Advertisement

ބީބީސީ ޑޮކިޔުމެންޓްރީ ދައްކަން އުޅުމުން އިންޑިއާގެ ޔުނިވާސިޓީއެއްގެ މަޝްރަހު ހޫނުވެއްޖެ

25 ޖަނަވަރީ 2023 - 18:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބީބީސީ ޑޮކިޔުމެންޓްރީގެ މަންޒަރެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ބީބީސީ ޑޮކިޔުމެންޓްރީ ދައްކަން އުޅުމުން އިންޑިއާގެ ޔުނިވާސިޓީއެއްގެ މަޝްރަހު ހޫނުވެއްޖެ

25 ޖަނަވަރީ 2023 - 18:29 0

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔާ ބީބީސީގެ ޑޮކިޔުމެންޓްރީއެއް ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީ (ޖޭއެންޔޫ) ގައި ދައްކަން އުޅުމުން މަޝްރަހު ހޫނުވެއްޖެ އެވެ.

ދަރިވަރުން ތުހުމަތު ކުރާ ގޮތުގައި އަންގާރަ ދުވަހުގެ ހަވީރު ޑޮކިޔުމެންޓްއީ އަޅުވަން އުޅުމުން ޔުނިވާސިޓީގެ އޮފިޝަަލުން ވަނީ ކަރަންޓާއި އިންޓަނެޓް ކަނޑާލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޔުނިވާސިޓީގެ އޮފިޝަލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އިންޑިއާއިން ބުނާ ގޮތުގައި އެ ޑޮކިޔުމެންޓްރީއަކީ ހަގީގަތެއް ނެތް "ޕްރޮޕެގެންޑާ" އެވެ.

އެ ޑޮކިޔުމެންޓްރީ އިންޑިއާގައި މަނާކުރަން އެމެޖެންސީ ގާނޫނުތަކުގެ ބޭނުން ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އެއާ ގުޅޭ އެއްވެސް ވީޑިއޯއެއް ދައުރު ނުކުރުމަށް ޔޫޓިއުބާއި ޓްވިޓާއަށް އެންގި އެވެ.

ޖޭއެންޔޫގެ ދަރިވަރުންގެ ޔޫނިއަނުން ޑޮކިޔުމެންޓްރީ އަޅުވަން ނިންމުމުން، އެ ޔުނިވާސިޓީގެ އިދާރާއިން ބުނީ އޭގެ ސަބަބުން "ޔުނިވާސިޓީ ކެމްޕަހުގެ ސުލްހަ އާއި ހަމަޖެހުމަށް ގެއްލުން ލިބިދާނެ" ކަމަށެވެ.

އެހެންވެ، އެ ޑޮކިޔުމެންޓްރީ ނޭޅުވުމަށް އެންގި އެވެ. ޑޮކިޔުމެންޓްރީ އެޅުވުމަށް ހަމަޖެހުނު ގަޑިއާ ދިމާކޮށް ކަރަންޓު ކަނޑާލުމުން، ދަރިވަރުންނަށް ބޮޑު ސްކްރީންގައި ބެލޭ ގޮތެއް ނުވި އެވެ.

އެހެން ނަމަވެސް، ދަރިވަރުންގެ މެދުގައި ކިޔުއާރް ކޯޑު ދައުރުކޮށް، ޑޮކިޔުމެންޓްރީގެ ވީޑިއޯ ލެޕްޓޮޕާއި ފޯނުން ސްޓްރީމް ކުރެވޭނެ ގޮތް ހެދި އެވެ.

އެކަން ހިނގި އިރު، ކެމްޕަހުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް އުޅުނެވެ. ދަރިވަރުން ޑޮކިޔުމެންޓްރީ ބަލަމުން ދިޔަ އިރު، ބަޔަކު އައިސް ގަލާއި ހިލަ އުކައި ހެދި އެވެ.

ދަރިވަރުންގެ ޔޫނިއަނުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. "އިންޑިއާ: ދަ މޯދީ ކުއެސްޝަން" ގެ ފުރަތަމަ އެޕިސޯޑް ނެރުނީ ޖެނުއަރީ 17 ގަ އެދެ. ދެ ވަނަ ބައި ނެރުނީ އަންގާރަ ދުވަހު އެވެ.

އެއީ 2002 ވަނަ އަހަރު ގުޖަރާތު ސްޓޭޓުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވި އިރު ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅޭ ޑޮކިޔުމެންޓްރީއެކެވެ.

އެ ހަމަނުޖެހުމުގައި ގިނައިން މަރުވީ މުސްލިމުންނެވެ. އެ ހާދިސާގައި މޯދީ އަދާކުރެއްވި ދައުރާ ގުޅޭ ގޮތުން "އިންޑިއާ: ދަ މޯދީ ކުއެސްޝަން" ޑޮކިޔުމެންޓްރީގައި ސުވާލު އުފައްދާފައިވެ އެވެ.

ގުޖަރާތުގައި 2002 ވަނަ އަހަރު ހިނގި ހަމަނުޖެހުމުގައި 1000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. ހަމަނުޖެހުން ފެށީ ހިންދޫ ދީނުގެ މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ރޭލެއްގައި ރޯވެ 59 މީހުން މަރުވުމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ބުނީ އެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 2000 އަށް ވުރެ މަތިވާނެ ކަމަށެވެ. ހަމަނުޖެހުން ހުއްޓުވުމުގައި މޯދީ ފެއިލްވި ކަމަށް ކުރާ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވަ އެވެ.

އެ ހަމަނުޖެހުމުގައި މޯދީ އާއި އެހެން މީހުންގެ ބައިވެރިވުން ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ހާއްސަ ތަހުގީގީ ޓީމެއް އުފެއްދި އެވެ. އެ ޓީމުން 2012 ގައި ނެރުނު 541 ސަފުހާގެ ރިޕޯޓުގައި ބުނީ މޯދީއާ ދެކޮޅަށް ދައުވާ އުފުލަން ޖެހޭ ފަދަ ހެއްކެއް ނުފެނުނު ކަމަށެވެ.

ހިންދޫ ދީން ފަތުރަން މަސައްކަތް ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ލީޑަރު ކަމަށް މޯދީ ވަޑައިގެންނެވީ އޭގެ ފަހުންނެވެ. މޯދީ ވެރިކަމަށް ވަޑައިގެންނެވީ 2014 ގެ އާއްމު އިންތިހާބުން ކުރި ހޯއްދަވައިގެންނެވެ. ދެ ވަނަ ފަހަރަށް އިންތިހާބުވީ 2019 ގަ އެވެ.

މިދިޔަ ހަފުތާގައި އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ބީބީސީ ޑޮކިޔުމެންޓްރީއަކީ "ޕްރޮޕެގެންޑާ" ކަމަށާއި ބޭނުމަކީ "އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް" ފެތުރުން ކަމަށެވެ.