Advertisement

ކައެސޭޑޯ އެދުނަސް ބްރައިޓަން އޮތީ އަދި ގޮތްދޫކުރާ ގޮތަކަށް ނޫން

29 ޖަނަވަރީ 2023 - 09:45 0

ބްރައިޓަންގެ މިޑްފީލްޑަރު ކައެސޭޑޯ: އޭނާ ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވޭ.


ކައެސޭޑޯ އެދުނަސް ބްރައިޓަން އޮތީ އަދި ގޮތްދޫކުރާ ގޮތަކަށް ނޫން

29 ޖަނަވަރީ 2023 - 09:45 0

ލަންޑަން (ޖެނުއަރީ 29) - ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކުޅެމުން އަންނަ އެކުއެޑޯގެ މިޑްފީލްޑަރު، މޮއިސަސް ކައެސޭޑޯ، ކްލަބް ބަދަލުކުރަން އެދުނު ކަމަށް ވިޔަސް މި ފަހަރުގެ ޓްރާންސްފާގައި އޭނާ ދޫކޮށްލަން ބްރައިޓަން އިން ދެކޮޅު ހަދައިފި އެވެ.

ކައެސޭޑޯ، 21، ހޯދަން ޗެލްސީން މީގެ ހަފްތާއެއްހާ ދުވަސްކުރިން 85 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހެޅި ނަމަވެސް ބްރައިޓަން އިން ވަނީ އެ ބިޑް އަނބުރާ ފޮނުވާލައިފަ އެވެ. ލިވަޕޫލުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ، ސައެސޭޑޯ ގަންނަން އެންމެ ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން ވެސް ވަނީ ރޭހަށް ވަދެފަ އެވެ.

އާސެނަލުން ސައެސޭޑޯ ގަންނަން ހުށަހެޅި 74 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހެޅުމުން ބްރައިޓަން ވަނީ އެ އަށް ވެސް ފުރަގަސްދީފަ އެވެ.

ބްރައިޓަން އިން ކައެސޭޑޯ، އާސެނަލަށް ދޫކޮށްލަން ވެސް ނޫނެކޭ ބުނުމާ އެކު، ކައެސޭޑޯ ވަނީ ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ. އިންސްޓަގްރާމްގައި ކައެސޭޑޯ ކުރި ޕޯސްޓެއްގައި ބުނެފައި، ބްރައިޓަންގައި މިހާތަނަށް އޭނާ ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެ ކްލަބަށް އަބަދުވެސް ހާއްސަ ލޯތްބެއް އޮންނާނެ ކަމަށެވެ.

އެކަމަކު، މިއީ ކެރިއަރުގައި އާ ދިމާލަށް މިސްރާބު ޖަހަންވީ ވަގުތު ކަަމަށް ގަބޫލުކުރެވޭއިރު، މި ވަގުތު އެ ފަދަ ފުރުސަތުތައް ވެސް ތަނަވަސްވެފައި އޮތްކަން ފާހަގަކޮށް، ކައެސޭޑޯ ބުނީ އޭނާ ގަންނަން ލިބިފައިވާ ރެކޯޑް ފީ އަށް ބްރައިޓަން އިން އެއްބަސްވާން އެދޭ ކަމަށެވެ. އަދި އޭނާ ވިއްކާލުމަށް ފަހު، ބްރައިޓަން އަށް ޓީމު ވަރުގަަދަ ކުރަން އެ ފައިސާ ބޭނުންކުރެވޭނެ ކަމަށް ވެސް ކައެސޭޑޯ ވަނީ ބުނެފަ އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ބްރައިޓަން އިން ލިވަޕޫލާ ކުޅޭ މެޗުގެ ސްކޮޑުގައި ކައެސޭޑޯ ނުހިމެނެ އެވެ. ބްރައިޓަންގެ ކޯޗު އިޓަލީގެ ރޮބާޓޯ ޑި ޒާބީ ބުނީ ވިސްނުމަކީ މި ސީޒަނުގެ ނިޔަލަށް ކައެސޭޑޯ ޓީމުގައި މަޑުކުރުމަށް ކަމަށެވެ. އަދި އެކަން މިދިޔަ ބުދަ ދުވަހު ކައެސޭޑޯއާ ބައްދަލުކޮށް، އޭނާ އަށް ވެސް އަންގާފައިވާނެ ކަމަށް ޑި ޒާބީ ވަނީ ބުނެފަ އެވެ.

ބްރައިޓަން އިން ވަނީ މި މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް، ލެއަންޑްރޯ ޓްރޮސާޑް، 27 މިލިއަން ޑޮލަރުގެ ފީ އަކަށް އާސެނަލަށް ވިއްކާލައިފަ އެވެ.

އެކަމަކު، 2025 ގެ ޖޫން މަހުގެ ނިޔަލަށް ބްރައިޓަންގެ ކޮންޓްރެކްޓްގައި ހުރި ކައެސޭޑޯ، މި މަހު ވިއްކާލަން ބްރައިޓަން އިން ބޭނުމެއް ނުވެ އެވެ. އެހެންވެ، ޓްރާންސްފާގެ ވާހަކަތައް މީޑިއާގައި ދައުރުވަމުންދާ ގޮތަށް ބަލައި، ބްރައިޓަން އިން ވަނީ މި މަހުގެ ނިޔަލަށް ޓީމުގެ ފަރިތަކުރުންތަކުން، ކައެސޭޑޯ ބައިވެރިނުވާ ގޮތަށް ނިންމައިފަ އެވެ.

އިކުއެޑޯގެ އިންޑިޕެންޑިއެންޓޭ ޑެލް ވާއޭ އިން ބްރައިޓަން އަށް ކައެސޭޑޯ ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ފަހަރު ބްރައިޓަން އިން ވަނީ ކައެސޭޑޯ ގަންނަން ޖުމްލަ އެކު، ފަސް މިލިއަން ޑޮލަރު ދައްކައިފަ އެވެ.