Advertisement

މާލެ މީހުންގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ވަގުތީ ލިސްޓު އާންމު ކުރުން މާޗު މަހު

26 ޖަނަވަރީ 2023 - 13:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗަށްވާ ބިން ސާފު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު ހައުސިން މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް މިނިސްޓަރު، މުހައްމަދު އާރިފް މީޑިއާތަކަށް މައުލޫމާތު ދެނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މާލެ މީހުންގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ވަގުތީ ލިސްޓު އާންމު ކުރުން މާޗު މަހު

26 ޖަނަވަރީ 2023 - 13:19 0

ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ މާޗު މަހު އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރީން މިއަދު ބުނެފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 1000 ގޯއްޗަށްވާ ބިން ކަނޑައަޅައި، ސާފު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު މިއަދު ހުޅުމާލެ، ދެ ވަނަ ފިޔަވަހީގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު އާރިފް ވިދާޅުވީ އެ މަސައްކަތުގެ ސްޕީޑު މިހާރު ދާ ބާރުމިނުން މާޗު މަހު ދެ ސްކީމްގެ ވަގުތީ ވެސް އާންމު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ.

"ވަރަށް ޔަގީންކަން އެބަ އޮތް މާޗު މަހު ދެ ސްކީމްގެ ވެސް ލިސްޓެއް އާންމު ކުރެވޭނެ ކަަމުގެ، އެއަށްފަހު ޝަކުވާ ހުށަހެޅުމުގެ މުއްދަތެއް ދިނުމަށްފަހު ފައިނަލް ލިސްޓު އާންމު ކުރާނީ،" އާރިފް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 3000 ގޯތީގެ ތެރެއިން ހުޅުމާލެއިން ދޫކުރާ 1000 ގޯތި ދިނުމަށް އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 62 ސަރަހައްދަކުން 1.25 މިލިއަން އަކަފޫޓުގެ ބިން ކަނޑައަޅާފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވާ 1000 ގޯއްޗަށްވާ ބިން ސާފު ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެ ބިންތައް އެއްކޮށް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް ވިދާޅުވި އެވެ.

"މި ބިންތައް ކަނޑައެޅުމުގެ މަސައްކަތް މީގެ ދުވަސްތަކެއް ކުރިން ވަނީ ކުރެވިފައި، އެޗްޑީސީން މިކުރާ މަސައްކަތަކީ މިހާރު ހުށަހަޅާފައިވާ ފޯމުތައް އިވެެލުއޭޓުކޮށް ނިމެންވާއިރަށް އެކަމަށް ކަނޑައެޅިފައިވާ ބިމުގައި އިންޖަހާ ކަޑަޖެހުމަށް ވާންޖެހޭ ތައްޔާރީތައްވުން،" އާތިފް ވިދާޅުވި އެވެ

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހުސްވި އަހަރުގެ ޖޫން، 26 ވަނަ ދުވަހު އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަށް އެ މުއްދަތު ހަމަވި އިރު، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 3000 ގޯއްޗަށް އެދި ޖުމްލަ 15،164 މީހުން ހުށަހަޅާފައިވެ އެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓަށް އެދި 20،697 މީހުން ހުށަހަޅާފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތީގެ ތެރެއިން އެންމެ ކުޑަ ގޯތީގައި ވެސް 1250 އަކަފޫޓު ހުންނާނެ ކަމަށް އޭރު ސަރުކާރުން ކުރި އިއުލާނުގައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވާ 1000 ގޯއްޗަށްވާ ބިން ސާފު ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހުޅުމާލެއިން ދޫކުރުމަށް ކަނޑައެޅި ގޯއްޗަށްވާ ބިންތައް ސާފު ކުރުމުގެ މަސައްކަތް މިއަދު އެޗްްޑީސީން ފެށިއިރު، މިވަގުތު އޭގެ ތެރެއިން ގިނަ ބިންތައް ހުރީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުގެ ސްޓޮރޭޖު ފެސިލިޓީގެ ގޮތުގައި ދޫކުރެވިފައި ކަމަށް އާރިފް ވިދާޅުވި އެވެ.

"މިވަގުތު ހުރީ އިން ކަނޑައަޅާފައި ބިން ދޫކުރެވޭނެ ކަހަލަ ގޮތަކަށް ނޫން، އެހެންވީމަ މާހު މަހު ލިސްޓު އާންުކޮށް ބިން ލިބޭ ފަރާތްތަކަށް އެންގުމަށްފަހު ވަގުތުން ވަގުތަށް އެފަރާތްތަކަށް ކަޑަޖަހައި ހަވާލު ކުރެވޭ ވަރަށް އެ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އެދަނީ،" އާރިފް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމަށް ބިން ކަނޑައަޅައި ސާފު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފާވާއިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ނަމޫންާ ދެ ޔުނިޓު ވަނީ މި ހަފުތާގައި އާންމުންނަށް ދައްކާލާފަ އެވެ.

އެފްޑީސީ އާއި ޖޭއެމްސީ ގުޅިގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފުލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ތެރެއިން ނަމޫނާ ފުލެޓެއް -- ފޮޓޯ: ރައީސް އޮފީސް


އެގޮތުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ ތެރެއިން އެފްޑީސީއާއި ޖޭއެމްސީ ގުޅިގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "އަމާން އުދަރެސް" ގެ އަށް ޓަވަރުގެ މަސައްކަތް އަންނަ ޖުލައި މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.