Advertisement

މާޓީނޭޒްގެ ދެ ގޯލުން އިންޓަ ދެ ވަނަ އަށް

29 ޖަނަވަރީ 2023 - 09:43 0

ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


މާޓީނޭޒްގެ ދެ ގޯލުން އިންޓަ ދެ ވަނަ އަށް

29 ޖަނަވަރީ 2023 - 09:43 0

މިލާން (ޖެނުއަރީ 29) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ކްރެމޮނީސޭ އަތުން ފަހަތުން އަރައި، ލަޓާރޯ މާޓީނޭޒްގެ ގޯލުތަކުން، 2-1 އިން މޮޅުވެ، އިންޓަ މިލާން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތް ނަޕޯލީ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން މިރޭގެ މޮޅާ އެކު ވަނީ 20 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، އޭސީ މިލާން އޮތީ 19 މެޗުން 38 ޕޮއިންޓާ އެކު އެވެ. ލީގުގައި މިއަދު ސަސުއޯލޯ އަތުން މޮޅުވެގެން، މިލާނަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.

ސްޓޭޑިއޯ ޖިއޮވާނީ ޒިނީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލީޑުނެގީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ކްރެމޮނީސޭ އިންނެވެ. މި ސީޒަނުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ކްރެމޮނީސޭ އިން އިންޓަ ކައިރީގައި ލީޑުނެގި ގޯލު 11 ވަނަ މިނިޓްގައި ޖެހީ ނައިޖީރިއާގެ ފޯވާޑް ޑޭވިޑް އޮކެރޭކޭ އެވެ. އޭރިއާބޭރު ރޮނގުކައިރިން އޮކެރޭކޭ ޖެހި ޝޮޓް ގޯލުގެ މަތީ ކަަނަށް އަމާޒުވީ އިންޓަ ކީޕަރު އަންދްރޭ އޮނާނާ އަތްމަތިން ގޮހެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ކްރެމޮނީސޭ އަށް އިންޓަ ކައިރީގައި ލީޑުހިފަހައްޓައިލެވުނީ 10 މިނިޓެވެ. އިންޓަ އިން ވަނީ މެޗުގެ 21 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މާޓީނޭޒް އެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އިންޓަގެ އެޑިން ޖެކޯ އެއް ފަހަރުން ފޮނުވާލި ހަމަލާ ކްރެމޮނީސޭގެ ކީޕަރު މާކޯ ކާނެސޭސްކީ އަތުގައި ޖެހިފައި ނުކުތް ވަގުތު މާޓީނޭޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ.

އިންޓަ މޮޅުކޮށްދިން ގޯލު މާޓީނޭޒް ޖެހީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. ޖެކޯ ހުސްކޮށްލާފައި އޭރިއާތެރެއިން މާޓީނޭޒަށް ދިން ބޯޅަ ފޮނުވާލިއިރު، ގޯލަށް ވަނީ ކްރެމޮނީސޭ ޖޯހާން ވަޒްކޭޒް ފައިގައި ޖެހިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި އިންޓަ އަށް، މެޗުގައި ތިން ވަނަ ގޯލެއް ޖަހައިދޭން އެ ޓީމުގެ ޑެންޒެލް ޑަމްފްރީސް ފޮނުވާލި ބޯޅަ ކީޕަރު ކާނެސޭސްކީ ވަނީ މަތަކޮށްފަ އެވެ.