Advertisement

ނަޝީދު ފަޅިން ކުރާ ތުހުމަތުތަކަށް އިންތިހާބު ކޮމިޓީން ރައްދުދީފި

28 ޖަނަވަރީ 2023 - 10:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޕްރައިމަރީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު - ފޮޓޯ: މިރާން ނާޝިމް / އަދަދު


ނަޝީދު ފަޅިން ކުރާ ތުހުމަތުތަކަށް އިންތިހާބު ކޮމިޓީން ރައްދުދީފި

28 ޖަނަވަރީ 2023 - 10:15 0

މިއަދު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮށިތަކަށް ވޯޓުލާނެ ގޮތް ކެންޑިޑޭޓުންނަކަށް ނުނިންމޭނެ ކަމަށް އެ ޕާޓީގެ ޕްރައިމަރީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީއާ ބެހޭގޮތުން އިބްރާހިމް މިއަދު "އަދަދު" އަށް ވިދާޅުވީ ފޮއްޓަށް ވޯޓުލެވޭނެ ފަރާތްތައް ކަނޑައަޅާނީ އެ ފޮށްޓަކާ ހަވާލުވެ ހުންނަ ވެރިޔާ ކަމަށާއި ވޯޓުލާންވާ ގޮތް އެއްވެސް ކެންޑިޑޭޓަކަށް ނުނިންމޭނެ ކަމަށެވެ.

"ކެންޑިޑޭޓުންނެއް ނޫން ވޯޓުލާ މަރުކަޒުތައް ކޮންޓްރޯލް ކުރާނީ، ޕާޓީއިން އެކަން އަޅުގަނޑުމެން ކުރާނީ," އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް މިއަދު މިހެން ވިދާޅުވެފައި މިވަނީ އިއްޔެ އެމްޑީޕީގެ ރައީސް އަދި ކެންޑިޑޭޓު ނަމްބަރު އެކެއް މުހައްމަދު ނަޝީދުގެ ކެމްޕޭނު ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދުގެ ޕްރައިމަރީ އޮޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

އެގޮތުން ނަޝީދުގެ ކެމްޕޭން އޭޖެންޓު ހަސަން ލަތީފު ވިދާޅުވީ އިންތިހާބާ ބެހޭ ކޮމިޓީ އެކުލަވާލި ގޮތުން ވެސް މި ޕްރައިމަރީގައި އޮޅުވާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ވަރަށް ބައިވަރު ކަންކަން އެބަހުރި މި އިންތިހާބުގައި މާދަމާގެ ވޯޓާ ގުޅޭގޮތުން. އަޅުގަނޑުމެންނަށް އެ ލިބޭ މައުލޫމާތާ އެއްގޮތަށް އެކަން ކުރުމުގެ ފުރުސަތު އޮތްކަން އަދި އެކަން ކުރުމަށް މަސައްކަތް ވެސް ކުރާނެ ކަމަށް," ހަސަން ލަތީފު އިއްޔެ ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އިބްރާހިމް ވިދާޅުވީ އިންތިހާބާ ބެހޭ ގަވާއިދު ވަނީ އެ ޕާޓީގެ ގަވާއިދުގައި ތަފުސީލުކޮށް ލިޔެވިފައި ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން ވޯޓު ލުމުގެ ހައްގު ލިބޭ ކޮންމެ ފަރާތަކަށްވެސް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ އޮފުޝަލުން ދޭނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ނަޝީދުގެ ކެމްޕޭނުން މިފަދަ ތުހުމަތުކުރުމުން ބޮޑަށް ހީވަނީ އެ ފަރާތްތަކުން މުޅި އިންތިހާބު ގަޑުބަޑުކޮށް އިންތިޒާމުތައް ނަގާލުމުގެ ނިޔަތެއް އޮތުމުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

މިހާރު ޕްރައިމަރީގެ ވޯޓުލުން ފެށިފައިވާއިރު ވޯޓު ފޮށިތައް ބަންދުކުރެވޭނީ މިއަދު ހަވީރު 5:00 ގަ އެވެ. މިއަދުގެ އިންތިހާބުގައި ޖުމްލަ 57،255 މީހުންނަށް ވޯޓުލެވޭއިރު އިބްރާހިމް ވިދާޅުވީ މިރޭ 10:00 ހާއިރު ވަގުތީ ނަތީޖާއެއް ހާމަކުރެވޭނެ ކަމަށެވެ.