Advertisement

ވައުދުތަކާއެކު ނަޝީދު ދެއްވީ ޕްރައިމަރީ އާއި ރިޔާސީ އިންތިހާބު ކާމިޔާބު ވާނޭކަމުގެ ޔަގީންކަން!

27 ޖަނަވަރީ 2023 - 00:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިރޭ ބޭއްވި ކެމްޕޭނު ފަހު ޖަލްސާގައި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ވައުދުތަކާއެކު ނަޝީދު ދެއްވީ ޕްރައިމަރީ އާއި ރިޔާސީ އިންތިހާބު ކާމިޔާބު ވާނޭކަމުގެ ޔަގީންކަން!

27 ޖަނަވަރީ 2023 - 00:13 0

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ވެސް ފަހު ޖަލްސާ މިރޭ ބޭއްވިއިރު، މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލްސާ ފޯރި އާއި ޖޯޝާއި، އެމްޑީޕީގެ ސްޓައިލްގެ ރޫހާއެކު ނިންމާލީ، ގިނަ ވައުދުތަކާއެކު ޕްރައިމަރީ ވެސް، ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު އެވެ.

އެއްވެ ތިބި އެތައް ސަތޭކަ ސަޕޯޓަރުންނަށް ނިސްބަތް ކުރައްވައި ނަޝީދު ފުރަތަމަ ވެސް ވިދާޅުވީ އަސްލު އެމްޑީޕީ ނިކުމެއްޖެ ކަމަށާއި، އެމަނިކުފާނު މި އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށެވެ.

ނަޝީދު އެކަނި ވާހަކަ ދެއްކެވި މިރޭގެ ޖަލްސާ، އެހެން ޖަލްސާތަކަށް ވުރެ ތަފާތެވެ. ވާހަކަފުޅާއި ސްޓައިލް ވެސް ތަފާތެވެ. ކެމްޕޭނު ލަވައާއެކު ވާހަކަތައް ބުރި ކުރައްވައި، ތަކުރާރުކޮށް އަމުނާލެއްވީ ވެރިކަމުގައި ކުރައްވާނެ ކަމުގެ ވައުދު ލިސްޓެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ފޯރި ނަންގަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


"އެންމެ ބޭފުޅުން އަޑުއައްސަވާތި، ޓެކްސް ކުޑަކުރާނަން
މިހާލުގައި އުޅޭ ކަށެއް އަޅުގަނޑުމެންނަކަށް ނުޖެހޭނެ، ތަކެތީގެ އަގު ކުޑަކުރާނަން...
ހަލާލު މަސައްކަތުގެ އާމްދަނީ އިތުރުކޮށްދޭނަން، ޖީބަށް ވަންނަ ވަރު އިރާދަކުރެއްވިއްޔާ ދެގުނަ ކޮށްދޭނަން
17 ގައި ހުރި މަހުގެ އަގު އިރާދަކުރެއްވިއްޔާ 25 ރުފިޔާއަށް އުފުލައިދޭނަން، ވަގުތުން ލާރި ދޭނަން
ޒުވާނުންނަށް އަޅާލާނެ، ދެވަނަ ފުރުސަތު ދޭނެ، ޑުރަގުގެ ވަބާއިން ކުދިން ވީއްލައިދޭނެ

ނަޝީދުގެ ކެމްޕޭނު ނިންމާލެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރައީސް ސޯލިހުގެ ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޓެކްސް ކުޑަކުރައްވާނެ ކަމަށާއި، ކިޔަވާ ކުދިންނަށް ދޫކުރާ ލޯނަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި ގައުމުގެ ދަރަނި ވެސް ރީސްޓްރަކްޗާކޮށް، އާމްދަނީ ދެގުނަ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2008-2012 އަށް ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު މިވަނީ ބަދަލުވެފައި ކަމަށާއި، ރާއްޖެ ބަދަލުކުރަން ކުރި ދަތުރަކީ މާކުރިން ފެށުނު، އުނދަގުލާއި ގޮންޖެހުން ގިނަ ދަތުރެއް ކަމަށެވެ.

ކެމްޕޭނުގައި ސަރުކާރު ކޯލިޝަނަށް ކުރައްވަމުން ގެންދަވާ ފާޑުކިޔުން ތަކުރާރުކުރައްވަމުން ނަޝީދު މިރޭ ވިދާޅުވީ ކަންބޮޑުވަނީ އެމްޑީޕީގެ ސިޔާސަތުގެ ބަދަލުގައި އިއްތިހާދުގެ ސިޔާސަތު ތަންފީޒުކުރާތީ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭނީ މަންފާއާއި ފައިދާ ކަމަށްވެސް ވިދާޅުވި އެވެ.

ނިންމާލަމުން ނަޝީދު ވިދާޅުވީ އަނެއް ދިވެހިރާއްޖޭގެ މަލަމަތި ވަނީ ކުރިމަތީގައި ކަމަށާއި އެ ރާއްޖެއަށް ކުރާ ދަތުރު މި ނޮވެމްބަރު މަހު ފަށާނެ ކަމަށެވެ. އެގޮތުން ދެން ހޮވޭ އެމަނިކުފާނުގެ ސަރުކާރެއްގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރަން ފަށާނެ ކަމަށާއި ދިވެހިރާއްޖެއަކީ ރައްޔިތުންގެ ރާއްޖެއަކަށް އަނެއްކާވެސް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަޒުމެއް ނުގުޑާނެ، މި އޮޑިއެއް ނުފެތޭނެ، އަޅުގަނޑުމެންގެ ހިތްވަރެއް ބައްޔެއް ނުވާނެ، އިރާދަކުރެއްްވިއްޔާ އަޅުގަނޑުމެން ކާމިޔާބުކުރާނެ"