Advertisement

ޗައިނާ އާއި އެމެރިކާގެ ހަނގުރާމަ ގާތްވެއްޖެ ކަމުގެ އިންޒާރު ދީފި

28 ޖަނަވަރީ 2023 - 12:00 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާ ސިފައިންގެ ޖެނެރަލް މައިކް މިނިހަން. -- ފޮޓޯ: މައިކް ސުކަމޯޓޯ


ޗައިނާ އާއި އެމެރިކާގެ ހަނގުރާމަ ގާތްވެއްޖެ ކަމުގެ އިންޒާރު ދީފި

28 ޖަނަވަރީ 2023 - 12:00 1

ޗައިނާ އާއި އެމެރިކާގެ ހަނގުރާމަ ގާތްވެއްޖެ ކަމަށް ވިދާޅުވެ އެކަމަށް ތައްޔާރުވުމަށް އެމެރިކާ ސިފައިން އިސް އޮފިޝަލަކު އިންޒާރު ދެއްވައިފި އެވެ.

އެއާ މޮބިލިޓީ ކޮމާންޑުގެ ވެރިޔާ ޖެނެރަލް މައިކް މިނިހަން ވިދާޅުވީ 2025 ވަނަ އަހަރުގެ ތެރޭގައި ހަނގުރާމަ ފެށުން އެކަށީގެންވާ ކަމަށާއި ބޮޑަށް ބެލެވެނީ ހަނގުރާމަ ކުރާނީ ޓައިވާން މައްސަލައިގައި ކަމަށެވެ.

ޖެނެރަލް މިނިހަން ފޮނުއްވި އިންޓާނަލް މެމޯގައިވާ ތަފްސީލް އާއްމުވީ ހުކުރު ދުވަހު ސޯޝަލް މީޑިއާގަ އެވެ. ނޫސްވެރިންގެ ސުވާލުތައް އަމާޒުވެ ޕެންޓަގަންއިން ވަނީ އެ މެމޯގެ ސައްހަކަން ކަށަވަރުކޮށްދީފަ އެވެ.

ޖެނެރަލް މިނިހަން ވިދާޅުވީ މައިގަނޑު ލަނޑުދަނޑިއަކަށް ވާންވީ ހަނގުރާމަ ފަސްކުރުން ކަމަށާއި އެކަން ނުކުރެވޭ ނަމަ ޗައިނާ "ބަލިކުރަން ޖެހޭނެ" ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި ހީވާ ހީވުންތައް ކުށްހީއަކަށް ވެގެން ދިޔުން. އެކަމަކު އަޅުގަނޑުގެ އަންދާޒާއަކީ 2025 ގައި ހަނގުރާމަ ފެށުން."

އެގޮތަށް އަންދާޒާ ކުރެވޭ ސަބަބުތައް ބަޔާންކުރަމުން ޖެނެރަލް މިނިހަން ވިދާޅުވީ އަންނަ އަހަރު ޓައިވާނުގެ ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އެއީ ޗައިނާއިން ޓައިވާނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަން ލިބޭނެ އުޒުރެއް ކަމަށެވެ.

އެ ދަނޑިވަޅުގައި އެމެރިކާގައި ވެސް އިންތިހާބު އޮންނާނެތީ އެމެރިކާ ސަރުކާރުގެ ފޯކަސް އޮންނާނީ އެތެރޭގެ ސުލްހައަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"[ޗައިނާގެ ރައީސް] ޝީ ޖިންޕިންގެ ޓީމާއި، ސަބަބުތަކާއި، ފުރުސަތުތައް ގުޅިފައި އޮތޯ 2025 ވަނަ އަހަރާ."

ޖެނެރަލް މިނިހަން ހަނގުރާމައިގެ އިންޒާރު ދެއްވާފައިވާ އިރު، ފަހަކަށް އައިސް އެމެރިކާގެ ސިފައިންގެ އިސްވެރިން އެކަމާ ގުޅޭ އިންޒާރުތައް ދެމުންދާކަން ފާހަގަކުރެވެ އެވެ.

ޓައިވާންގެ ކޮންޓްރޯލް ހޯދަން ޗައިނާއިން ކުރާ މަސައްކަތް ހަލުވި ކުރަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ ޗައިނާގެ ޕްރޮވިންސެކެވެ. ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބާއްވަން ބާރުގެ ބޭނުން ކުރަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ޗައިނާއިން ތަކުރާރުކޮށް ބުނެފައިވެ އެވެ.

ޓައިވާނުން ދެކޭ ގޮތުގައި އެއީ ވަކި ދައުލަތެކެވެ. ޑިމޮކްރެޓިކް އިންތިހާބަކުން ވަކި ރައީސެއް އިންތިހާބު ކުރާ ޓައިވާނަށް އަސްކަރީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާއިންނެވެ.