25 ޖަނަވަރީ 2023 - 10:19 0
ނިމާ ހަސަން
ނިމިދިޔަ ކުއާޓަރުގައި މީރާގެ އާމްދަނީ އަންދާޒާ ކުރިވަރަށްވުރެ 53 ޕަސަންޓު އިތުރު
25 ޖަނަވަރީ 2023 - 10:19 0
ނިމިދިޔަ ކުއާޓަރުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ލިބުނު އާމްދަނީ، އަންދާޒާ ކުރި ވަރަށްވުރެ 53 ޕަސަންޓު އިތުރުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 5.36 ބިލިއަން ރުފިޔާ އެވެ. މީރާއިން ބުނާ ގޮތުގައި އެއީ 2021 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 25 ޕަސަންޓު އިތުރު އަދަދެކެވެ. އަދި އެއީ މިއަހަރަށް އަންދާޒާ ކުރިވަރާ އަޅާބަލާއިރު 53 ޕަސަންޓު އިތުރުވުމެކެވެ.
ފަހު ކުއާޓަރުގައި މީރާގެ އާމްދަނީ އިތުރުވީ 2021 ވަނަ އަހަރާ އަޅާބަލާއިރު، ރާއްޖެއަށް ފަތުރުވެރިން އައި އަދަދު އިތުރުވުމުންނެވެ. އެގޮތުން ފަތުރުވެރިކަމާ ގުޅުންހުރި ޓެކުހާއި ފީތައް ލިބުނު މިންވަރު އިތުރުވެފައިވާ ކަމަށް މީރާގެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނީ އަންދާޒާ ކުރިވަރަށްވުރެ އާމްދަނީ އިތުރުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ، އިންކަމް ޓެކްސް، ފަތުރުވެރިކަމަށް ބިން ކުއްޔަށް ދިނުމާއި އެއާޕޯޓު ޓެކްސް އަދި ފީ އިތުރުވުމުން ކަމަށެވެ. އޭގެ އިތުރިން ލީޒް ޕީރިއަޑް އެކްސްޓެންޝަނުގެ ގޮތުގައި 72.50 މިލިއަން ޑޮލަރު ލިބުމުން ވެސް އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ ކުއާޓާގައި މީރާއިން އަންދާޒާކުރީ ޓެކްސް އާމްދަނީގެ ގޮތުގައި 2.67 ބިލިއަން އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 0.80 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް އެ ކުއާޓާގައި މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު 5.36 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.24 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.11 ބިލިއަން ރުފިޔާ އެވެ.
އެއީ އަންދާޒާ ކުރިވަރަށްވުރެ ޓެކްސް އާމްދަނީން 21 ޕަސަންޓު އަދި ޓެކްސް ނޫން އާމްދަނީން 162 ޕަސަންޓު އިތުރުވުމެކެވެ.
Comment