Advertisement

ނައިބު ރައީސްގެ އިވެންޓަށް ފެން ކޮތަޅު ޖަހައިފި، މާބަނޑު މީހަކަށް އަނިޔާވި

26 ޖަނަވަރީ 2023 - 22:11 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހިޔާ ފްލެޓުގެ 16 ވަނަ ޓަވަރުގައި ހެދި ކްލިނިކް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ނައިބު ރައީސްގެ އިވެންޓަށް ފެން ކޮތަޅު ޖަހައިފި، މާބަނޑު މީހަކަށް އަނިޔާވި

26 ޖަނަވަރީ 2023 - 22:11 0

ހުޅުމާލެ ހޮސްޕިޓަލުން ހިޔާ ފްލެޓުގައި ހެދި ކްލިނިކް ހުޅުވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތު ހިނގަމުން ދަނިކޮށް ޕާޓްމެންޓަކުން ވައްޓާލި ފެން ކޮތަޅެއް މާބަނޑު މީހެއްގެ ގައިގައި ޖެހިގެން އެ މީހާއަށް އަނިޔާވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެން ކޮތަޅަކުން ޖެހި އަނިޔާވީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށެވެ.

ހިޔާ ފްލެޓުގެ 16 ވަނަ ޓަވަރުގައި ހެދި ހުޅުމާލޭ ހޮސްޕިޓަލްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ހިނގަމުން ދިޔަ ވަގުތު ހަފުލާގެ ބައިވެރިންނަށް އަމާޒުކޮށް ފެން ކޮތަޅު އުކީ ހިޔާ 15 ވަނަ ޓަވަރުގެ އެޕާޓްމެންޓަކުން ކަމަށެވެ.

"ސިޔާސީ ބޭނުމަށް މަދުބަޔަކު އިސްނަގައިގެން ރާވާ ހިންގާ މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް ތަކުރާރުކުރަމުން ގެންދާ ކަމީ އަޅުގަނޑުމެން ނިހާޔަތަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް. މި އަމަލު (ފެން ކޮތަޅުޖެހުން) ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލާނެ ވާހަކަ ދަންނަވަން.،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

"މިކަމާ ގުޅިގެން މި ކުންފުނިން އަޅަންޖެހޭ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން."

ބަޔާނުގައި ބުނެފައިވަނީ އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

މިއަދު ހުޅުވި ކްލިނިކުން އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލި މީހުން ބެލުމުގެ އިތުރުން، ލެބޯޓްރީގެ ހިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީސީޖީ ހެދުން އަދި ކުޑަކުދިންގެ ހެދި ބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އެ ކްލިނިކުގައި އެސްޓީއޯގެ ބޭސްފިހާރައެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ކްލިނިކުން ޚިދުމަތްދެމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.