Advertisement

ބަގީ ހިދުމަތުގެ މައްސަލާގައި ސިޓީ ކައުންސިލްގެ އެންގުމަކަށް އަމަލުނުކުރަން ނެރުނު ވަގުތީ އަމުރު ބާތިލްކޮށްފި

26 ޖަނަވަރީ 2023 - 14:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބަގީ ހިދުމަތުގެ މައްސަލާގައި ސިޓީ ކައުންސިލްގެ އެންގުމަކަށް އަމަލުނުކުރަން ނެރުނު ވަގުތީ އަމުރު ބާތިލްކޮށްފި

26 ޖަނަވަރީ 2023 - 14:05 0

ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން އައި ކުންފުނީގެ މަސައްކަތްތައް ހުއްޓާލައި، ދީފައި ހުރި ބިންތައް ހަވާލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލު ނުކުރަން ދަށު ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެހެންނަމަވެސް، އެ ކުންފުނިން ވަނީ ފަހުން އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފަ އެވެ.

ބަގީގެ ޓިކެޓު ވިއްކާ ޓާމިނަލެއް އެޅުމަށާއި، ބަގީ ޕާކު ކުރަން މާލެ ސިޓީ ކައުންސިލުން އޮތީ އެ ކުންފުންޏަށް ވިލިމާލެއިން ދެ ބިން ދީފަ އެވެ. ނަމަވެސް އެ ތަނުގައި އިމާރާތްތައް އަޅާފައެއް ނެތެވެ.

މި މައްސަލައިގައި 99 ހޯލްޑިންސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ގެސްޓު ހައުސް ހިންގަމުން އަންނަ ބިމަކީ ޖޫން 5، 2018 ގައި ޓުރިޒަމް މިނިސްޓްރީއާ އެކު ވަކިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ބިމެކެވެ.

އެހެންކަމުން، "އެއްވެސް އަސާސެއް ނެތި" އެ ބިންތަކުގައިވާ ތަކެއްޗަކީ ސިޓީ ކައުންސިލްގެ ތަކެތި ކަމަށް ކަނޑައަޅައިފި ނަމަ އެ ތަނަށް ކުރި ހަރަދާއި ތަނުގެ މުވައްޒަފުންގެ ވަޒީފާ ގެއްލި ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން އެދިފައިވާ ގޮތަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުން، އެ އަމުރު ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޣައިރު ހާޒިރުގައި ބޭއްވި އަޑުއެހުމަކުން ކަމަށެވެ. އެހެންވެ ވަގުތީ އަމުރު ނެރުމުން ސިޓީ ކައުންސިލަށް ލިބެން އޮތް ގެއްލުން ވަޒަން ކުރެވޭނެ ގޮތެއް ސިވިލް ކޯޓުން ބެލެވިފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.

މަދަނީ އިޖުރާއަތުގެ ގަވާއިދުގައި، މައްސަލާގައި ރައްދުވާ ހަސްމުގެ ޣައިރު ހާޒިރުގައި ވަގުތީ ފަރުވާ ދިނުމުގެ އަމުރުތައް ނެރެން އޮންނަނީ ވެސް އެ ފަރާތުގެ ހައްގުތައް ވެސް ރައްކާތެރިކުރެވޭނެކަން ޔަގީންކޮށްގެން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ ގޮތަށް ހުކުމްކުރީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.