25 ޖަނަވަރީ 2023 - 10:12 0
ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ޖޮއެލިންޓަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
25 ޖަނަވަރީ 2023 - 10:12 0
ލަންޑަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލި ސައުތެމްޓަން އަތުން 1-0 އިން މޮޅުވެ، ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ނިއުކާސަލް އިން އެންމެ ފަހުން، ކަޕް ފައިނަލެއްގައި ކުޅެފައިވަނީ 1999 ވަނަ އަހަރު އެފްއޭ ކަޕް ފައިނަލުގަ އެވެ. ޑޮމެސްޓިކް ބޮޑު މުބާރާތެއްގެ ތަށި އެންމެ ފަހުން ނިއުކާސަލް އިން ހޯދީ 1955 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ނިއުކާސަލް ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ނިއުކާސަލަށް ލީގު ކަޕް ފައިނަލުގެ ފުރުސަތު ހޯދޭނެ އެވެ. އެ ޓީމުން އެންމެ ފަހުން ލީގު ކަޕް ފައިނަލެއްގައި ކުޅުނީ 1976 ވަނަ އަހަރު އެވެ. އެ ފަަހަރު މެންޗެސްޓާ ސިޓީ އަތުން ވީ ބައްޔެވެ.
ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްގެ ޖޮއެލިންޓަން ޖެހި ގޯލެއް ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ. އޭނާ ގޯލު ޖެހުމުގެ ކުރިން ވަނީ އަތުން ބޯޅަ ކޮންޓްރޯލް ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ނިއުކާސަލްގެ މިގޭލް އަލްމިރޯން ހުސްކޮށްލާފައި ދިން ބޯޅައެއް ކުޑަ އޭރިއާ ރޮނގުކައިރިން ޖޮއެލިންޓަން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ނިއުކާސަލް އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ވެސް މެޗުގައި ގިނަ ފުރުސަތުތަކެއް ލިބުނު ޖޮއެލިންޓަން އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ނިއުކާސަލްގެ އަލެކްސަންޑަ އިސާކް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހުރަސްކޮށްލި ބޯޅަ ޖަަހަން އެރި ޖޮއެލިންޓަން ވަނީ މި ފަހަރު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ސައުތެމްޓަންގެ އެޑަމް އާމްސްޓްރޯންގް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދޭން ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ބޯޅަ ގޯލަށް ވަންއިރު، އާމްސްޓްރޯންގް އަތުގައި ޖެހިފައިވާތީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ.
މެޗުގެ 86 ވަނަ މިނިޓްގައި ސައުތެމްޓަންގެ ކްރޮއޭޝިއާ ޑިފެންޑަރު، ޑޫޖް ޝަލޭޓާ-ޝާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ.
Comment