Advertisement

ދިގު ވާހަކަ: ކެތްކުރާނަން

23 ޖަނަވަރީ 2023 - 10:45 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ކެތްކުރާނަން

23 ޖަނަވަރީ 2023 - 10:45 1

(ފަހުބައި)

"ލަބީބު ކީއްވެ އަހަންނަށް އަނިޔާކުރާންވީ؟" އަހަންނަށް އަހައިލެވުނެވެ.

މާޒިޔާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާގެ އެ ބެލުމުގައި ހުރީ އާދަޔާ ޚިލާފު ގޮތެކެވެ. ތަފާތު އިހުސާސެކެވެ. ބޮޑެތި ވާހަކަތަކެއް ކިޔައިދޭ ކަހަލަ ޖަޒުބާތެކެވެ. އޭނާގެ ނިތަށް އެރި ދެ ރުލާއި ލޮލަށް ހަދައިލި ގޮތުން އެހެން ކަމެއް ވެސް އަހަންނަށް މޭރުންވި އެވެ.

"ކީކޭ ބުނަން އުޅުނީ؟" އަހަރެން އަހައިލީމެވެ.

"ރިޔާޒަކީ ވަރަށް ރަނގަޅު މީހެއްދޯ؟" މާޒިޔާ އަހައިލި އެވެ.

"އާން!" ވިސްނައިލުމެއް ނެތި އަހަރެން ބުނެލީމެވެ.

"ލަބީބު އެއީ އަދި މާ ރަނގަޅު މީހެއްދޯ؟" އަނެއްކާ ވެސް މާޒިޔާ ބުނެލި އެވެ.

"އާން! އެއްވެސް މީހަކު ނުބައެއް ނޫން. ނުލަފައެއް ނޫން."

"ރިޔާޒު ކީއްވެ ނިޒޫއަށް ތިހެން ހަނދަންވީ؟"

"އޭނާއަށް އެނގުނީ ހެން ހީވަނީ." ވިސްނައިލުމެއް ނެތި އަހަންނަށް ވާހަކަ ދެއްކެވެމުން ދިޔަ އެވެ.

"ކޮން ކަމެއް؟"

"އަހަރުމެން ދެ މީހުން ކޮޓަރީގައި ތިބިކަން."

"ކޮޓަރީގައި؟" މާޒިޔާ އަހައިލި އެވެ.

އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހައިލީމެވެ.

"ކާކު ބުނާނީ؟" އަނެއްކާ ވެސް މާޒިޔާ ސުވާލުކޮށްލި އެވެ.

ހަގީގަތުގައި ކަންކަން ވެގެން އުޅޭ ގޮތެއް އަހަންނަކަށް ސާފެއް ނުވެ އެވެ. ހިނގައި ދިޔައީ ކޮން ކަމެއްކަން ވެސް އަހަންނަކަށް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ބޮޑު ކަމެއް ހިނގައިފި ކަމެވެ. ބޮޑު ކަމެއް ވެއްޖެ ކަމެވެ. އެކަމެއްގެ ރޯޅިތައް އަހަންނަށް ފޯރައިފި ކަމެވެ. އެއީ އަހަންނާ ގުޅުން ހުރި ކަމެއް ކަމެވެ.

"އަސްލު ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.

"ކީއްވެ ރިޔާޒުގެ މަންމައަށް އެހެން ހަދަންވީ؟" މާޒިޔާ އަހައިލި އެވެ.

"ރިޔާޒުގެ މަންމަ؟" އަހަންނަށް ސުވާލު ކޮށްލެވުނެވެ.

ރިޔާޒުގެ މަންމަގެ ވާހަކަ ބުނާއިރަށް އަހަރެންގެ ސިކުނޑީގައި ތަފާތު މަންޒަރުތަކެއް ދައުރުވާން ފެށި އެވެ. ކުރިން ނުފެންނަ ތަފާތު މަންޒަރުތަކެއް ތަކުރާރުވާން ފެށި އެވެ. އޭނާގެ މަންމަގެ އަޑު އިވެމުން ދިޔަހެން ހީވާން ފެށި އެވެ.

"ބޮލުގައި ރިހެން ފަށައިފި." އަހަންނަށް ބުނެލެވުނެވެ.

"އޯކޭ. ދެން އިހަށް ރެސްޓްކޮށްލަމާ ދޯ. މާބޮޑަށް ކަންކަމާ ވިސްނާން ފެށީމަ ތިހެން ވެދާނެ. އިހަށް ހަމަޖެހިލާ. އަހަރެން އެބަ އަންނަށް ބޭރަށް ގޮސްލައިފަ،" މާޒިޔާ ކޮޅަށް ތެދުވި އެވެ. "ނަރުސް ކުދީން ތިބޭނެ. އެހެން މީހަކަށް މި ތަނަކަށް ނުވަދެވޭނެ."

"ކީއްވެ؟ ރިޔާޒަށް ގޮވައިލަދީބަލަ." އަހަރެން އެދުނީމެވެ.

"ފަހުން. މި ވަގުތު ނިޒޫއަށް ބޭނުންވާނީ އަރާމުކުރުން. ރެސްޓުކޮށްލާ!" މާޒިޔާ ހިނިތުންވެލި އެވެ.

އޭނާގެ ހަރަކާތްތަކަށް ބަލަން އަހަންނަށް އޮވެވުނީ އެވެ. އަތުގައި އޮތް ތޮފި ނަގައި ބޮލަށް ހެޔޮވަރުކޮށްލި އެވެ. އެހައި ހިސާބުން މާޒިޔާގެ އަސްލު ހައިބަތު އަހަންނަށް ފާހަގަވި އެވެ. ޕޮލިސް އޮފިސަރެއްގެ މަގާމުގައި ހުރި މީހަކު އެހާ ލޯބިން އަހަންނާ ވާހަކަ އެ ދެއްކީ ކީއްވެބާއޭ ހިތަށް އެރި އެވެ. މާޒިޔާގެ ހިނިތުންވުމުގެ ބަދަލުގައި އަހަންނަށް ވެދުން ކުރެވުނީ ހިނިތުންވުމެކެވެ. އެ ވެސް ގަދަކަމުންނެވެ.

މާޒިޔާ ނުކުންނަން ދެން ދޮރާ ދިމާއަށް ބަލަން އަހަންނަށް އޮވެވުނެވެ. ހުދުކުލައިން ދިއްލިފައިވާ އެ ކޮޓަރި ހިމޭންވަމުން ދިޔަ އެވެ. މެޝިންތަކުގެ ހިނގުމުގެ އަޑު ފިޔަވާ އިތުރު އަޑެއް އަހަންނަކަށް ނީވެ އެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ.

އެކި ފަހަރު އެކި މަންޒަރު ފެންނާން ފެށި އެވެ. އައިވީ ފުޅިން ވެއްޓޭ ތިކި ފެނިދާނެ އެވެ. ހަށިގަނޑަށް ކަށްޓެއް ހަރައިލާ ތަން ފެނިދާނެ އެވެ. މީހެއްގެ ހަޅޭއްކުގެ އަޑު އިވިދާނެ އެވެ. އެއާ ވިދިގެން މީހުންގެ ހޭލަމޭލަވުންތައް ފެނި ދާނެ އެވެ. ދުރުން މާ ދުރުން ސައިރަންގެ އަޑު އިވޭހެން ހީވެދާނެ އެވެ. ބާރުބާރަށް މީހަކު ދުވެފައި އަންނަހެން ހީވެދާނެ އެވެ. އެސްފިޔަ ޖަހާ މަންޒަރު ނުހަނު ކައިރިން ފެނިދާނެ އެވެ. ހީވަނީ ފިލްމީ މަންޒަރުތަކެއް ސިކުނޑީގައި ތަކުރާރުވާ ހެންނެވެ. ރޯލު އަވަސްވެފައިވާ މަންޒަރުތައް އުކެމުން އުކެމުންދާ ހެންނެވެ.

"ނިޒުލިހާ!" އަހަންނަށް ހީވީ ކަންފަތްބުޑުގައި މީހަކު ހަޅޭއްލަވާ ގަތް ހެންނެވެ.

އެހެންވެ ދެ ލޯ ބޮޑުކޮށްލުމަށްފަހު ބަލައިލީމެވެ. ނަމަވެސް، އެއްވެސް މީހަކު ނުފެނުނެވެ. އަނެއްކާ ވެސް ލޯ މަރައިލީމެވެ. މިފަހަރު އެ އަޑު އިވުނީ ތަންކޮޅެއް ދުރުން އިވޭ ގޮތަކަށެވެ. އެ އަޑާ ވިދިގެން ދެން އިވުނީ ބާރު އަޑުފަށް ގަނޑެކެވެ. އަހަންނަށް އެ މަންޒަރުތައް ސިފަވާން ފެށި ކަހަލަ އެވެ. އަހަންނަށް އޮވެވުނީ މުށިގަނޑު މަތީގައި ހެން ހީވާން ފެށި އެވެ.

އާއެކެވެ. އެ ފެންނަ މަންޒަރުގައި އޮތް އަންހެން ކުއްޖަކީ އަހަރެންކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. އަހަންނަށް އޮވެވުނީ ގުޑިލާން ވެސް ނޭނގިފަ އެވެ. ދެ ފަޔާއި ދެ އަތާއި ކުރުކޮށްލައިގެން، ކަކޫ މެޔާ ކައިރިކޮށްލައި ގެންނެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހުރީ މުށިގަނޑު މަތީގަ އެވެ. ބަނޑުގައި އަޅަމުން ދިޔަ ވޭނާއެކު ވޭނީ ތަދެއްގެ އަސަރުތައް ހުރީ ބޮލާ ހަމައަށް ފޯރައިފަ އެވެ.

ދުރުން އިވުނު އަޑާ އެކު ބަލައިލެވުނެވެ. އެތެރެއަށް ވަދެގެން އައީ ފިރިހެނެކެވެ. އޭނާގެ އަތުގައި އޮތީ ލަކުޑި ބުރި އެކެވެ. އޭނާގެ ދެ އަތް ވަނީ ގަޔާ ދުރުކޮށްލައިފަ އެވެ. މޭ ހުރީ ފުއްޕައިލައިފަ އެވެ. އައި ގޮތަށް އައިސް އަތުގައި އޮތް ލަކުޑި ބުރި ހޫރައިލީ އަހަންނާ ދިމާގައި ކޮޅަށް ހުރި މީހާއާ ދިމާއަށެވެ. އޭނާއަށް ލިބުނު ސިހުމާއެކު ވީތަދުން ހަޅޭއް ލަވާގަތެވެ. އެހައި ހިސާބުން އޭނާ އަރި އަޅައިލި އެވެ. އޭނާ ވެއްޓުނީ އަހަންނާ ދިމާއަށެވެ. އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެއީ ލަބީބު ކަން އެނގުމުން އޭނާގެ ސަލާމަތަށް އެ ދިމާއަށް ދެވޭތީ ބެލީމެވެ. ނަމަވެސް ގުޑިލާނެހާ ހިތްވަރު ވެސް ނެތި މީހާ ގަނޑުވި އެވެ.

އެތެރެއަށް ވަދެގެން އައި މީހާ އަތުގައި އޮތް ލަކުޑި ބުރިން ލަބީބުގެ ގައިގެ އެތައް މިތަނުގައި ބާރުބާރަށް ތަޅަމުން ދިޔަ އެވެ. ރުޅި އައިސް ފުއްޕާލައިފަވާ ކުއްތާއެއް ފަދައިން އޭނާގެ ހަރަކާތްތައް ސިފަވަމުން ދިޔަ އެވެ. މުޅިތަނަށް ލޭ ތިކި ބުރަމުން ބުރަމުން ދިޔަ އެވެ. އަހަރެން މޫނަށް ވެސް ލޭ ބުރަމުން ދިޔަ އެވެ. ނަމަވެސް އަތް ހިއްލައިލާނެހާ ހިތްވަރު ވެސް ނެތެވެ. ލޯ ހުޅުވާލާ ބޮޑުކޮށްލާނެހާ ހިތްވަރު ވެސް ނެތެވެ.

ލަބީބަށް ލިބެމުން ދިޔަ އަނިޔާއަށް ކެތްނުވެގެން އޭނާ ތެޅި ފޮޅެމުން ދިޔަ އެވެ. ސަލާމަތަށް އެދި އޭނާ ނުކުރާ ކަމެއް ނެތެވެ. ނަމަވެސް އޭނާގެ ގައިގައި ހުރި ޖޯރާއި ހިތްވަރު ވެސް ހުސްވަމުން ހުސްވަމުން ގޮސް ހުސްވީ އެވެ. އަހަންނަށް ބަލައިލެވުނީ ލަބީބުގެ މެރެމުން ދިޔަ ލޮލަށެވެ. އެންމެ ފަހުން މުޅި މީހާ ހިމޭންވި އެވެ. އިރުކޮޅެއްވީ އިރަށް މުޅި ތަން ހިމޭންވި އެވެ.

ދެން އިވުނީ އަންހެނެއްގެ ނޭވާގެ އަޑެވެ. އެމީހަކު އައިސް ކޮޓަރިއަށް ވަދެ ހަޅޭއްލަވާ ގަތް އަޑެވެ. އެއާއެކު އިތުރު އަޑުތަކެއް އިވުނެވެ. އެއްޗަކުން މީހެއްގެ ގައިގައި ޖެހުމުން އިވޭ ކަހަލަ އަޑެކެވެ.

"މަންމާ!" އެތެރޭގައި ހުރި މީހާގެ އަޑުގައި ހުރީ ވޭނީ އިހުސާސެކެވެ.

ދެން ވީގޮތް މުޅިން ސާފެއް ނުވެ އެވެ. އަހަންނަށް ވެސް ލޯ ހުޅުވާ ނުލެވުނީ އެވެ. މަޑުމަޑުން ލޯ މެރެމުން މެރެމުން ގޮސް ލޯ މެރުނީ އެވެ. ނަމަވެސް، މާހައުލުގައި ހިނގަމުން ދިޔަ ކަންކަމުގެ އަޑު އިވުނެވެ. އެ އަޑުތައް ސާފުކޮށް އިވެ އެވެ.

"ކަލޭ! ކަލޭއަކީ އަހަރެންގެ ދަރިއަކަސް އަހަރެންގެ އުފާތަކަށް ހުރަސްއެޅި ޖާހިލެއް. ކަލޭއަށް ވެސް ސަލާމަތެއް ނުވެވޭނެ. އަހަންނާއި ލަބީބު މުޅި ރަށަށް ފަޟީހަތްކޮށްލީ ހަމަ ކަލޭ. ފޭސްބުކަށް ފޮޓޯތައް އަޅައި އަހަރުމެން މުޅި ދުނިޔެއަށް ގިނަކޮށްލީ ހަމަ ކަލޭ."

އެއީ ރިޔާޒުގެ މަންމަގެ ޖުމުލައެއްކަން ޔަގީންކުރެވުނެވެ. އޭނާގެ ހަރުކަށި އެ ޖުމުލަ އާއެކު ހުރިހާ އަޑުތަކެއް އެކުގައި ކެނޑުނެވެ.

ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލީމެވެ. ގާތުގައި އިނީ މާޒިޔާ އެވެ.

"މިހާރު ދެން ހުރިހާ ވާހަކައެއް ސާފު ވެއްޖެ." މާޒިޔާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

"ލަބީބުގެ ގާތިލަކީ ރިޔާޒު، އަދި ރިޔާޒުގެ ގާތިލަކީ އޭނާގެ މަންމަ." މާޒިޔާ ބުނެލި އެވެ.

"ގާތިލު؟" އަހަރެންގެ ހިތުގައި ސުވާލުގެ ޒަލްޒަލާއެއް އުފެދުނެވެ.

"އާނ! ހުރިހާ ކަމެއް ނިމިއްޖެ. އެ ދެ މީހުން ވަޅުލިތާ މިއަދަށް ހަފުތާއެއް،" މާޒިޔާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "ނިޒޫއަށް ލިބުނު އަނިޔާގެ ސަބަބުން ކޯމާއެއްގައި އޮވެ ލޯ ހުޅުވުނީ އިއްޔެ. މިހާރު ވަރަށް ބޮޑަށް އެބަ އިމްޕްރޫވޭ."

"މަންމަ؟" އަހަންނަށް ބުނެލެވުނެވެ.

"އަމިއްލައަށް މަރުވެފަ އޮތީ،" މާޒިޔާ ލަސްލަހުން ބުނެލި އެވެ. "ދަން ޖެހިގެން."

އަހަންނަށް ހީވީ ފިލްމެއްގެ މަންޒަރުތައް ފެނިގެން ދިޔަ ހެންނެވެ.

"ސުވާލަކަށްވީ ނިޒޫއަށް މިހެން ހެދީ ކީއްވެ ހޭ؟" މާޒިޔާ އަހައިލި އެވެ. "އޭގެ ޖަވާބު ވެސް ލިބިއްޖެ."

"އަހަންނަށް ކިހިނެއް ވެފައި މި އޮތީ؟" އަހަންނަށް އަހައިލެވުނެވެ.

"ވަރަށް ބޮޑަށް އަނިޔާ ލިބިފަ. ރަހިމަށް ގެއްލުންވެ ބްލީޑްވުން ކޮންޓްރޯލް ނުވެގެން ސަރޖަރީއެއް ހަދައިފަ ރަހިމު ވެސް ނަގައިފަ. ދެން ދެފައިގަ ބަރު އެއްޗަކުން ތަޅައިފަ ހުރީމަ ކަށިމަތި ބިނދިފަ. ބޮލަށް ލިބިފަ ހުރި އަނިޔާގެ ސަބަބުން ހަނދާނަށް ވެސް އަސަރުކޮށްފަ. އެކަމަކު އެބަ ރިކަވަރވޭ." މާޒިޔާ ލަސްލަހުން ފަހަރަކު ވާހަކައެއް ބުނެދިނެވެ.

"ދިރިހުންނާނެ ކަމުގެ އުއްމީދު؟"

"އެބައޮތް. އިންޝާﷲ އަދި ރަނގަޅުވާނެ. ހުރިހާ ކަމަކުން އަރައިގަނެވި ނޯމަލް ލައިފެއް އުޅެވޭނެ. އެކަމަކު މިއީ ކެތްތެރިވާންވީ ވަގުތެއް. ކެތްކުރާންވީ ވަގުތެއް. ފުރާނައަކީ އަހަރުމެންގެ ހައްގެއް ނޫން. ފުރާނައާ ކުޅުމާއި އަމިއްލައަށް މަރުވުމަކީ އިންސާނުންނަށް ނަހީކުރައްވާފައިވާ ކަމެއް. އަމިއްލައަށް މަރުވުމަކީ އަދި މާ ބޮޑު ފާފައެއް. މި ދުނިޔޭގައި ވެސް އަދި އަންނާން އޮތް ދުނިޔޭގައި ވެސް އެއިން ފައިދާއެއް ނުކުރާނެ ކަމެއް."

އަހަރެން ހީކުރީ އަހަންނަށް ކުރިމަތިވާ ހުރިހާ ކަމެއް ފެށިގެން އަންނާނީ ސަގާފީ ތަފާތުކުރުމުގެ ސަބަބުން ކަމަށެވެ. އަހަރެންގެ ސަގާފަތާއި ލާމުގެ ސަގާފަތުގެ ފަރަގުން ކަމަށެވެ. ނަމަވެސް، އެއީ މުޅީން ރަނގަޅު ވިސްނުމެއް ނޫނެވެ. ލާމުގެ ސަގާފަތަކީ ވެސް ރީތި ސަގާފަތެކެވެ. މައްސަލައަކީ ސަގާފަތުގެ ނިވަލުގައި މަތިޖަހާން ހިންގާ ޖަރީމާތަކެވެ. ރިޔާޒުގެ މަންމަ ކުޅުނީ އެކަހަލަ ޑުރާމާއެކެވެ. އޭނާގެ ސިއްރުވަޅުގައި ޖެހީ ސަގާފީ މައްޗެކެވެ. ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެއީ މިއަދު މާޒީއަށް ވެއްޖެ އެވެ. ސަގާފަތުގެ ނިވަލުން ޖަރީމާ ހިންގި މައިދައެއްގެ ވާހަކައިން ވެސް އިބުރަތެއް ލިބޭނެ ފިލާވަޅަކަށް މިކަން ވެސް ވާނެތާ އެވެ.

ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މާޒިޔާގެ ވާހަކަތާއި އަހަރެން ތަޖުރިބާ މި ކުރި ހުރިހާ ކަމެއް އެއްކޮށްލުމުން ވަށައިޖެހި ލައިޖެހިއްޖެއެވެ. ދިރިއުޅުމަކީ މިއީތާ އެވެ. ކޮންމެ ހާލެއްގައި ވެސް ދިރިއުޅުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ. ކެތްތެރިކަމާއެކު ކެތްކޮށްގެން އަހަރެން ދިރިއުޅޭނަމެވެ. ދިރިއުޅުމުގެ އަޑިގުޑަން މައިދާނުން އަހަރެން އެތައް ދަރުހެއް މިއަދު ލިބިގެންފީމެވެ. އެތައް ކަމެއް ދަސްކޮށްފީމެވެ. މި ހަޔާތުގެ ވާހަކައިން އެތައް ކަމެއް ދަސްވާނެ ކަމަށް އުއްމީދު ކުރަމެވެ. އަހަރެންގެ ވާހަކައަކީ ހަގީގަތެއް ކަމަށް ގަބޫލުކޮށްފި ކޮންމެ މީހަކަށް މި ވާހަކައިން އެތައް ދަރުހެއް ލިބޭނެއެވެ.

(ނިމުނީ)