24 ޖަނަވަރީ 2023 - 06:26 2
ފާތިމަތު ސާޔާ އަހުމަދު
މިދިޔަ އަހަރު ޖަޕާނުގައި އުފަންވީ 800،000 ކުދިން. -- ފޮޓޯ: ގެޓީ އިމޭޖާޒް
24 ޖަނަވަރީ 2023 - 06:26 2
ޖަޕާނުގައި ވިހެއުމުގެ ނިސްބަތް މާ ބޮޑަށް ދަށްވެ މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދިޔުން ހުއްޓެން ގާތްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވެއްޖެ އެވެ.
ޖަޕާނުގެ އާބާދީއަކީ 125 މިލިއަން މީހުންނެވެ. މިދިޔަ އަހަރު އެ ގައުމުގައި އުފަންވީ 800،000 އަށް ވުރެ މަދު އަދަދެއްގެ ކުދިންނެވެ. ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި އެ އަދަދު އުޅުނީ ދެ މިލިއަނުން މަތީގަ އެވެ.
ޖަޕާނުގެ އިތުރުން އެހެން ބޮޑެތި ގައުމުތަކުގައި ވެސް ވިހެއުމުގެ ރޭޓު ވަނީ ދަށްވެފަ އެވެ. އެކަމަކު އޭގެ ސަބަބުން ޖަޕާނަށް ކުރިމަތިވާނެ ކަމަށް ބެލެވޭ ގޮންޖެހުންތައް ބޮޑެވެ.
ޖަޕާނުގައި "ލައިފް އެކްސްޕެކްޓެންސީ" ނުވަތަ ދިރިހުންނާނެ ކަމަށް ބެލެވޭ އުމުރު މައްޗަށް ޖެހިފައި ވާތީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދަނީ އަހަރަކަށް ވުރެ އަހަރެއް އުފުލެމުންނެވެ.
މިހާރު ދުނިޔޭގައި 65 އަހަރުން މަތީގެ މީހުން އާބާދީގެ ނިސްބަތުން އެންމެ ގިނަ ގައުމަކީ، މޮނާކޯއަށް ފަހު، ޖަޕާނެވެ. ޖަޕާނުގެ 28 ޕަސެންޓު މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.
"ޖަޕާން މިހާރު މި އޮތް ހިސާބުން، މުސްތަގުބަލުގައި މުޖުތަމައެއްގެ ގޮތުގައި ކުރިއަށްދެވޭނެ ކަމާ މެދު ސުވާލު އުފެދޭ،" ބޮޑު ވަޒީރު ކިޝީޑާ ވިދާޅުވި އެވެ.
"ކުޑަކުދިންނާއި ކުޑަކުދިން ބެލެހެއްޓުމާ ގުޅޭ ސިޔާސަތުތަކަށް ސަމާލުކަން ދިނުމަކީ ލަސްކުރެވޭނެ ކަމެއް ނޫން."
ކިޝީޑާ ވިދާޅުވީ ކުޑަކުދިންނާ ގުޅުން ހުރި ޕްރޮގްރާމްތަކަށް ސަރުކާރުން ކުރާ ހޭދަ ދެ ގުނަ އިތުރު ކުރަން ބޭނުންވާ ކަމަށާއި އެކަމަށް ހާއްސަ ސަރުކާރުގެ އެޖެންސީއެއް އެޕްރީލް މަހުގެ ތެރޭގައި އުފައްދާނެ ކަމަށެވެ.
އެހެން ނަމަވެސް، މީގެ ކުރިން ވެސް ޖަޕާނުގެ ސަރުކާރުތަކުން އެފަދަ ސިޔާސަތުތައް ތަންފީޒު ކުރަން މަސައްކަތްކޮށް ކާމިޔާބުވެފައެއް ނުވެ އެވެ.
ވިހިވިހި ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނީ 2017 ވަނަ އަހަރު 128 މިލިއަން މީހުންނާ އެކު ޖަޕާނުގެ އާބާދީ ޕީކުވުމަށް ފަހު މި ގަރުނު ނިމޭ އިރު އާބާދީ 53 މިލިއަނަށް ވުރެ ދަށް ވާނެ ކަމަށެވެ. ރަސްމީ ތަފާސްހިސާބު ދައްކާ ގޮތުން މިހާރު އާބާދީއަކީ 125 މިލިއަނެވެ.
މުސްކުޅިން ގިނަވެ، ވަޒީފާ އަދާކުރާ އުމުރުގެ މީހުން މަދުވާން ފެށި ނަމަވެސް، ޖަޕާނުގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތަކަށް މާ ބޮޑު ލުޔެއް ނުދެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ އިމިގްރޭޝަން ސިޔާސަތުގައި ލުއިތައް ދިނުމެވެ.
ވިހެއުމުގެ ނިސްބަތް މަދުވާ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދު އިތުރުވުމާއި، އަންހެނުން ތައުލީމް ހާސިލް ކުރުމާއި ވަޒީފާ އަދާކުރުން އިތުރުވުމާއި، ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ފަސޭހައިން ލިބެން ހުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިދިޔަ ހަފުތާގައި ޗައިނާއިން ބުނީ ފާއިތުވި 60 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ އާބާދީ ވެސް ދަށްވެފައިވާ ކަމަށެވެ.
Comment