Advertisement

ހުލާސާކޮށް އިއްޔެ: ސަރުކާރާ ދެކޮޅަށް އިދިކޮޅުން އޭސީސީއަށް

24 ޖަނަވަރީ 2023 - 08:49 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ސަރުކާރާ ދެކޮޅަށް އިދިކޮޅުން އޭސީސީއަށް

24 ޖަނަވަރީ 2023 - 08:49 0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނާ ދިމާކޮށް ސަރުކާރުން މާލެ އާއި ބައެއް ރަށްރަށުން ވަޒީފާ ދިނުމާއި ގޯތި ދޫކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ އެކަންތައް ބަލައިދިނުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދުނީ އިއްޔެ އެވެ.

އޭސީސީއަށް އިއްޔެ ވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލާއި ޕީއެންސީގެ ނައިބުންގެ ތެރޭގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާ އެވެ.

އެ ބައްދަލުވުން ނިންމާލުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އިންތިހާބާ ދިމާކޮށް ކޮންޓްރެކްޓް އުސޫލުގެ ގިނަ ވަޒީފާ ދޫކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރަށް ޝުޖާއު ވިދާޅުވީ އެތެރޭގެ ޕްރައިމަރީއާ ދިމާކޮށް ބައެއް ރަށްރަށުން ގޯތި ދޫކުރުމަކީ ވެސް ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. ރަށްރަށުގެ ފަޅުތަކުގައި ބިން ހިއްކާފައި އޮންނަތާ އެހާ ދުވަސްވެފައިވާއިރު ވެސް މީގެ ކުރިން ގޯތި ދޫކުރަން އިއުލާންކޮށްފައި ނެތް ކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.

"[ކުރީގެ] ރައީސް [އަބްދުﷲ] ޔާމީން ހިއްކާފައިވާ ބިމުން ގޯތި ކަނޑާފައި ދޭނަމޭ ރައީސް ސޯލިހު އެބަ ވިދާޅުވޭ، މި ވޯޓާ ދިމާކޮށް، ހެޔޮ ހިތުން ގޯތި ކަނޑާފައި ދޭން މި އޮތް ހަތަރު ދިޔައީތާ، އެކަމަކު ވޯޓަށް ނުފޫޒު ފޯރުވަން މިހާރު އެ ގޯތި ދޫކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.

އިންތިހާބުތަކާ ދިމާކޮށް، ވެރިކަން ކުރާ ޕާޓީން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ވަނީ އެ މައްސަލަތައް ބެލުމަށް ގޮވާލައިފަ އެވެ.

އެގޮތުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕެއިނުގެ ހޭޝްޓެގުތައް ހިމެނައިގެން އެ ކެމްޕޭނަށް ހިތްވަރު ލިބޭ ގޮތަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ޓްވީޓު ކުރުން ޓްރާންސްޕޭރެންސީން ވަނީ ކުށްވެރިކޮށްފަ އެވެ.

އެއީ ދައުލަތުގެ އެއްވެސް މުދަލެއް ވަކި ސިޔާސީ ޕާޓީއެއްގެ ބޭނުމަށް ނުވަތަ، ވަކި ޕާޓީއެއްގެ ފައިދާއަށްޓަކައި ބޭނުން ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު މަގާމުގެ ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި ކުރި ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމީ އިއްޔެ އެވެ.
  • ރެޑިސަން ބްލޫ މޯލްޑިވްސް ހިންގަމުންް އަންނަ އދ. ހުރުއެޅީގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ އީއައިއޭ ނުހަދައި އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ އެ ރިސޯޓު 28 މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ އިއްޔެ އެވެ.
  • ސަރުކާރުން ނިންމާފައިވާ މަޝްރޫތައް ހުޅުވުމަށް ރިބަން ކަނޑަން ޖެހޭ އަދަދު އިތުރު ވަނީ މި ސަރުކާރުން ޕްލޭންއެއް ނުވަތަ އަމާޒެއް އޮވެގެން ކަންކަން ކުރާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ކެމްޕޭނުގެ ތެރެއިން ވިދާޅުވީ:

ޕްރައިމަރީ އަޅުގަނޑު ދެކެނީ، އިރާދަކުރެއްވިއްޔާ މިއޮތީ އަޅުގަނޑުމެންނަށް ކާމިޔާބުކުރެވިފަ, އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވަޔަކަށް [ރިޔާސީ އިންތިހާބަށް] އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތް

ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ. އެމަނިކުފާނާ އެކު ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުނައްވަރާއި ދިޔާނާ ސައީދު ވަޑައިގެންނެވި. މި އިންތިހާބުގައި އެންމެ ފޯރިގަދަކޮށް ކެމްޕޭން ކުރަމުން އަންނަ އެއް ދާއިރާއަކީ އައްޑޫ --- ފޮޓޯ: ފިކުރެއްގެ ދިރުން ކެމްޕޭން ޓީމު