Advertisement

އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ޔާމީނަށް ކުރާނެ އަސަރެއް ނެތް: އަބްދުއްރަހީމް

28 ޖަނަވަރީ 2023 - 19:38 1

އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައީސް ޔާމީނަށް އެއްވެސް ލުޔެއް ލިބޭނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށް -- ފޮޓޯ: އަދަދު


އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ޔާމީނަށް ކުރާނެ އަސަރެއް ނެތް: އަބްދުއްރަހީމް

28 ޖަނަވަރީ 2023 - 19:38 1

ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް, އެކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާނެ އަސަރެއް ނޯންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ބައެއްގެ ގޮތުގައި ހިންގާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް، މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ޔާމީނަށް ފައިދާއެއް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަންނި މޮޅުވެގެން ނުވަތަ އިބޫ މޮޅުވެގެން ވަކި ރައީސް ޔާމީން މިނިވަންވާނެ ކަމަކަށް. ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ލިބޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީގެ އިންތިހާބުގެ ނަތީޖާއިން، ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެފައިވާ ރައީސް ޔާމީނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ރައީސް ޔާމީނަށް ހެޔޮ އެދޭ ނަމަ ނަޝީދަށް ކެމްޕެއިން ކޮށްދިނުމަށް ބުނެ ބަޔަކު ދިޔައީ މި ހަފުތާގެ ތެރޭގައި މެސެޖުތަކެއް ފޮނުވަމުންނެވެ.

އޭގެ އިތުރުން، ނަޝީދު ވަނީ ރައީސް ޔާމީނަށް ކޮންމެވެސް މިންވަރަކަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އަދި ރައީސް ޔާމީން އާއި ރައީސް ސޯލިހު އަޅާކިޔުއްވައި ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަކީ ތަސައްވަރެއް ގެންގުޅުއްވާ އިލްމީ ބޭފުޅެއް ކަމަށެވެ.

"ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް. އެކަޑެމިކް ބޭފުޅެއް. ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ. "އަޅުގަނޑަކަށް ނުދެންނެވޭނެ މިހާރުގެ ރައީސް [ސޯލިހު] އެ ގޮތޭ."

ނަޝީދުގެ ވާހަކަ އެހެން ހުންނެވި ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ވެސް ބޭނުންވެވަޑައިގަންނަވާނީ ޔާމީން ޖަލުގައި އޮންނެވުމަށް ކަމަށެވެ.

"ކެމްޕެއިން އުކުޅެއްގެ ގޮތުގައި [ނަޝީދު] ރައީސް ޔާމީންގެ ނަން ބޭނުން ކުރަނީ ކަމަށް ބެލެވެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.