Advertisement

އިންތިހާބުގައި ކުރަމުން އަންނަ ކަންކަން "ނުކުރާ ކަމަށް ދައްކަން" އުޅޭތީ ހަސަން ލަތީފަށް ފާޑުކިޔުން

26 ޖަނަވަރީ 2023 - 13:24 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްޑީޕީގެ ޗެއާޕާސަން ނައިބު އިބްރާހިމް ވަހީދު؛ ވިދާޅުވީ ނަޝީދު އެދުނު ކަންކަމަކީ މިހާރު ވެސް ކުރަމުން އަންނަ ކަންކަން ކަމަށް-- އަދަދު ފައިލް ފޮޓޯ


އިންތިހާބުގައި ކުރަމުން އަންނަ ކަންކަން "ނުކުރާ ކަމަށް ދައްކަން" އުޅޭތީ ހަސަން ލަތީފަށް ފާޑުކިޔުން

26 ޖަނަވަރީ 2023 - 13:24 0

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މިހާރު ވެސް އަމަލު ކުރަމުން އަންނަ ކަންކަން "ނުކުރާ ކަމަށް ދައްކަން" ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މަސައްކަތް ކުރައްވާތީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ފާޑުވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް ސޮއިކުރައްވައި ނަޝީދު ކެމްޕެއިން ޓީމު، "ފިކުރެއްގެ ދިރުން" އިން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގެ ސައްހަކަން ދެމެހެއްޓުމަށް 20 ކަމެއް ކޮންމެހެން ފުރިހަމަ ވާން ޖެހޭކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވިދާޅުވީ އޭގެތެރެއިން ގިނަ ކަންކަމަކީ މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ކަންކަން ކަމަށެވެ.

"ކުރީގެ ޗެއާޕާސަން ސޮއިކުރައްވައި ފޮނުއްވީމާ އެ ބޭފުޅާއަށް އެނގޭނެ އޭގައި ހުރި ގިނަ ކަންކަމަކީ އެ ބޭފުޅާ ޗެއާޕާސަން ކަމުގައި ހުންނެވިއިރު ވެސް އަދި އޭގެ ކުރިން ވެސް، އެ ބޭފުޅާ ޗެއާޕާސަން ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ކުރަމުން އަންނަ ކަންކަން،" ސިޓީގައި ސޮއިކުރެއްވި ހަސަން ލަތީފަށް ފާޑުވިދާޅުވަމުން އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ އެ ބޭފުޅުން ފުރަތަމަ ބަލަން ޖެހޭނީ އޭގެ ތެރެއިން ކުރަމުން އަންނަނީ ކޮންކޮން ކަމެއްތޯ ކަމަށެވެ.

ހަސަން ލަތީފަށް އިތުރަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ "ވަކި ބޭފުޅަކު ކުރެއްވިޔަސް" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަ މީހާ ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.

"ޕާޓީގެ ހުރިހާ ކަމެއް މި އޮންނަނީ ލިޔެވިފައި، ކަނޑައެޅިފައި އޮންނަ އުސޫލުތަކަކާއި ގަވައިދުތަކެއްގެ ދަށުން، އެ ކަންކަން އަޅުގަނޑުމެން ކުރަން ޖެހެނީ، ސިޓީއެއް ފޮނުވިޔަސް އަޅުގަނޑުމެންނަކަށް އޭގެ އެ ބުނާ ހުރިހާ ކަމެއް ނުކުރެވޭނެ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އެ ސިޓީ ފޮނުވުމުގައި އެއްވެސް ރަނގަޅު ނިޔަތެއް ނެތް ކަން ފާހަގަކުރައްވައި އިބްރާހިމް ވަހީދު އިތުރަށް ވިދާޅުވީ އެހެން ނޫންނަމަ އެމްޑީޕީގައި ކަންކަން ނިންމަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެ ކަންކަމަކީ ހަސަން ލަތީފް ޗެއާޕާސަން ކަމުގައި ހުންނެވިއިރު ވެސް ތަންފީޒުކުރުމުގެ ބާރު ލިބުނު ކަންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކެންޑިޑޭޓެއްގެ މަންދޫބަކަށް ވުމުން ކުރީގެ އިންތިހާބުތަކާމެދު ސުވާލު އުފެދުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ.

"އޭގެތެރެއިން ކޮށްފައި ހުރި ކަންކަން ވެސް ނުކުރާ ކަމަށް ހަސަން އެ ސޮއިކުރައްވަނީ، މިކަންކަން މިހެން ކުރާށޭ، އެހެންވީމާ ހަސަން ޗެއާޕާސަނަކަށް ހުރިއިރު (އެކަންކަން އޮންނަ ގޮތް) އެނގިވަޑައިނުގަންނަވަނީ ކަންނޭނގެ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ނަޝީދު ފަޅިން ބުނާ ގޮތުން އެ ޓީމުން ހުށަހެޅި ކަންކަމަކީ ވޯޓު ކަރުދާސް ދޫކުރުމުގައި ވަނަވަރު ކަށަވަރު ކުރުމަށާއި، ވޯޓު ގަނެވިއްކުމުގެ އުކުޅުތަކަށް ފުރުސަތު ނުދިނުމަށް ހިފަހައްޓާނޭ ހަރުދަނާ ހަމަތަކެކެވެ.

އެ ފަޅިން މީގެ ކުރިން ވެސް ވަނީ އިންތިހާބާ މެދު ސުވާލު އުފެދޭ ބައެއް ކަންކަން ހުރި ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.