Advertisement

އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހުޅުމާލޭގައި ތަރައްގީކުރަނީ

26 ޖަނަވަރީ 2023 - 10:14 1

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ހުޅުމާލެ ފޭސް އެކެއް


އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހުޅުމާލޭގައި ތަރައްގީކުރަނީ

26 ޖަނަވަރީ 2023 - 10:14 1

އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތަތަކަށް ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މަރުކަޒު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފަ އެވެ.

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތަތައް ބަލަހައްޓާ މަރުކަޒު ހިންގަމުން ގެންދަނީ ކ. ގުރައިދޫގަ އެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެފަދަ މަރުކަޒެއް ތަރައްގީކުރުމަށް އެޗްޑީސީއިން މިވަނީ ނިންމާފަ އެވެ.

އެޗްޑީސީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތަތަކުން އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ ޕްރޮޕޯސަލްތައް ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި އެ މަރުކަޒަށް ހާއްސަ ޕާކިންއަކާއި ހިދުމަތްތައް ދިނުމަށް ބޭނުންވާ ސަރަހައްދުތަކުގެ ޕްލޭނިންއެއް ހުށަހަޅަން ޖެހެ އެވެ.

އަދި ހުރިހާ އެންމެނަށްވެސް ވަދެނިކުތުމުގައި ފަސޭހަ ގޮތަކަށް ޑިޒައިންކުރުމާއި، މަރުކަޒުގައި އުފެދޭ ކުނި ނައްތާލަން އިންތިޒާމު ހަމަޖައްސާ ގޮތާއި އިމާރާތުގެ ޑިޒައިންއާއި ގުޅޭ މައުލޫމާތު ޝައުގުވެރިވާ ފަރާތްތަކުން ހިމަނަންޖެހޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ގުރައިދޫ މަރުކަޒަކީ 150 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. އެހެން ނަމަވެސް މިދިޔަ ޖުލައިގެ ނިޔަލަށް އެ މަރުކަޒުގައި 194 މީހުން ބަލަމުންދިޔަ އިރު، އޭގެތެރެއިން 158 މީހުންނަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.