Advertisement

އެއް ބިލިއަން ރުފިޔާ ފައިދާއާއެކު އެސްޓީއޯ ތާރީހުގެ ތެރެއަށް

26 ޖަނަވަރީ 2023 - 18:56 0

އެސްޓީއޯ ހެޑު އޮފީސް. ރިޕޯޓުގައި ވާގޮތުން އެވަރުގެ ބޮޑު ފައިދާއެއް އެސްޓީއޯއަށް މިދިޔަ އަހަރުވެފައި ވަނީ އެ ކުންފުނީގެ ވިޔިފާރިތައް ހަރުދަނާކުރެވި ފައިދާ އިތުރު ކުރެވިފައިވާތީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެއް ބިލިއަން ރުފިޔާ ފައިދާއާއެކު އެސްޓީއޯ ތާރީހުގެ ތެރެއަށް

26 ޖަނަވަރީ 2023 - 18:56 0

މިދިޔަ އަހަރު އެސްޓީއޯގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހާސިލުކޮށް އެކުންފުނީގެ ރިކޯޑެއް ހަދައިފި އެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އޮޕަރޭޓިން ޕުރޮފިޓުގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 643 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ރިޕޯޓު ދައްކާ ގޮތުން އޮޕަރޭޓިން ފައިދާގެ އިތުރުން އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 79 ޕަސެންޓު އިތުރުވެފަ އެވެ.

އެގޮތުން އެސްޓީއޯގެ 2022 ވަނަ އަހަރުގެ އޮޑިޓް ނުކުރާ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބިފައި ވަނީ 10.2 ބިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން، މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ވަނީ ދެ ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 2021 ވަނަ އަހަރާ އަޅާ ބަލާއިރު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު އަދަދު ވެސް ވަނީ 41 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.

އެއާއެކު ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 742 މިލިއަން ރުފިޔާ ރިކޯޑު ކުރެވިފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 52 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެ ރިޕޯޓުގައި ވާގޮތުން އެވަރުގެ ބޮޑު ފައިދާއެއް އެސްޓީއޯއަށް މިދިޔަ އަހަރުވެފައި ވަނީ އެ ކުންފުނީގެ ވިޔަފާރިތައް ހަރުދަނާކުރެވި ފައިދާ އިތުރު ކުރެވިފައިވާތީ އެވެ.