Advertisement

ޝާޒިންގެ ކުލަފިހިން ތިމާވެށީގެ މައްސަލަތައް މުޅި ރާއްޖެއަށް

25 ޖަނަވަރީ 2023 - 15:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

'ދަ އައިލެންޑު އާޓިސްޓު' ގެ ނަމުން މަޝްހޫރު އަހުމަދު ޝާޒިން މުހައްމަދު ކުރެހުމެއް ކުރަހަނީ -- ފޮޓޯ: ޝާޒިން


ޝާޒިންގެ ކުލަފިހިން ތިމާވެށީގެ މައްސަލަތައް މުޅި ރާއްޖެއަށް

25 ޖަނަވަރީ 2023 - 15:11 0

ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ހާއްސަކޮށްގެން 20 އަތޮޅުގައި 'ވޯލް މިއުރަލް' ތަކެއް ކުރެހުމަށް، މަޝްހޫރު ކުރެހުންތެރިޔާ، އަހުމަދު ޝާޒިން މުހައްމަދު، 25, ތައްޔާރުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހު ފެށުމަށް ހަމަޖެހިފައިވާ އެ ޕުރޮޖެކްޓަކީ 'ދަ އައިލެންޑު އާޓިސްޓު' ގެ ނަމުން މަޝްހޫރު ޝާޒިންގެ އަމިއްލަ އިސްނެގުމުގެ މަތިން ފެށުމަށް ތައްޔާރުވަމުން އަންނަ ޕުރޮޖެކްޓެކެވެ.

"އާޓިސްޓެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ތިމާވެއްޓަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ވިސްނަމުންދަނިކޮށް އައި ހިޔާލެއް މިއީ،" އެ ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނ. ވެލިދުއަށް އުފަން ޝާޒިން ބުންޏެވެ.

ޖުމްލަ 140 ދުވަހުން ހއ. އިން ފެށިގެން އައްޑޫއަށް، ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ޝާޒިން އާއި އޭނާގެ ބައިވެރިޔާ، ރާއިދާ އަބްދުލްވައްހާބު, އާންމު ނަމުން ނަމަ ރާއީ މަޑުކޮށް އެ ސަރަހައްދަކަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަށް އަލިއަޅުވާލައި 'ވޯލް މިއުރަލް' އެއް ކުރަހާނެ އެވެ.

ކުރެހުންތައް ކުރެހުމަށް އަދި ވަކި ރަށްތަކެއް ކަނޑައެޅިފައި ނުވާ ކަމަށާއި އެހެންނަމަވެސް ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ވެސް ހުރި ރާއީ ބުންޏެވެ.

"ރަށްތައް ކަނޑައަޅާނީ ރަށުގެ ޖުމްލަ އާބާދީއާއި ލޯކަލް ޓުއަރިޒަމް އެރަށެއްގައި އޮތް މިންވަރާއި އެރަށެއްގެ ރައްޔިތުން މިކަމާ މެދު ދެކޭ ގޮތް ބަލާފައި،" ރާއީ ބުންޏެވެ.

އޭނާ ބުނީ އެ ކަންކަމަށް ބެލުމަށްފަހު ޕޮއިންޓު ދިނުމަށް ޓޭބަލެއް ވެސް ހަދާފައި ވާނެ ކަމަށާއި އަދި ރައްޔިތުންގެ ހިޔާލު ހުރިނެތް ގޮތް ބެލުމަށް މީސްމީޑިއާގައި ޕޯސްޓުތަކެއް ވެސް ހިއްސާ ކުރާނެ ކަމަށެވެ.

އެގޮތުން ހިއްސާ ކުރާ ޕޯސްޓުތަކުގައި ކުރެހުން ކުރެހުމަށް އެންމެ ގިނަ ބަޔަކު ވޯޓު ދޭ ރަށަކަށް އިސްކަން ދޭނެ ކަމަށް ރާއީ ބުންޏެވެ.

"އޭގެ އިތުރުން މިހާރުވެސް މިކަމަށް ޝައުގުވެރިކަން ހުރި ކައުންސިލްތަކަށް ފުރުސަތު އެބަ އޮތް ޝައުގުވެރިކަން ފާޅު ކުރުމަށް،" މި ޕުރޮޖެކްޓުގެ މެނޭޖަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ރާއީ ބުންޏެވެ.

ސިޔާމް ވޯލްޑުގައި ޝާޒިން ކުރަހާފައިވާ ކުރެހުމެއް -- ފޮޓޯ: ޝާޒިން


އެންވަރަމަންޓް މިނިސްޓަރީން ވެސް އެންޑޯޒު ކޮށްފައިވާ އެ ޕްރޮޖެކްޓުގައި 'ވޯލް މިއުރަލް' ކުރެހުމަށް މައުލޫއު ކަނޑައަޅާނީ ރާއްޖޭގެ އެކި ކަންކޮޅުގައި މިނިސްޓަރީން މީގެ ކުރިން ހިންގާފައި ހުރި ސާވޭތަކަށް ބެލުމަށް ފަހު އެ މިނިސްޓަރީއާ މަޝްވަރާ ވެސް ކުރުމަށް ފަހު ކަމަށް ރާއީ ބުންޏެވެ.

ވަރަށް ތުއްތު އުމުރުން ފެށިގެން ކުރެހުމުގެ ފަންނުވެރިކަމަށް ޝައުގުވެރިކަން އުފެދުނު ޝާޒިން ވަނީ އޭނާގެ އުމުރުން 16 އަހަރުގައި އެހާތަނަށް ރާއްޖޭގައި ކުރެހި އެންމެ ބޮޑު ކުރެހުން، ރަސްފަންނު ސަރަހައްދުގައި ކުރެހުމުގެ އެންމެ އިސް މީހެއްގެ ދައުރު އަދާކޮށްފަ އެވެ.

އޭނާ އަކީ ކުރެހުމާއި ފަންނުވެރިކަމަށް ޝައުގުވެރިވާ ކުދިންނަށް ކެންވަސްގައި ކުރެހުމުގެ އެންމެ އަސާސީ ހުނަރާއި 'ލައިވް އާޓު' ގެ ހުނަރުތައް ދަސްކޮށްދިނުމުގެ ކިލާސްތަކެއް ވެސް ހިންގަމުން އަންނަ ޒުވާނެކެވެ.

އޭގެއިތުރުން ގައުމީ އެމްބިއުލާންސް ސާވިސަސްގެ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތުގެ އެއްވަނަ ވެސް ޝާޒިން ހޯދާފައިވެ އެވެ. މިހާރު އެ ހިދުމަތުގެ ލޯގޯއެއްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ އެ ލޯގޯ އެވެ.