Advertisement

އެމްޑީޕީގެ ބޮޑު ނިންމުން މާދަމާ; ދެ ރައީސުން ފޯރީގައި ކެމްޕޭން ނިންމާލައިފި

27 ޖަނަވަރީ 2023 - 19:15 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ދެ ރައީސުން ކެމްޕެއިނު ނިންމާލަން ބޭއްވި ހަރަކާތްތަކުގެ ތެރެއިން; ދެ ރައީސުން ވެސް ފޯރިގަދަ ކެމްޕެއިނު ނިންމާލާފައިވަނީ ދުއާއަކުން ---


އެމްޑީޕީގެ ބޮޑު ނިންމުން މާދަމާ; ދެ ރައީސުން ފޯރީގައި ކެމްޕޭން ނިންމާލައިފި

27 ޖަނަވަރީ 2023 - 19:15 0

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު ހަރަކާތްތައް ފޯރީގައި ނިންމާލައިފި އެވެ.

މާދަމާ އޮންނަ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ދެ ވަނަ ދައުރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ރައީސް ކަން ކުރެއްވި މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ހުންނެވީ މަޖިލިސް ރައީސްގެ މަގާމުގަ އެވެ. މިއީ ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް ނަޝީދުގެ ކެމްޕެއިނު ނިންމުމަށް މިއަދު ބޭއްވި ހިނގާލުން ފަށާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން ފަށައިގެން ހިނގާލުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ގޮސް ވެސްޓު ޕާކު ވަށާލައި، މަޖީދީ މަގުން އަނބުރާ އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެފަ އެވެ.

މަޖީދީ މަގުން ސަޕޯޓަރުންނާ އެކު ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މި ހިނގާލުމުގައި ނަޝީދަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ. ހިނގާލުން ނިންމާލުމުގެ ގޮތުން ހަރުގެ ސަރަހައްދުގައި ކެމްޕެއިނު ޓީމުން ވަނީ ހާއްސަ ދުއާ އެއް ވެސް ކޮށްފަ އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިނު ނިންމާލުމުގެ ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑުގަ އެވެ. ރައީސް ސޯލިހަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މެންބަރުން އެ ސަރަހައްދަށް ޖަމާވިއިރު، އެ މަނިކުފާނު ވަނީ ޕްރައިމަރީއަށް ފަހު ޕާޓީގެ އަމާޒުތައް ބައްޓަން ކުރަންވީ ގޮތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

"[ކުރަންވީ ކަމަކީ] މި މަސައްކަތް ނިމުމާ އެކު މާޒީ އެކަހެރިކޮށް އެކީގައި މަސައްކަތް ކުރަން ނުކުތުން. އެކުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެކައްޗެއްގެ ގޮތުގައި މަސައްކަތް ފެށުން. އެކަން ކުރެވިއްޖެނަމަ ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކުރާނެ،" ރައީސް ވިދާޅުވި އެވެ.

ކެމްޕޭން ނިންމުމަށް ބޭއްވި ރެލީގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް ސޯލިހު ވަޑައިގަންނަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވޯޓުލާއިރު އެމްޑީޕީގެ މެމްބަރުންގެ މީގެކުރިން ކުރި ތަޖުރިބާތައް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މި ކެމްޕޭނުގެ ތެރެއިން އެމަނިކުފާނުގެ އެ ވާހަކަތައް ތަކުރާރު ކުރެއްވި އެވެ.

"2013 އިން ފެށިގެން 2018 އާ ދޭތެރޭ މުޅި ރާއްޖެ ތަހައްމަލު ކުރި ބިރުވެރިކަމާ މެދު ވިސްނަވާ. މިއަދު ހަމަޖެހިގެން މި ތިބެވެނީ ބަޔަކު މަސައްކަތްތަކެއް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ކެމްޕެއިނު ނިންމާލާފައިވަނީ ވެސް އެކަމަށް ހާއްސަ ދުއާ އަކުންނެވެ.

ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ކެމްޕޭނަކަށް ފަހު މާދަމާ ވޯޓުލާއިރު ދެ ފެކްޝަނަކަށް ޕާޓީ އޮތީ ބެހިފަ އެވެ. ދެ ރައީސުންގެ ފެކްޝަންތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް ބޮޑެތި ތުހުމަތުތަކެއް އެއް ބަޔަކު އަނެއް ބަޔަކަށް ވަނީ ކޮށްފަ އެވެ.

މާދަމާ ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އަދި ޕާޓީއެއްގެ ކުރިމަގާމެދު ވޯޓަކުން މިހާބޮޑު ނިންމުމެއް ނިންމާ މަންޒަރު ފެންނަ ފުރަތަމަ ފަހަރެވެ.