Advertisement

އަނިޔާ އާއި ހިޔާނާތުގެ ވާހަކަ ދައްކާނަމަ ނަޝީދަށް "ސަހަލު" އެކަކު ވެސް ދެން ނެތް!

25 ޖަނަވަރީ 2023 - 22:03 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު؛ ރައީސް އަބްދުﷲ ޔާމީން "އޯކޭ" ވީތޯ ޒުވާނަކު ކުރި ސުވާލަށް ޖަވާބު ދެއްވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަނިޔާ އާއި ހިޔާނާތުގެ ވާހަކަ ދައްކާނަމަ ނަޝީދަށް "ސަހަލު" އެކަކު ވެސް ދެން ނެތް!

25 ޖަނަވަރީ 2023 - 22:03 1

އަނިޔާއާއި ހިޔާނާތުގެ ވާހަކަ ދައްކާނަމަ، ރަނގަޅު އެއްވެސް ސިޔާސީ ލީޑަރަކު ދެން ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ޒުވާނުންނާއެކު މިރޭ ބާއްވާ ޖަލްސާގައި، ޒުވާނަކު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ނަޝީދު މަސައްކަތް ކުރައްވަން އުޅުއްވާ ވާހަކައަކީ ތެދު ވާހަކައެއްތޯ ސުވާލުކޮށްފަ އެވެ. އަދި، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ވެސް "އޯކޭވީ" ތޯ އެހި އެވެ.

އެ ސުވާލުގެ ޖަވާބުގައި ނަޝީދު ފުރަތަމަ ވިދާޅުވީ އޭގައި ބަލަންވީ ރައީސް ޔާމީން ރަނގަޅުތޯ ނުވަތަ ނޫންތޯ ނޫން ކަމަށެވެ. ޕީޕީއެމްގެ ސިޔާސަތުތަކާއި އެމްޑީޕީގެ ސިޔާސަތުތަކާ އެއް ގޮތް އެއްވެސް ކަމެއް އޮތްތޯ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މީގައި ބަލަންވީ ސިޔާސަތުތައް، ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން ޕީޕީއެމްގެ ސިޔާސަތުތައް ބަލަންވީ، އެމްޑީޕީއާ ކިހާ ގުޅުމެއް އޮތްތޯ، ދެން [ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ] އަދާލަތު ޕާޓީގައި އަހައިފިއްޔާ ޔަގީން ސްޓޫޑަންޓް ލޯނަށް ސިޔާސަތެއް ނޯންނާނެ ކަން،" މަޖާޒީ ރާގެއްގައި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ދެން ވިދާޅުވީ އަނިޔާއާއި ހިޔާނާތަކީ އެމްޑީޕީގެ އެއްވެސް މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި "އަނިޔާ އާއި ހިޔާނާތުގެ ވާހަކަ ދައްކާނަމަ ނެތް ސަހަލު އެކަކު ވެސް ނެތް" ކަމަށެވެ.

ނަޝީދު އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ވާދަވެރިން ޖަލަށް ލާފައިވުމެވެ. އަދި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ ވާހަކަ ދައްކާ ނަމަވެސް، މިފަދަ ނޭދެވޭ ކަންކަން ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އިއްތިހާދުވެގެން މި ތިބީ ރައީސް މައުމޫނާ އެކު، ރައީސް މައުމޫން އޯކޭ ވެގެން، އެމްޑީޕީގެ މުޅި ހަޔާތް ފުރަތަމަ ދިޔައީ ރައީސް މައުމޫންގެ ވެރިކަން ނިންމުމަށް،" ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބުގައި މައުމޫނާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ނަޝީދު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި 57،000 މީހުނަށް ވޯޓު ދެވެ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދުގެ އިތުރަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ނަޝީދަކީ 2008 އަދި 2013 ގައި ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން އިންތިހާބުކުރި ކެންޑިޑޭޓަކީ ނަޝީދެވެ. އެކަމަކު އޭރު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭތީ، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.