Advertisement

ބްލެކްމެއިލްގެ ތުހުމަތުގައި ހައްޔަރުކުރި ވަކީލަކު ފުލުހުންނާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

27 ޖަނަވަރީ 2023 - 11:40 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކޮމިޝަނާ އޮފް ޕޮލިިސް މުހައްމަދު ހަމީދު؛ މައްސަލައެއްގައި ތުހުމަތު ކުރެވުނު ވަކީލަކު ވަނީ ފުލުހުންނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ހުށަހަޅާފައި-- ފޮޓޯ:


ބްލެކްމެއިލްގެ ތުހުމަތުގައި ހައްޔަރުކުރި ވަކީލަކު ފުލުހުންނާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

27 ޖަނަވަރީ 2023 - 11:40 0

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ފަރާތުން 238.7 މިިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

ބްލެކްމެއިލްކުރި ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލު، ށ. ފުނަދޫ ސީސްޓާ، މައުމޫން މޫސާ، 41، ގެ ފޮޓޯއާއެކު ވަނަވަރު އާންމުކުރި އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވުމާއެކު ފުލުހުން އޭނާ ދޫކޮށްލި އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި މައުމޫނު އެދިފައި ވަނީ ފުލުހުން އޭނާގެ ފޮޓޯ އާއި ވަނަވަރު އާންމުކުރުމަކީ އަބުރު ނަގައިލަން ކުރި ކަމެއް ކަމަށް ކަނޑައަޅައި ދީ، އެކަމަށް މާފަށް އެދި، އަދި މާލީ ބަދަލުގެ ގޮތުގައި 238،777،416ރ. ނަގައި ދިނުމަށެވެ.

މައުމޫން "އަދަދު" ނޫހަށް ވިދާޅުވީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުންނަށް ފޮނުވާފައިވާ އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައި ނުވާތީ އާއި އޭނާގެ ފޮޓޯ ފުލުހުންގެ ވެބްސައިޓާއި ސޯޝަލް މީޑިއާއިން ނަގާފައިނުވާތީ އެވެ.

މައުމޫންގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި ނަމަވެސް، ހެއްކާއި ގަރީނާ ލިބިފައި ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެ އެވެ. އެހެންވެ މައުމޫން ވަނީ ފުލުހުންގެ ޓްވިޓާ އާއި ވެބްސައިޓުގައި އާންމުކުރި އޭނާގެ ވަނަވަރާއި ފޮޓޯ ނަގައިދީ، މާފަށް އެދުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ކުރި ދޮގު ތުހުމަތެއްގައި ވަނަވަރު އާންމުކުރުމުގެ ސަބަބުން އާންމުން އޭނާއާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެ، ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފުލުހުން އެ ސިޓީތަކަށް ޖަވާބު ދީފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.