Advertisement

ފޮރެސްޓް އަތުން ރަނގަޅު ލީޑެއް ނަގައި ޔުނައިޓެޑް ލީގު ކަޕްގެ ފައިނަލާ ގާތަށް

26 ޖަނަވަރީ 2023 - 08:24 0

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ވެގްހޯސްޓާއި ރަޝްފޯޑް އުފާފާޅުކުރަނީ.


ފޮރެސްޓް އަތުން ރަނގަޅު ލީޑެއް ނަގައި ޔުނައިޓެޑް ލީގު ކަޕްގެ ފައިނަލާ ގާތަށް

26 ޖަނަވަރީ 2023 - 08:24 0

ލަންޑަން (ޖެނުއަރީ 26) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަަތަމަ ލެގުގައި ނޮޓިންހަމް ފޮރެސްޓް ދަނޑުގައި ރޭ 3-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ފައިނަލުގެ ޖާގައަކާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

އަންނަ މަހުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ފޮރެސްޓުން ޔުނައިޓެޑް އަތުން ބޮޑު ތަފާތަކުން މޮޅުވެގެން ނޫން ގޮތަކަށް ފައިނަލުގެ ޖާގައެއް ނުލިބޭނެ އެވެ. ޔުނައިޓެޑް އެންމެ ފަހުން ލީގު ކަޕްގެ ފައިނަލުގައި ކުޅުނީ 2017 ވަނަ އަހަރު އެވެ. އެ ފަަހަރު ޗެމްޕިއަންކަން ހޯދި އެވެ.

ސިޓީ ގްރައުންޑްގައި ރޭ ކުޅުނު މެޗު ފަށައިގެން ހަ ވަަނަ މިނިޓްގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ އަމިއްލަ ހާފުގެ ތެރެއިން ރަޝްފޯޑަށް ލިބުނު ބޯޅައެއް ހިފައިގެން ގޮސް، ފޮރެސްޓްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މިއީ އިންޑިވިޖުއަލީ ބަލާއިރު މޮޅު ގޯލެކެވެ. ފީފާ ވޯލްޑް ކަޕަށް ފަހު، ޔުނައިޓެޑުން ކުޅުނު 10 މެޗުން ރަޝްފޯޑް ވަނީ 10 ގޯލު ޖަހައިފަ އެވެ.

ފޮރެސްޓް ވަނީ ފުރަތަމަ ހާފުގެ މެދުތެރޭގައި ސޭމް ސަރިޖްގެ ގޯލުން އެއްވަރުކޮށްފަ އެވެ. އެކަމަކު، ކައުންޓަ އެޓޭކުގައި ފޮރެސްޓްގެ ސަރިޖް ޖެހި މި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ބަލައިނުގަންނާށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޔުނައިޓެޑުން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓް އެވެ. މިއީ ޔުނައިޓެޑްގެ އެންތަނީ ޖެހި ޝޮޓެއް ފޮރެސްޓްގެ ކީޕަރު ވޭން ހެނެސީ އަތުގައި ޖެހިފައި ނުުކުތް ވަގުތު ވެގްހޯސްޓް ޖެހި ގޯލެކެވެ. މިއީ ބާންލީގެ ލޯން އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ބަދަލުވި ފަހުން ވެގްހޯސްޓް އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ޔުނައިޓެޑުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި އިތުުރު ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ކްރިސްޓިއަން އެރިކްސަން އޭރިއާ ރޮނގުކައިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މެޗުގެ 89 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ. މިއީ އޭރިއާތެރެއިން ޔުނައިޓެޑްގެ އެންތަނީ އެލަންގާ ދިން ބޯޅައެއް ތިރިތިރިން ގޯލަށް ވައްދާލައިގެން ފެނާންޑޭސް ޖެހި ލަނޑެކެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ބޮޑު ލީޑެއް އޮތް ނަމަވެސް ދެ ވަނަ ލެގުގައި ކުޅޭއިރު އެ އަށް ނުވިސްނާނެ ކަމަށާއި ފޯކަސް ކުރާނީ އެ މެޗުން ވެސް މޮޅުވެގެން ފައިނަލަށް ދިއުމަށް ކަމަށެވެ. އަދި ޖެހިޖެހިގެން ދެ މެޗު ނަތީޖާއެއް ނުނެރެވި މި މެޗަށް ކުރިމަތިލައި، ޔުނައިޓެޑުން ދެއްކި ކުޅުމާ މެދު ޓެން ހާގް ވަނީ ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.