25 ޖަނަވަރީ 2023 - 12:31 1
އަހުމަދު އާއިދު
ކުރީގެ ރައީސް ޔާމީނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު: ވިދާޅުވީ އިންތިހާބާ ކުރިމަތިލާންވީމާ ރައީސް ސޯލިހު މިހާ ފިނޑިވެގެން ނުވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
25 ޖަނަވަރީ 2023 - 12:31 1
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ބޭއިންސާފުން ކަމަށާއި، އިންތިހާބާ ކުރިމަތިލާންވީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާ ފިނޑިވެގެން ނުވާނެ ކަމަށް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލް މިހެން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރާ އިދިކޮޅު ކޯލިޝަނުން މިއަދު ބައްދަލުކުރުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، އިދިކޮޅު ކެންޑިޑޭޓު ޖަލަށް ލުމަށްވުރެ އެމްޑީޕީއިން ކެރެން ޖެހޭ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.
"އިންތިހާބަށް ކުރިމަތިލާންވީމާ މިހާ ފިނޑިވެގެން ނުވާނެ ނޫންތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދަނޑަށް ކުޅެން އަރަންވެސް ދޭން ވާނެ ނޫންތޯ، ދެފައިގަ ޖަހާ ދެފައި ބިންދާލައިގެން ނޫންތާ ތިމަންނަ މެޗުން މޮޅުވާން ޖެހޭނީކީ" ޖަމީލު ވިދާޅުވި އެވެ.
އޭގެއިތުރުން ޖަމީލް ވިދާޅުވީ ސެލެކްޓިވް ޕްރޮސެކިއުޝަން އަކީ ކުށެއް ކަމަށް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ގަބޫލުކުރާ ކަމަށާއި ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސެލެކްޓިވް ޖަސްޓިސްގެ ދަށުން ކޮށްފައިވާ ހުކުމެއް ކަމަށެވެ.
"މިސާލަކަށް ދަންނަވާކަމަށް ވަންޏާ [ސުވާލު ކުރަން އެބަޖެހޭ] ކީއްވެހޭ ރައީސް ޔާމީން، ކޮބާހޭ ސަރުކާރުގެ ތެރޭ ތިބި ވަޒީރުން، ކޮބާހޭ މަހުލޫފު، ކޮބާހޭ ދެން ތިބި މީހުން، ކޮބާހޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރެވޭ ތުހުމަތުތައް،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ތަކުރާރުކޮށް ފާހަގަކުރެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ 260 އަށްވުރެ ގިނަ މީހުން ހިމެނޭއިރު، ހަމައެކަނި ރައީސް ޔާމީނަށް ހުކުމް ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި، އިންސާފުގެ ނަމުގައި ވަކި ފަރާތަކަށް އަނިޔާދިނުން އެއީ މިއަދު ދިވެހިންނާއި ބައިނަލްއަގުވާމީ ކޮމިއުނިޓީއިންވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށް ޖަމީލު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އެ ހުކުމަށްފަހު އިދިކޮޅުން އަންނަނީ ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި، ޖަމްއިއްޔާތަށް އަދި ކަމާބެހޭ އެކި އިދާރާތަކަށް ޒިޔާރަތްކޮށް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށްބުނެ އެހީއަށް އެދި މަޝްވަރާ ކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment