Advertisement

އެމްޑީޕީ ޕްރައިމަރީ؛ ރަސްމީކޮށް ހުށަހަޅާފައިވަނީ 10 ޝަކުވާ

28 ޖަނަވަރީ 2023 - 16:22 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީގެ މުގައްރަރު؛ ވިދާޅުވީ މިހާތަނަށް ހުށަހެޅުނީ އެންމެ 10 ޝަކުވާ ކަމަށް


އެމްޑީޕީ ޕްރައިމަރީ؛ ރަސްމީކޮށް ހުށަހަޅާފައިވަނީ 10 ޝަކުވާ

28 ޖަނަވަރީ 2023 - 16:22 1

މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 10 ޝަކުވާ ކަމަށް އިންތިހާބީ ކޮމިޓީން ބުނެފި އެވެ.

ޕްރައިމަރީގެ ވޯޓުލުން މިއަދު ހެދުނު 9:00 ގައި ފެށިގެން ކުރިއަށްދާއިރު ވޯޓާސް ލިސްޓުގެ ސަބަބުން އެކި ރަށްރަށާއި އަދި މާލޭގެ އެކި މަރުކަޒުތަކުގައި މައްސަލަ ޖެހި ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވެ އެވެ. ބައެއް ރަށްރަށުގައި މައްސަލަ ހޫނުވެ، ވޯޓު ފޮށިތައް ވެސް ފަޅާލާފައިވެ އެވެ.

"އަދަދު"އާ ވާހަކަ ދައްކަވަމުން އިންތިހާބީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ މިވަގުތު ހުރިހާ ފޮއްޓެއްގެ ވޯޓުލުން ވެސް ކުރިއަށްދާ ކަމަށެވެ.

އިބްރާހިމް ވިދާޅުވީ މައިގަނޑު ގޮތެއްގައި ހުށަހެޅިފައިވަނީ ނަން ނެތުމާއި އެޑްރެސް ބަދަލުވުން ފަދަ މައްސަލަތައް ކަމަށެވެ.

"ރަސްމީކޮށް ހުށަހަޅާފައިވަނީ އެންމެ 10 ޝަކުވާ، ރަސްމީކޮށް ހުށަހެޅެނީ ފޯނުން މެސެޖުން އީމެއިލުން، ރަސްމީކޮށް ހުށަހެޅުމަށް ނޯވޭ ވޯޓު ފޮށި ފަޅާލުމެއް،" އޭނާ ވިދާޅުވި އެވެ.

ވޯޓު ފޮށިތަކުގެ 70 ޕަސެންޓު، ގަޑިއަށް ބަންދު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓުލުމުގެ ތެރޭން މިހާތަނަށް ކުރިމަތިވެފައިވަނީ ކުދިކުދި މައްސަލަ ކަމަށާއި ބޮޑެތި މައްސަލަތައް މިހާތަނަށް ދިމާވެފައިނުވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ވޯޓު ފޮށިތަކުގައި ޖެހުނު ބައެއް މައްސަލަތަކަށް ބަލާއިރު، މާލޭގައި ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮށި އަދި ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގއ. ވިލިނގިލި ދާއިރާގެ ވޯޓު ފޮއްޓައް ލިސްޓުގައި ނެތް ބަޔަކު ވޯޓުލުމާ ގުޅިގެން އެ ފޮށިތަކަށް ވޯޓުލުން ވަގުތީ ގޮތުން ހުއްޓާލި އެވެ.

މީގެއިތުރުން ގދ. ގައްދޫގައި ހުރި ގދ. ރަތަފަންދޫ އާއި ތ. މަޑިފުށީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ކައިރީގައި މަޝްރަހު ހޫނުވެ, ވޯޓު ފޮށި ފަޅާލާފައިވެ އެވެ. މި މައްސަލައިގައި ގައްދޫއާއި ރަތަފަންދޫއިން ތިން މީހުން ހައްޔަރު ކޮށްފައިވެ އެވެ.