Advertisement

ލިވަޕޫލް ޓީމުގައި އުޅެނީ ނަފްސާނީ މައްސަލައެއް: ތިއާގޯ

25 ޖަނަވަރީ 2023 - 09:43 0


ލިވަޕޫލް ޓީމުގައި އުޅެނީ ނަފްސާނީ މައްސަލައެއް: ތިއާގޯ

25 ޖަނަވަރީ 2023 - 09:43 0

ލަންޑަން (ޖެނުއަރީ 25) - ލިވަޕޫލަށް މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ މިދިޔަ އަހަރުގެ ސީޒަންގައި ހަތަރު ތަށްޓަށް ވާދަކޮށް، ސީޒަން ނިމުނުއިރު ފަހު ވަގުތު އެ ކާމިޔާބީ ނުލިބުމުން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ބުނެފި އެވެ.

މިދިޔަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި ލިވަޕޫލް މި ވަގުތު އޮތީ ތާވަލްގެ ނުވަ ވަނައިގަ އެވެ. މިދިޔަ ސީޒަންގައި އެ ޓީމު އެންމެ ދެ މެޗުން ބަލިވިއިރު، ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން ހަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. މޮޅުވީ އަށް މެޗުންނެވެ.

މި ސީޒަންގެ ދަށް ނަތީޖާތަކުގެ ސަބަބުން ޓީމަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެމުން ތިއާގޯ ބުނީ އެ ޓީމަށް ދިމާވެގެން އުޅެނީ ފިޓްނަސްގެ މައްސަލައެއް ނޫން ކަމަށާއި، ކުޅުންތެރިންގެ ކުޅުމަށް އަސަރުކޮށްގެން އުޅެނީ "ސައިކޮލިޖިކަލް" ސަބަބަކާ ހުރެ ކަމަށެވެ.

ބަޔާން މިއުނިކް ދޫކޮށް ލިވަޕޫލަށް ބަދަލުވި، ތިއާގޯ ބުނީ އޭނާ އަށް ފާހަގަކުރެވުނު ގޮތުގައި އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިދިޔަ އަހަރުގެ ބޭނުންވި ކަހަލަ ބޮޑު ކާމިޔާބެއް ނުލިބުން ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ދެ ތަށި (ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު) ހޯދުމާ ކައިރިއަށް ޖެހިލާފައި ފަހު ވަގުތު އެ ކަން ހާސިލް ނުކުރެވުމުން ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މިދިޔަ އަހަރު ހަތަރު ތަށި ހޯދަން ރަނގަޅު ފުރުސަތެއް އޮތް. އަތް ލެވިފައި ދެ ތަށި ގެއްލުނީ. އޭހާ ކައިރިވެފައި އެކަން ކާމިޔާބު ނުވުމުން އަސްލު އަސަރުކޮށްފައި ކުޅުންތެރިން ތިބޭނީވެސް" ތިއާގޯ، 31، ބުންޏެވެ.

މިދިޔަ ސީޒަންގައި ލިވަޕޫލަށް ހަތަރު ތަށި ކާމިޔާބުކުރުމުގެ ފުރުސަތު އޮތެވެ. އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކަޕް އުފުލާލި ނަމަވެސް ލީގުގެ އެންމެ ފަހު ދުވަހު އެންމެ ޕޮއިންޓެއްގެ ތަފާތުން ޕްރިމިއާ ލީގު ގެއްލުނީ އެވެ. ޔޫރަޕްގެ ކުލަބު ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އެ ޓީމަށް ގެއްލުނީ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވުމުންނެވެ.

ތިއާގޯ ބުނީ ފުޓްބޯޅަ އަކީ ވެސް ނަފުސާނީ ގޮތުން ކުޅުންތެރިން ޗެލެންޖިން ކަންކަން ކުރިމަތިލާން ޖެހޭ ކަމެއް ކަމަށާއި، މިހާރު ލިވަޕޫލަށް އޮތީ މި ކަހަލަ ޗެލެންޖެއް ކަމަށެވެ. ސީޒަންގެ ފުރަތަމަ ބައިގައި އެންމެ ބޭނުންވި ކަހަލަ ނަތީޖާތަކެއް ނުނެރެވުނު ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި އެކަން ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ކުރިން ބާސެލޯނާ އަށް ވެސް ކުޅުނު ތިއާގޯ ބުނީ ލިވަޕޫލުން ބޭނުންވާވަރުގެ ކާމިޔާބީ ހޯދޭނެ ވަރުގެ ކުޅުންތެރިން އެ ޓީމްގައި އެބަތިބި ކަމަށާއި، އުނދަގޫ ދަނޑިވަޅުގައި ސަޕޯޓަރުންގެ އެހީތެރިކަން ވެސް ޓީމަށް ވަރަށް މުހިންމު ވާނެ ކަމަށެވެ.

ޖަރުމަންގެ ބަޔާން މިޔުނިކުން 2020 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ތިއާގޯ ބުނީ މިހާރު ލީގުގެ ހާލަތަށް ބަލާއިރު އެ ޓީމްގެ އަމާޒަކީ ގަދަ ހަތަރެއް ނޫނީ ޔޫރޮޕާ ލީގުގެ ޖާގަ ހޯދުން ކަމަށް ނުބުނާނެ ކަމަށާއި، ވިސްނުން ހުރީ މެޗަކަށް ފަހު މެޗަކަށް ކަމަށެވެ.

ލިވަޕޫލަށް ކުރިއަށް އޮތީ އެފްއޭ ކަޕްގެ މެޗެކެވެ. އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލް އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. ލިވަޕޫލް ވަނީ ދާދިފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 3-0ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.