Advertisement

ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީގެ ތާއީދެއް ނުލިބޭނެ: އުރުދުގާން

24 ޖަނަވަރީ 2023 - 14:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: ރޮއިޓާޒް


ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީގެ ތާއީދެއް ނުލިބޭނެ: އުރުދުގާން

24 ޖަނަވަރީ 2023 - 14:11 0

ސްވިޑަންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީގެ ތާއީދެއް ނެތް ކަމަށް އެ ގައުމުގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

ސްވިޑަންގައި ތުރުކީ އެމްބަސީ ކައިރިއަށް އެއްވެ ގުރުއާން އެންދި މައްސަލައިގައި ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އެމެރިކާ އިސްވެ ހިންގާ އަސްކަރީ ކޯލިޝަނުގެ މެމްބަރުކަން ހޯދަން ސްވިޑަންއިން ހުށަހެޅީ މިދިޔަ އަަހަރު ޔޫކްރެއިން ހަނގުރާމަ ފެށުމުންނެވެ.

އެހެން ނަމަވެސް، ނޭޓޯގެ މެމްބަރުކަން އެއްވެސް ގައުމަކަށް ލިބޭނީ މިހާރު މެމްބަރުންގެ ގޮތުގައި ތިބި 30 ގައުމުގެ ރުހުން ލިބުމުންނެވެ.

"އަޅުގަނޑުމެންގެ ތާއީދު ލިބޭނެ ކަމަށް ސްވިޑަންއިން އުއްމީދުކޮށްގެން ނުވާނެ،" ހޯމަ ދުވަހު ރައީސް އުރުދުގާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެމްބަސީގެ ކުރިމަތީގައި ތިބެ އެފަދަ އިހްތިރާމް ކުޑަ އަމަލެއް ހިންގި ބަޔަކަށް، އަޅުގަނޑުމެންގެ އެއްބާރުލުން އޮތް ކަމަށް ހީވެގެން ނުވާނެ."

ގުރުއާން އެންދުމާ އެކު ސްވިޑަން އާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އަރަބި އަދި އިސްލާމީ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ސްވިޑަންއަށް އަމާޒުވި އެވެ.

ޑެންމާކްގެ ހާޑްލައިން ޕާޓީގެ ލީޑަރުކަން ކުރާ ޕަލުޑަންއަކީ ސްވިޑަންގެ ޕާސްޕޯޓް ވެސް އޮންނަ މީހެކެވެ. ގުރުއާން އަންދަން އޭނާއަށް ހުއްދަ ދިނުމުން ތުރުކީއިން ވަރަށް ބޮޑަށް ރުޅިގަދަވި އެވެ.

އެގޮތުން ސްވިޑަންގެ ސަފީރު ތުރުކީގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ސްވިޑަންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ކުރެއްވުމަށް ހަމަޖެހުނު ރަސްމީ ދަތުރެއް ވެސް ވަގުތުން ކެންސަލް ކުރި އެވެ.

ގުރުއާން އަންދަން ހުއްދަ ދިން ޕަލުޑަންއަކީ ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހިންގާ ކަމަށް ކުށް ސާބިތުވެފައި ހުރި މީހެކެވެ. މިދިޔަ އަހަރު ވެސް އޭނާ ވަނީ ސްވިޑަންގެ އާއްމު ތަންތަނުގައި ގުރުއާން އެންދުމުގެ ޓުއާއެއް ހިންގައިފަ އެވެ. އޭގެ ސަބަބުން ސްވިޑަންގައި ހަމަނުޖެހުން އުފެދުނެވެ.