Advertisement

އެމެރިކާގައި ހައްޔަރު ކުރި މީހަކު މަރުވި މައްސަލަ ހޫނުވެއްޖެ

28 ޖަނަވަރީ 2023 - 16:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފިރިހެން މީހާ ހައްޔަރު ކުރި ވަގުތު ފުލުހުންގެ ގައިގައި ހަރުކޮށްފައި ހުރި ކެމެރާއިން ނެގި ވީޑިއޯގެ ސްކްރީންޝޮޓެއް. -- ފޮޓޯ: އެންޕީއާރް


އެމެރިކާގައި ހައްޔަރު ކުރި މީހަކު މަރުވި މައްސަލަ ހޫނުވެއްޖެ

28 ޖަނަވަރީ 2023 - 16:19 0

އެމެރިކާގެ ޓެނެސީ ސްޓޭޓުގެ މެމްފިސް ސިޓީގައި ހައްޔަރު ކުރި މީހަކަށް ފުލުހުން އަނިޔާކުރުމުގެ ސަބަބުން މަރުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ޓަޔާ ނިކޯލްސް ހައްޔަރު ކުރި ވަގުތު ފުލުހުން އަމަލުކުރި ގޮތް ފެންނަ ވީޑިއޯތައް އާއްމުކުރީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ޖެނުއަރީ ހަތް ވަނަ ދުވަހު ފަސް ފުލުހުން އޭނާގެ ގައިގައި ތަޅައި އަނިޔާކުރާ އިރު ފުލުހުންނާ ދެކޮޅަށް އޭނާ އެއްވެސް ކަމެއް ކުރާ މަަންޒަރެއް އެ ވީޑިއޯތަކުން ނުފެނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ "ބިރުވެރި" ވީޑިއޯތައް ފެނި "ވަރަށް ބޮޑަށް އަސަރުކޮށްފައިވާ" ކަމަށެވެ. އެކަމާ ގުޅިގެން ހުކުރު ދުވަހުގެ ރޭ މެމްފިސްގައި މުޒާހަަރާ ކުރި އެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ނިކޯލްސްއަށް އިންސާފު ހޯދައި ދިނުމަށާއި ފުލުހުންގެ "ޓެރަރިޒަމް" ނިމުމަކަށް ގެނައުމަށެވެ. އެމެރިކާގެ އެހެން ހިސާބުތަކުގައި ވެސް ކުދިން އެއްވުންތައް ބޭއްވި އެވެ.

ޓަޔާ ނިކޯލްސް.


ކާރުގައި ދަނިކޮށް ފުލުހުން ނިކޯލްސް ހުއްޓުވީ ގަވާއިދާ ހިލާފަށް ދާ ކަމަށް ބުނެ އެވެ. އޭނާ ކާރުން ނިކުތުމުން އަނިޔާކޮށް، ޓޭޒަރު ޖައްސައި، ޕެޕާ ސްޕްރޭ ޖަހައި، ފަހަތުން ދުވެފައި ގޮސް މުގުރި ބުރި އާއި ކޮޅުފައިން ވެސް އަނިޔާކުރި އެވެ.

ނިކޯލްސް މަރުވީ ހޮސްޕިޓަލުގައި ފަރުވާ ކުރަނިކޮށް ހާދިސާ ހިނގިތާ ތިން ދުވަސް ފަހުންނެވެ. އެ ހާދިސާގެ ވީޑިއޯތައް އާއްމުކުރި މެމްފިސް ޕޮލިސް ޑިޕާޓްމަންޓުންނެވެ.

އާއިލާގެ ފަރާތުން ގާނޫނީ ވަކީލުން ބުނީ ނިކޯލްސްއަކީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ބައްޕަ ކަމަށާއި އޭނާއަކީ ޝައުގުވެރިކަމާ އެކު ސްކޭޓްބޯޑު ކުރާ މީހެއް ކަމަށެވެ.

ތުހުމަތު ކުރެވޭ ފުލުހުންތައް.


ތަކެތި ޑެލިވާ ކުރާ ފެޑްއެކްސްގެ ވަޒީފާއެއްގައި އުޅެމުން ދާދި ފަހުން ނިކޯލްސް ވަނީ ފޮޓޯނެގުން ދަސްކުރުމަށް ކޯހެއްގައި ބައިވެރި ކިޔަވަން ފަށައިފަ އެވެ.

ނިކޯލްސްއަށް ހަމަލާ ދިން ފަސް ފުލުހުން ވަނީ މިދިޔަ ހަފުތާގައި ވަޒީފާއިން ވަކިކޮށްފަަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ މީހުން ހައްޔަރުކޮށް މަރުގެ ދައުވާ އުފުލި އެވެ. އޭގެ ތެރެއިން ހަތަރު މީހުން ތިބީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަަ އެވެ.