Advertisement

އެމްޕޮލީ އަތުން ބަލިވެ އިންޓަ އިން ފުރުސަތު ނަގާލައިފި

24 ޖަނަވަރީ 2023 - 07:07 0

އެމްޕޮލީގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދެވޭތޯ އިންޓަގެ ލުކާކޫ މަސައްކަތް ކުރަނީ.


އެމްޕޮލީ އަތުން ބަލިވެ އިންޓަ އިން ފުރުސަތު ނަގާލައިފި

24 ޖަނަވަރީ 2023 - 07:07 0

މިލާން (ޖެނުއަރީ 24) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އަތުން 1-0 އިން ބަލިވެ، އިންޓަ މިލާނުން ލީގުގެ ދެ ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

އިންޓަ އިން ރޭގެ މެޗަށް ނުކުތްއިރު، މޮޅުވެގެން ލީގުގެ ދެ ވަނަ އަށް އަރަން ފުރުސަތު އޮތެވެ. އެކަމަކު، ބަލިވުމުން އެ ޓީމު އޮތީ ކުރިން ވެސް އޮތް މަގާމުގަ އެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 18 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. މިރޭ ލާޒިއޯ އަތުން މޮޅުވެގެން، މިލާނަށް ދެ ވަނައިގައި ލީޑެއް ލިބި، އެއް ވަަނައިގައި އޮތް ނަޕޯލީއާ ދެމެދު ފަރަގު ކުޑަކުރެވޭނެ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް އިންޓަ އާއި ހަތަރެއްގައި އޮތް ރޯމާގެ އޮތީ 19 މެޗުން 37 ޕޮއިންޓެވެ.

އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް މައްސަލަ ދިމާވީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް، އިންޓަގެ ސްލޮވާކިއާ ޑިފެންޑަރު، މިލާން ސްކްރީނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ސްކްރީނާ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ، ރެފްރީ، އެންޓޯނިއޯ ރުޕުއާނޯގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. އަދި ދެ ވަނަ ރީނދޫ ކާޑަކީ ނުރައްކާތެރި ޓެކަލެއް ޖެހުމުން ދެއްކި ކާޑެކެވެ.

ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު އިންޓަ ކޮޅަށް އެމްޕޮލީން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ބަދަލަކަށް ކުޅެން އެރި 19 އަހަރުގެ ތޮމާސޯ ބަލްޑަންޒީ އެވެ. މިއީ އެމްޕޮލީގެ ނަދީމް ބެޖްރާމީ ދިން ބޯޅައަކުން ބަލްޑަންޒީ ކާމިޔާބުކުރި ގޯލެކެވެ. މިއީ ސީޒަނުގައި ބަލްޑަންޒީގެ ތިން ވަނަ ގޯލެވެ.

އިންޓަ އިން ވަނީ މެޗުގެ ފަހުކޮޅުގައި ބަދަލަކަށް ދެ ފޯވާޑުން ކަމަށްވާ އެޑިން ޖެކޯ އާއި ރޮމެލޫ ލުކާކޫ ކުޅެން އަރުވައިފަ އެެވެ. އެކަމަކު، ލަނޑެއް ނުޖެހި އިންޓަ ވަނީ މެޗުން ބަލިވެފަ އެވެ.

މިއީ އެންމެ ފަހުން، ލީގުގައި އެމްޕޮލީއާ ދެކޮޅަށް އިންޓަ ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.

މީގެ ފަސް ދުވަސް ކުރިން، ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޭސީ މިލާން ބަލިކޮށް އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރި އިންޓަ އަށް މި ފަހަރު ލީގު ހޯދުމުގެ ރޭހުގައި ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް އިންޓަގެ ކޯޗު ސިމޯން އިންޒާގީ ވަނީ ރޭގެ މެޗަށް ފަހު ބުނެފަ އެވެ.