Advertisement

ކިމިކް ފަހު ވަގުތު ގޯލު ޖަހައި ބަޔާން ސަލާމަތްކޮށްދީފި

25 ޖަނަވަރީ 2023 - 09:41 0

ބަޔާންގެ ކިމިޗް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ކިމިކް ފަހު ވަގުތު ގޯލު ޖަހައި ބަޔާން ސަލާމަތްކޮށްދީފި

25 ޖަނަވަރީ 2023 - 09:41 0

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި ރޭ އެފްސީ ކޮލޯން އަތުން ބަޔާން މިއުނިކް ބަލިވާން ދަނިކޮށް، އެ ޓީމުގެ ތަރި، ޔޯސުއާ ކިިމިކް ފަހު ވަގުތު ލަނޑު ޖަހައި، 1-1 އިން އެެއްވަރުކޮށް، ބަޔާން ބަލިނުވެ ސަމާލަތްކޮށްދީފި އެވެ.

ރޭގެ ނަތީޖާތަކަށް ފަހު އެއް ވަނައިގައި ބަޔާންގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ބަޔާން އެއް ވަނައިގައި އޮތީ 17 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އަށް ޖެހިލީ ރޭ ޝާލްކާ އަތުން 6-1 އިން މޮޅުވި، އާރްބީ ލައިޕްޒިގު އެވެ. ލައިޕްޒިގަށް ވަނީ 17 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ފްރޭންކްފާޓާއި ހަތަރެއްގައި އޮތް ޔޫނިއަން ބާލިން އަދި ފަސް ވަނައިގައި އޮތް ފްރައިބާގަށް ވަނީ 16 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. މި ތިން ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް މެޗު ހަމަކުރާއިރު، ބަޔާނާ ތިން ޕޮއިންޓަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.

ބަޔާންގެ އަލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ކޮލޯން އިން ލީޑުނެގި އެވެ. މިއީ ކޯނަރެއްގައި ކޮލޯންގެ ޖޫލިއަން ޗަބޮޓް ޖައްސާލި ބޯޅައަކަށް ހުސްކޮށް އަރައި، އެލްޔެސް ޝްކީރީ ޖެހި ގޯލެކެވެ. މެޗުގެ 28 ވަނަ މިނިޓްގައި ކޮލޯން އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ޝްކީރީ ތަނަވަސްކުރި ފުރުސަތު ހުއްޓުވީ ބަޔާންގެ ކީޕަރު ޔެން ސޮމާ އެވެ.

ކޮލޯން އިން ރަނގަޅަށް ޑިފެންްސް ކުރި މި މެޗުގައި ބަޔާނަށް އެއްވަރުކޮށްދޭން މެޗުގެ 79 ވަނަ މިނިޓްގައި އެ ޓީމުގެ ތޯމަސް މުލާ ބޮލުން ޖެހި ބޯޅަ ކޮލޯންގެ ކީޕަރު، މާވިން ޝްވާބޭ ވަނީ މަަތަކޮށްފަ އެވެ.

ބަޔާންގެ ގޯލު ޖަހައިދިނީ މެޗުގެ 90 ވަނަ މިނިޓްގައި ކިމިކް އެވެ. މިއީ ބަޔާންގެ ޑިފެންޑަރު، ޑަޔޫޓް އުޕަމެކާނޯ ދިން ބޯޅައެއް ހާފުގެ މެދެއްހާ ހިސާބުން ކޮންޓްރޯލް ކުރުމަށް ފަހު ކިމިކް ޖެހި ގޯލެކެވެ. ކިމިކް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ކިމިކްގެ ގޯލާ އެކު، ނަތީޖާ ހަމަހަމަވެ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ބަޔާން ބަލިވުމުން ސަލާމަތްވީ އެވެ. އެކަމަކު، އެ ޓީމަށް އޮތް ކަންބޮޑުވުމަކީ ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު އެނބުރި އައިސް ނަތީޖާ ނެރުމުގައި ދިމާވާ މައްސަލަ އެވެ.

ރޭގެ މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މޮޅުވާން ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވުނު ކަމަށާއި ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ޓީމު ހަމަޔަކަށް އެޅެން ނަގާ ވަގުތު ދިގުލައިިދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.