Advertisement

ހުލާސާކޮށް އިއްޔެ: އަމިއްލަ ތަންތަނަށް އާސަންދައިން ހަ ބިލިއަން ރުފިޔާ

26 ޖަނަވަރީ 2023 - 08:16 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: އަމިއްލަ ތަންތަނަށް އާސަންދައިން ހަ ބިލިއަން ރުފިޔާ

26 ޖަނަވަރީ 2023 - 08:16 0

ވޭތުވެދިޔަ 10 އަހަރު ތެރޭ އާސަންދައިން ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނަށް ހަ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަމިއްލަ ބޭސްފަރުވާދޭ ތަންތަނުގެ ތެރެއިން އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރަނީ ބޭސް ފިހާރަތަކަށެވެ. އެއަށްފަހު ހޮސްޕިޓަލްތަކާއި، ކްލިނިކްތަކަށް ބޮޑު ހަރަދެއް ކުރާއިރު، ލޮލުގެ ފަރުވާދޭ ތަންތަނާއި އާޓިފިޝަލް ގުނަވަންތަކަށް ވެސް އާސަންދައިން ބޮޑު ހަރަދެއް ކޮށްފައިވެ އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް އާސަންދައިން ވަނީ ބޭސް ފިހާރަތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި އަމިއްލަ ހޮސްޕިޓަލްތަކަށް 1.8 ބިލިއަން ހަރަދުކޮށްފައިވާއިރު، އަމިއްލަ ކްލިނިކްތަކަށް ހަރަދުކޮށްފައި ވަނީ 616 މިލިއަން ރުފިޔާ އެވެ. ލޮލުގެ ފަރުވާ ދޭ ތަންތަނަށް 298 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އާޓިފިޝަލް ގުނަވަންތައް ޖެހުމަށް އާސަންދައިން 60 މިލިއަން ހަރަދުކޮށްފައިވެ އެވެ.

އާޓިފިޝަލް ގުނަވަންތައް ޖެހުމަށް އާސަންދައިން ހަރަދުކުރަން ފެށީ 2014 ވަނަ އަހަރު އެވެ. އެ އަހަރު އެކަމަށް 15،000ރ. ހަރަދުކުރިއިރު، ވިދިގެން އައި އަހަރުތަކުގައި އެކަމަށް މިލިއަނުން ހަރަދުކޮށްފައިވެ އެވެ.

ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނަށް މިދިޔަ 10 އަހަރުގެ ތެރެއިން އެންމެ ގިނައިން ހަރަދުކުރީ ނިމިދިޔަ 2022 ވަނަ އަހަރު އެވެ. އެގޮތުން އެ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު 959 މިލިއަން ރުފިޔާ ހަރަރުކޮށްފައިވާއިރު، 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކު ހަރަދު ކުރީ 700 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ހަރަދުކުރި 1.1 ބިލިއަން ރުފިޔާގެ ތެރެއިން 593 މިލިއަން ރުފިޔާއަކީ އެއީ ހަމައެކަނި ބޭސް ފިހާރަތަކަށް ހަރަދުކުރި މިންވަރެވެ.

އޭގެ އިތުރުން، 2012 ވަނަ އަހަރުން ފެށިގެން އަމިއްލަ ތަންތަނަށް ހަ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް އާސަންދައިން އެކު ޖުމްލަ ހަރަދުކޮށްފައި ވަނީ 16 ބިލިއަން ރުފިޔާކަން މީގެ ކުރިން ހާމަކޮށްފައިވެ އެވެ. އޭގެ ތެރެއިން 31 ޕަސަންޓު ހަރަދު ކުރަނީ ބޭސް ގަންނަން ކަމަށް އޭރު އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝާފީގު ވިދާޅުވެފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އަނިޔާއާއި ހިޔާނާތުގެ ވާހަކަ ދައްކާނަމަ، ރަނގަޅު އެއްވެސް ސިޔާސީ ލީޑަރަކު ދެން ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ބޭއިންސާފުން ކަމަށާއި، އިންތިހާބާ ކުރިމަތިލާންވީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާ ފިނޑިވެގެން ނުވާނެ ކަމަށް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އިއްޔެ އެވެ.
  • ހިލަ އެތެރެކުރުމަށް ބޭނުންކުރަމުން އަންނަ ބާޖެއް ކ. އަތޮޅު ތިލަފުއްޓާއި ދާދި ކައިރީގައި އޮންނަ ވާވެއްދި ފަރަށް އަރައި ލިބުނު ގެއްލުމުގެ ބަދަލުގައި 100 މިލިއަން ރުފިޔާއިން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ޒުވާނުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:

އަޅުގަނޑުމެން މިހާރު އިއްތިހާދުވެގެން މި ތިބީ ރައީސް މައުމޫނާ އެކު، ރައީސް މައުމޫން އޯކޭ ވެގެން، އެމްޑީޕީގެ މުޅި ހަޔާތް ފުރަތަމަ ދިޔައީ ރައީސް މައުމޫންގެ ވެރިކަން ނިންމުމަށް،

ދުވަހުގެ ފޮޓޯ

ގައިމީ ވޮލީބޯލް މުބާރާތުގައި ވެމްކޯ އާއި އީގަލްސް ބައްދަލުކުރި މެޗްގެ ތެރެއިން. --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު