Advertisement

ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

28 ޖަނަވަރީ 2023 - 20:32 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނު ފަހު ހިނގާލުމުގައި: ވިދާޅުވީ ވޯޓުގެ ނަތީޖާ ޝީޓު ދިރާސާ ކުރެއްވުމަށްފަހު ދެން ހައްދަވާނެ ގޮތެއް ނިންމަވާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

28 ޖަނަވަރީ 2023 - 20:32 1

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކެންޑިޑޭޓު ނަމްބަރު އެކެއް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެއްޖައި ވިދާޅުވީ އެމަނިކުފާނުގެ ޓީމުން ދަނީ ނަތީޖާ ޝީޓުތައް ބަލަމުން ކަމަށާއި ގިނަ ފޮށިތކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ. އަދި މިހާރު ފެންނަނީ މަދު ފޮށިތަކަކުން ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގައި އުޅުއްވާ ނަތީޖާތަކެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއިރު މިހާތަނަށް 35،820 ވޯޓު ގުނިއިރު 61 ޕަސެންޓް ހޯއްދަވައިގެން އިންތިހާބުގެ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔަގީން ކުރައްވައިފަ އެވެ.

އިންތިހާބު ގަބޫލުނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއިރު، ވޯޓު ގަޑުބަޑު ކުރުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ވެސް އެމަނިކުފާނު ކުރިން ވަނީ ވިދާޅުވެފަ އެވެ.

"ބައެއް ވޯޓު ފޮށިތައް ކައިރީގައި އަޅުގަނޑުގެ ފަރާތުން ތިބި ކިތަންމެ އޮބްޒާވަރުންނާއި ތާއީދު ކުރާ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ. އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" ނަޝީދު ވިދާޅުވި އެވެ.

ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ދެން އެމަނިކުފާނު އަމަލު ކުރައްވާނެ ގޮތެއް އަދި ހާމައެއް ނުކުރައްވަ އެވެ.

މިއަދު ވޯޓުލުން ކުރިއަށްދިޔައިރު ބައެއް މަރުކަޒުތަކުގައި ވަނީ ހަމަނުޖެހުން ހިންގައި ބައެއް ވޯޓު ފޮށިތަކަށް ގެއްލުންދީފަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހުން ވަނީ ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.