Advertisement

ކައުންސިލުން ކުނި ޖަމާ ކުރުމުން މެނޭޖް ކުރާނެ ބަޔަކު ހޯދަން އަނެއްކާ އިއުލާންކޮށްފި

28 ޖަނަވަރީ 2023 - 16:44 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

މާލޭ މަގުމަތީގައި ކުނި ކޮތަޅުތަކެއް ނެރެފައި


ކައުންސިލުން ކުނި ޖަމާ ކުރުމުން މެނޭޖް ކުރާނެ ބަޔަކު ހޯދަން އަނެއްކާ އިއުލާންކޮށްފި

28 ޖަނަވަރީ 2023 - 16:44 0

މާލެ ސަރަހައްދުގައި ކުނި ނަގައި ސަރަހައްދު މެނޭޖުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

މާލެ ކައުންސިލުން ނެރުނު އިއުލާންކޮށްފައި ބުނީ ކުރިން މާލޭގެ މަގުތަކާއި، ހުސް ބިންތަކާއި މައިޒާންތަކުން ކުނި ނަގާ ސާފުކޮށް ބެލެހެއްޓުމުގެ ދަށުން، ނަގާ ކުނިތައް އެއް ސަރަހައްދަކަށް ޖަމާކުރުމުން އެ ސަރަހައްދުން ވެމްކޯ ސައިޓްތަކަށް ކުނި ގެންދިޔުމުގައި އެހީތެރިވުމާއި، އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު އަންދާޒާކޮށްފައިވާ ވަރަށް ވުރެ އަގު ބޮޑުވުމާއި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި މަސައްކަތް ކުރުމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ސިޓީ ކައުންސިލުން މާލެ ތެރެއިން ކުނި ނަގާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފައިވާއިރު، މާލެ ތެރެއިން ކުނި ނެގުމަށްފަހު ގަވާއިދާ ހިލާފަށް ކުނި ޖަމާކޮށްފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވަނިކޮށް އީޕީއޭއިން ވަނީ އެ ކުނިތައް ނެގުމަށް ސިޓީ ކައުންސިލަށް އަންގާފަ އެވެ.

ސިޓީ ކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު މައުލޫމާތު ސާފުކޮށް، އަންގާރަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު އަގު ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް އެދިފަ އެވެ.

މި ފުރުސަތުގައި އަގު ހުށައެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނަޝިޕްތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.