Advertisement

ބާރުގެ ބޭނުންކޮށްގެން ރޫޅާލި މުޒާހަރާއިން ދެ މީހަކު ހައްޔަރަށް

27 ޖަނަވަރީ 2023 - 14:55 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޕީޕީއެމުން ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މީގެ ކުރިން ބޭއްވި މުޒާހަރާއެއް-- ފޮޓޯ: އަބްދުﷲ އިޔާން


ބާރުގެ ބޭނުންކޮށްގެން ރޫޅާލި މުޒާހަރާއިން ދެ މީހަކު ހައްޔަރަށް

27 ޖަނަވަރީ 2023 - 14:55 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރި މުޒާހަރާގެ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުންނެވެ. ރަސްފަންނު ސަރަހައްދުން ރޭ ފެށި މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ އެމްޕީއެލް ސަރަހައްދުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "އަދަދު" އަށް މިއަދު ވިދާޅުވީ މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ ޕެޕާ ސްޕްރޭ ޖަހައިގެންނެވެ. އެކަމާ ގުޅިގެން އިދިކޮޅުން ވަނީ ސުލްހަވެރި އިހުތިޖާޖުތަކުގައި އަނިޔާ ނުކުރުމަށާއި، ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އިދިކޮޅުން ބުނެފައިވާ ގޮތުގައި ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުން ފުލުހުން އަންނަނީ ގިނަ ބަޔަކު ހައްޔަރުކޮށް 24 ގަޑިއިރު ނުވަނީސް ދޫކޮށްލަމުންނެވެ.

ޑިސެމްބަރު 25، ވަނަ ދުވަހު އިދިކޮޅު ރިޔާސީ ޓިކެޓު ވެސް ހިއްޕަވައިގެން ހުންނެވި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑާ ކުރިކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.