެއް: ޑިމޮކްރަޓިކް ހަޔާތުގައި އެމްޑީޕީ އާ ހަރުފަތަކަށް

29 ޖަނަވަރީ 2023 - 11:39 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިއްޔެ ބޭއްވި އެމްޑީޕީގެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ތެރޭން - މުހައްމަދު ޝާބިން / އަދަދު


ބޮޑު ވާދައެއް: ޑިމޮކްރަޓިކް ހަޔާތުގައި އެމްޑީޕީ އާ ހަރުފަތަކަށް

29 ޖަނަވަރީ 2023 - 11:39 0

ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިހީގު ރައީސްގެ ގަދަ ހިފުމެކެވެ. ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު އެއް ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީގައި އެކަކު އަނެކަކާ ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވި އެންމެ ފޯރިގަދަ ވެސް އިންތިހާބު މެއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ކުރިމަގު ކަނޑައެޅިގެން ދިޔަ މުހިންމު އިންތިހާބެވެ.

ހަމަ ޔަގީނުން ވެސް މިއީ އެ ޕާޓީގެ ޑިމޮކްރަޓިކް ހަޔާތުގައި އާ ސަަފްހާއެކެވެ. ޖެހިޖެހިގެން ދެ ދައުރެއްގައި ރާއްޖޭގެ ވެރިކަން ކުރުމަށް މަގުފަހި ކުރުމަށް ލިބޭ އެންމެ ފުރަތަމަ އަދި އެންމެ ފަހި ފުރުސަތެވެ.

ވާދަވެރި ކެމްޕޭންތަކެއް ދެ ފަރާތުންވެސް ކުރިއަށް ގެންދިޔަ އިރު، ފެނިގެންދިޔައީ ޑިމަކްރެޓިކް ހަޔާތުގައި އެއްވެސް ޕާޓީއަކުން ނުދެކޭފަދަ ފޯރުގަދަ ކެމްޕޭންތަކެއް ކުރިއަށް ގެންދިޔަ މަންޒަރެވެ. ސިޔާސީ ކެމްޕޭން ކުރުމަށް ރޯފިލާފައި ތިބި ގިނަ މެންބަރުންނާއެކު ދެ ފަރާތުންވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ގަދަ ހިފުމަކަށެވެ.

ފޯރިގަދަ ރީތި ކެމްޕޭންތަކެއް

މި ޕްރައިމަރީއަށް ހުޅުވާލުމުގެ މާ ކުރިން ވެސް އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ފަޅިވެ ބައިބައިވެފަ އެވެ. ރައީސް ސޯލިހަށް ތާއިދުކުރައްވާ ބޭފުޅުންނާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ މެދުގަ އެވެ. މި ފަހުން ބޭއްވުނު ޕާޓީގެ އެތެރޭގެ ކޮންމެ އިންތިހާބެއްގައިވެސް އެކަން ހާމައަށް ފެންނަމުން ދިޔައެވެ.

ޗެއާޕާސަން އިންތިހާބުގައި ވެސް ކަން އޮތީ އެހެންނެވެ. ރައީސްގެ ފަރާތުން ފައްޔާޒު އިސްމާއީލެވެ. ނަޝީދުގެ ފަރާތުން އިމްތިޔާޒް ފަހުމީ އެވެ. ގައުމީ މަޖިލީހަށް ވެސް ވާދަކުރެއްވީ ދެ ރައީސުންގެ ކެންޑިޑޭޓުންނެވެ. ޕާލިމެންޓަރީ ގްރޫޕުގެ ލީޑާޝިޕް އިންތިހާބުގައި ވެސް ހަމަ އެގޮތެވެ. އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް ހޮވިއިރު ވެސް އެކަން އޮތީ އެހެންނެވެ. ކެމްޕޭން ކޮމިޓީއެއް ހޮވުމަށް ވެސް ދެ ފެކްޝަނުން އެއް ގަލަކަށް އަރަން އުނދަގުލެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް އިންތިހާބަށް އިއުލާންކޮށް ކެމްޕޭން ފެށުމުގެ މާ ކުރިން ވެސް ވާދަވެރިކަން އޮތް މިންވަރު އެންމެނަށްވެސް ސާފެވެ. އެއާއެކު، އިންތިހާބާ މެދު ބަސް ބުނެ ހިޔާލު ފާޅު ނުކުރާ އެމްޑީޕީ މެމްބަރެ ނެތެވެ. ކެންޑީޑޭޓުންގެ ކެންޑިޑެސީ އިއުލާން ކުރުމުގެ މާ ކުރިން ވެސް ގިނަ މެމްބަރުން ތިއްބެވީ ވަކި ކެންޑޭޓެއް އިހުތިޔާރުކޮށް އެ ކެންޑިޑޭޓަކާ އެކު ކުރިއަށްދާން ނިންމައިގެންނެވެ.

އިންތިހާބުގެ ތެރޭގައި ދައުލަތުގެ ބައެއް ވަސީލަތްތައް ބޭނުންކުރި ގޮތްތަކާއި ގުޅޭގޮތުން ސުވާލު އުފެއްދިދާނެ އެވެ. އެ ސުވާލުތައް ރައީސް ނަޝީދުގެ ފެކްޝަނުން ވަރަށް ބޮޑަށް ފާހަގަވެސް ކުރިއެވެ. އެހެންނަމަވެސް، މި އިންތިހާބުގެ ކެމްޕޭނުގެ އެންމެ ހިތްގައިމު މަންޒަރަކަށް ފެނިގެންދިޔައީ އެ މީހަކު ބޭނުންވި ކެންޑިޑޭޓަކަށް ހިތާއި ރުހުމުން ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތުމެވެ. ހިޔާލު ފާޅުކުރުމާއި އެމީހަކު ހިތް ރުހޭ ކެންޑިޑޭޓަކަށް ވޯޓު ހޯދުމުގެ ފުރުސަތު ވެސް އޮތީ ތަންމިނަށް ހުޅުވިފަ އެވެ.

އިންތިހާބުގެ މޮޅަށްފަހު ރައީސް ސޯލިހު ސަޕޯޓަރުންނާ އެކު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކެމްޕޭން ރެލީތަކާއި، އިވެންޓުތަކާއި، ހިނގާލުންތަކުން ވެސް ފެނުނީ އެމްޑީޕީ ޑިމޮކްރަސީއަށް ފައްކާވެފައިވާ މިންވަރެވެ. އެ ޕާޓީގެ ސްޓައިލުގައި މުޅި ރާއްޖޭގައި ކުރީ ވަރުގަދަ ކެމްޕޭންތަކެކެވެ. ދެ ކެންޑިޑޭޓުންގެ އެޕްރޯޗު ތަފާތުވި ނަމަވެސް ދެ ކެންޑިޑޭޓުންގެ ކޭމްޕުގައި ވެސް ގްރާސްރޫޓުން ފެށިގެން އެންމެ ޓޮޕް ބްރާސްގެ ހިއްސާ އޮތެވެ. ރާއްޖޭގެ އެހެން އެއްވެސް ޕާޓީއަކަށް މި ނަމޫނާ ދެއްކިފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުގައި އެންމެ ގަދައަށް އުޅުއްވީ ރައީސް އޮފީހުގެ މިނިސްޓަރެކެވެ. ސަރުކާރު ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިން ވެސް ނަޝީދާ އެކު ކެމްޕޭނަށް ރަށްރަށަށް ވެސް ދަތުރުކުރެއްވި އެވެ. ސަރުކާރުގެ އެހެން މަގާމުތަކުގައި ވެސް ތިއްބެވި ބޭފުޅުން ބޭނުން އެއްޗެއް ޓްވިޓަރާއި ފޭސްބުކްގައި ލިޔަމުންދިޔަތަން ފެނުނެވެ.

ވޯޓަށް ރަނގަޅު ތަރުހީބެއް؛ ޓާންއައުޓް 71 އިންސައްތައިގައި

މި އިންތިހާބުގައި ވޯޓުލާން ނުކުންނާނެ މީހުން އެހެން އިންތިހާބުތަކަށް ވުރެ ގިނަ ވާނެ ކަމަށް މީގެކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެއީ، މިއީ ހުރިހާ ގޮތަކުން ވެސް އެ ޕާޓީއަށް ހާއްސަ ތާރީހީ އިންތިހާބަކަށް ވާތީ އެވެ. ރާއްޖޭގެ އެންމެ ތާއީދު ބޮޑު ދެ ލީޑަރުންގެ ގަދަ ހިފުމަކަށްވީމައެވެ.

އެމްޑީޕީން މި އިންތިހާބާ ކުރިމަތިލީ ބޮޑު ބަދަލަކާ އެކު އެވެ. މީގެކުރިން، އެ ޕާޓީން ބަލަހައްޓަމުންދިޔަ މެމްބަރުންގެ ދަފްތަރު އުވާލައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓަމުންދާ ދަފްތަރު ބަލައިގަތުމަށް ގައުމީ މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ. އެއީ މި އިންތިހާބަށް އިއުލާނު ކުރުމުގެ އެތައް މަހެއް ކުރިންނެވެ.

އެއާ އެކު އެ ޕާޓީގެ ދަފްތަރުން 39،000 އަށްވުރެ ގިނަ މެމްބަރުން އުނިކުރެވުނެވެ.

މިއީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލައި އިންތިހާބު ގަޑުބަޑު ކުރުން ހުއްޓުވުމަށް ގެނައި ބަދަލެކެވެ. އެއީ އަހަރުތަކެއް ވަންދެން ޕާޓީ ތެރޭގައި ވެސް ދެކެވޭ ވާހަކައެކެވެ. ޗެއާޕާސަންގެ އިންތިހާބުގައި ދަފްތަރު ސާފުކުރުން އެއީ ދެ ކެންޑިޑޭޓުންގެ ވެސް ވައުދެކެވެ. ފައްޔާޒު އެކަން ކުރެއްވި އެވެ.

އޭގެ ނުރުހުން އަމާޒުވި ނަމަވެސް، އެއީ މުސްތަގުބަލަށް އެމްޑީޕީން އެޅި ރަނގަޅު ފިޔަވަޅަކެވެ. އެކަން ކުރި ގޮތާމެދު ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އަލުން ޕާޓީއަށް ވަންނަން ލިސްޓުން އުނިކުރި މެމްބަރުންނަށް ފުރުސަތު ވެސް ދިނެވެ. ދާއިރާތަކުގެ ރައީސުންނަށް އެ ޒިންމާ އަދާކުރެވިފައި ނެތުމަކީ ކެންޑިޑޭޓުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫނެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން 40،877 މީހުން ވަނީ ވޯޓުލާން ނުކުމެ ވޯޓު ދީފަ އެވެ. އެއީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 57،257 މީހުންގެ 71.4 އިންސައްތަ އެވެ. މިއީ ވަރަށް ރަނގަޅު އަދަދެކެވެ. އެތެރޭގެ އިންތިހާބަކާ އަޅާބަލާއިރު ތައުރީފް ހައްގު ނަމްބަރެކެވެ.

ވޯޓުގެ ފޯރީގައި ފޮށިތަކުގައި ޖެހުނު ބައެއް މައްސަލަތަކަށް ބަލާއިރު، މާލޭގައި ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮށި އަދި ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގއ. ވިލިނގިލި ދާއިރާގެ ވޯޓު ފޮއްޓައް ލިސްޓުގައި ނެތް ބަޔަކު ވޯޓުލުމާ ގުޅިގެން އެ ފޮށިތަކަށް ވޯޓުލުން ހުއްޓައިލާން ވެސް ޖެހުނެވެ.

އޭގެ އިތުރުން، ގދ. ގައްދޫ އާއި ގދ. ރަތަފަންދޫ އާއި ތ. މަޑިފުށީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ކައިރީގައި މަޝްރަހު ހޫނުވެ, ވޯޓު ފޮށި ފަޅާލި އެވެ. މިއީ ޖަޒުބާތުގައި ޖެހި މަދު ބަޔަކު ހިންގި އަމަލުތަކެކެވެ. މި އަމަލުތަކަކުން މުޅި އިންތިހާބުގެ މަންޒަރު ސާފުކޮށް ބަޔާން ނުކޮށްދެވެ އެވެ. އަދި ހަމަނުޖެހުންތަކުގެ ތެރެއިން ވެސް އިންތިހާބުގެ ނަތީޖާއަށް ބޮޑު ބަދަލެއް އަންނާނެ ފަދަ ކަމެއް ހިނގި މަންޒަރެއް ނުފެނެ އެވެ.

އެންމެ ބޮޑު ޗެލެންޖު: އެކީގައި ކުރިއަށްދިޔުން

ވަގުތީ ނަތީޖާއާ ހަމައަށް އާދެވިފައިވާއިރު ރަސްމީކޮށް ހުށަހަޅާފައި ވަނީ އެންމެ 10 ޝަކުވާ އެވެ. އެއީ، މިފަދަ ބޮޑު އިންތިހާބަކާ ބަލާއިރު މަދު އަދަދެކެވެ. މަދު ފޮށިތަކެއްގައި ހަމަނުޖެހުން ހިންގި ނަމަވެސް އާންމު ގޮތެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގޮސްފައި ވަނީ އަމާން އަދި އޮމާންކޮށެވެ. އިންތިހާބުގެ ނަތީޖާ އަނބުރާލެވޭނެ ފަދަ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައި ނުވެ އެވެ.

ނަޝީދު އިއްޔެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެއްވުމަށް ވަޑައިގެން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކެމްޕޭނާއި ވޯޓުލިއިރު ފެނުނު މަންޒަރުތަކުން އެނގި ހާމަވަނީ އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމެވެ. ސިޔާސަތުތަކާއި މެދު ހުރި ހިލާފުތަކެކެވެ. އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އުފެދުނު ވާދައިގައި އެޅި ވޯޓަށް ފަހު އަނެއްކާ ވެސް އެމްޑީޕީއަށް މި އޮތީ ބޮޑު އިމްތިހާނެކެވެ.

މިއީ އެމްޑީޕީއަށް ތާރީހީ ވަގުތުކޮޅެކެވެ. ވެރިކަމުގައި އޮވެ ދެ ވަނަ ދައުރަކަށް އިންތިހާބުވުމުގެ ފުރުސަތު އެ ޕާޓީއަށް ފަހިވި ފުރަތަމަ ފަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު އެއްވެސް ދަތިކަމެއް ނެތި ސަރުކާރު ހިންގާލަން އަދިވެސް އަހަރެއްހާ ދުވަސް އެބައޮތެވެ.

ނަމަވެސް، މިއަދު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ އެމްޑީޕީގެ ތެރޭގައި މިއޮތް ހިލާފުތައް ނެތި މާޒީ އެކަހެރިކޮށް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދެވިދާނެތޯއާ މެދު ކުރެވޭ ސުވާލެވެ. ފަހަރުގައި މިއަދު އެކަމަކީ ދުރު ކަމެއްގެ ގޮތުގައި ފެނިދާނެ އެވެ.

އެކަމަކު، އިންތިހާބުގެ ނަތީޖާ ސާފުވުމުން، ކާމިޔާބީ ފާހަގަ ކުރެއްވުމަށް ދަނޑިކޮށި ޖަގަހައިގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ ހުރިހާ ބޭފުޅުންނާ ގުޅިގެން ކަމަށެވެ.

އެކަމުގެ ދައުވަތު އެންމެ ފުރަތަމަ ދެއްވީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

"ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިންވައިޓް ކުރާނަން [އެކުގައި މަސައްކަތް ކުރަން]،" ރައީސް ސޯލިހު ރޭ ވިދާޅުވި އެވެ.

އެނގި ހާމަވެފައި އޮތް ހަގީގަތަކީ އެމްޑީޕީއަކީ އަބަދުވެސް ދެބަސްވުންތަކުގެ ތެރެއިން އެއްބަސްވުމަކަށް އަންނަން ފަރިތަ ޕާޓީއެއްކަމެވެ. އެއީ، މަޝްވަރާގެ އުސޫލުން ކޯޅުންތައް މައިތިރިކޮށް އެކީގައި ކުރިއަށްދާ ޕާޓީއެކެވެ. އެއީ ޑިމޮކްރަސީއަށް ފަރިތަ އަދި އެކަން އަމަލީ ގޮތުން ޕްރެކްޓިސް ކުރަމުންދާ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެވެ.