Advertisement

ހެއްކާ ބެހޭ ގާނޫނާ އެކު މައްސަލަތައް އަވަހަށް ނިންމާ ނަތީޖާ ނެރެވޭނެ: ޝަމީމް

24 ޖަނަވަރީ 2023 - 12:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ވިދާޅުވީ ހެއްކާ ބެހޭ ގާނޫނާއެކު މައްސަލަތައް އަވަހަށް ނިންމާ ނަތީޖާ ނެރެވޭނެ ކަމަށް --


ހެއްކާ ބެހޭ ގާނޫނާ އެކު މައްސަލަތައް އަވަހަށް ނިންމާ ނަތީޖާ ނެރެވޭނެ: ޝަމީމް

24 ޖަނަވަރީ 2023 - 12:19 0

މި މަހު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނާއެކު ޝަރުޢީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމީމް އިތުރަށް ވިދާޅުވީ މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޝަރުއީ ނިޒާމު އިތުރަށް ފުރިހަމަވެ، ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މީގެ 46 އަހަރު ކުރިން އަމަލުކުރަން ފެށި އެންމެ ހަތް މާއްދާ އެކުލެވޭ ދެ ސަފުހާގެ ގާނޫނަކަށް މިހަތަނަށް އަމަލުކުރަމުން ދިޔައީ، އެއްވެސް ބަދަލެއް ގެނެވިފައެއް ނުވޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އަލަށް އަމަލުކުރަން ފެށި ގާނޫނަކީ ޒަމާނަށް ފެތޭ ގާނޫނެއް ކަމަށެވެ.

އޭގެ ކުރިން އަމަލުކުރަމުންދިޔަ ގާނޫނުގެ ސަބަބުން ޒަމާންވީ އެތައް އުނދަގުލެއް ކުރިމަތިވިކަން ފާހަގަކުރައްވަމުން ޝަމީމު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހޯދަންޖެހޭ ހެކި ހުށަހަޅާނެ ގޮތުގެ ތަފުސީލެއް މިހާތަނަށް ނެތް ކަމަށެވެ.

މިކަމުގެ ސަބަބުން އެކި ކޯޓުތަކުން ހެއްކާއި މެދު ތަފާތު އުސޫލުތަކެއް ކަނޑައެޅުމުން ވަރަށް ގިނަ ދަތިތަކެއް މިހާތަނަށް ކުރިމަތިވެފައިވާ ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

ނަމަވެސް، އަލަށް އަމަލުކުރަންފެށި ގާނޫނުގައި ހެއްކާގުޅޭ ގޮތުން އަމަލުކުރަންޖެހޭ ތަފުސީލީ އުސޫލުތަކެއް ކަނޑައެޅިފައިވުމުން ޝަރުއީ ނިޒާމް މިހާރު މިވަނީ މުޅީންހެން ފުރިހަމަ ވެފައި ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

"[މި ގާނޫނާއެކު] ޝަރީޢަތްކުރުމާ ބެހޭ ނިޒާމު މުޅިހެން ފުރިހަމަވީ. އެއީ ވަރަށް ބޮޑު ބަދަލެއް މުޅި ނިޒާމަށް އަންނާނެ ކަމެއް. އަދި ހަލުވިކަމެއް ވެސް އަންނާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަމީމް ވިދާޅުވި އެވެ.

މި މަހުގެ 18 ވަނަ ދުވަހު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުން ޝަރުއީ ނިޒާމަށް ފައިދާތަކެއް ކުރި ނަމަވެސް އެ ގާނޫނު ވެގެން ގޮސްފައިވަނީ މައްސަލަ ބޮޑު، ހިޔާލު ތަފާތުވުން ގިނަ ގާނޫނަކަށެވެ.

އެގޮތުން، އެ ގާނޫނުގައިވާ މަސްދަރު ހާމަކުރުން ލާޒިމުކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މާއްދާގެ ސަބަބުން ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވެގެންދެ އެވެ. އެގޮތުން، ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ގާނޫނުން ވަނީ ލިބިދީފަ އެވެ.